އަމާނާ ތަކާފުލްއިން ހިއްސާގެ ފައިދާގެ ގޮތުގައި 10 ޕަސަންޓު ބަހަނީ

އަމާނާ ތަކާފުލްގެ އޭޖީއެމްއަށްފަހު ހިއްސާދާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ އަމާނާ ތަކާފުލް

އަމާނާއިން ރާއްޖޭގައި އޮޕަރޭޓްކުރާ އިންޝުރަންސް ކުންފުނި އަމާނާ ތަކާފުލް މޯލްޑިވްސްއަށް 2017 ވަނަ އަހަރުގެ މާލީ ފައިދާއިން ހިއްސާދާރުންނަށް 10 ޕަސަންޓު ބެހުމަށް ނިންމައިފިއެވެ.

އިއްޔެ އަމާނާ ތަކާފުލްއިން ވަނީ އެކުންފުނީގެ ހަތްވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފައެވެ.

އަމާނާ ތަކާފުލްއިން މިދިޔަ އަހަރު ފައިދާގެ ގޮތުގައި ޓެކްސް ނުކަނޑައި 3.9 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. އެއީ 87 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 6.7 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 228 ޕަސަންޓުގެ ކުރިއެރުމެކެވެ.

އަމާނާ ތަކާފުލްއިން ބުނި ގޮތުގައި މިދިޔަ އަހަރަކީ އެކުންފުނިން އިންޝުއަރަންސް ކްލެއިމްސްގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރި އަހަރެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަމާނާ ތަކާފުލްގެ އޮންލައިން ޕޯޓަލް އުފައްދައި، އޭޖެންޓުންނާއި ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިން އިރު، ޚިދުމަތް ފޯރުކޮށްދިނުމުގައި އިތުރު ޓެކްނޮލޮޖީ ބޭނުންކުރާނެކަމަށް އަމާނާ ތަކާފުލްއިން ބުނެއެވެ.

މި ކުރިއެރުންތަކާ އެކު އަމާނާ ތަކާފުލްއިން ނިންމާފައިވަނީ މިދިޔަ އަހަރު އިންޓަރިމް ޑިވިޑެންޑުގައި ބެހި މިންވަރުވެސް ހިމެނޭ ގޮތަށް، 2017 ގެ ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއެއްގެ މޫނުމަތީ އަގުގެ 10 ޕަސަންޓު ބެހުމަށެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްގެ ޗެއާމަން ތައްޔިބު އަކްބަރު އަލީ ވިދާޅުވީ އެކުންފުނިން އަހަރުން އަހަރަށް ދަނީ ބޮޑެތި ކާމިޔާބުތަކެއް ހޯދަމުން ކަމަށެވެ.

"އިންޝުއަރަންސް ވިޔަފާރީގައި ކުރު ރާސްތާގެ ފައިދާތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ރޭޓްތައް ދަށްކުރުމުގެ އޮއިވަރެއް ދިޔަ ނަމަވެސް އަޅުގަނޑުމެން ދެމިތިބޭނީ ކޯޕަރޭޓް ގަވަނަންސް ކޯޑާއި ވިޔަފާރީގެ އަޚުލާގު ނެގެހެއްޓުމުގައި،" އަމާނާ ތަކާފުލްގެ ޗެއާމަން ވިދާޅުވިއެވެ.

comment ކޮމެންޓް