އަމާނާ ތަކާފުލްއިން ގޭތެރޭ ގެންގުޅޭ ސާމާނު އިންޝުއާ ކުރެވޭ ޕެކޭޖެއް

އަމާނާ ތަކާފުލްއިން ރެންޓާސް ތަކާފުލް ޕެކޭޖު ތައާރަފުކުރުން--

ގޭތެރޭ ގެންގުޅޭ ސާމާނަށް އަލިފާނުގެ ހާދިސާއަކުން ލިބިދާނެ ގެއްލުމަކުން ބަދަލު ލިބޭ ޕެކޭޖެއް އަމާނާ ތަކާފުލްއިން ތައާރަފުކޮށްފި އެވެ.

"ރެންޓާސް ތަކާފުލް"ގެ ނަމުގައި އިއްޔެ ތައާރަފުކުރި އެ ޕެކޭޖަކީ އެޕާޓްމަންޓްތައް ކުއްޔަށް ނަގައިގެން އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ޕެކޭޖެކެވެ.

ރެންޓާސް ތަކާފުލްގެ ދަށުން ތިމާގެ އަމިއްލަ ތަކެއްޗަށް (މިސާލަކަށް އަންނައުނު، ފަރުނީޗަރު އަދި ކަރަންޓު ސާމާނު) ދިމާވާ އަލިފާނުގެ ހާދިސާ، ގުދުރަތީ އެކިއެކި ހާދިސާތައް އަދި ގެއިން ވައްކަން ކުރުމުގެ ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ބަދަލުދެވޭނެ އެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ދިމާވެގެން ގެއިން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ހާދިސާ ހިނގި މަހުގައި އުޅުނު ތަނަށް ދައްކާފައިވާ ކުލީގެ ފައިސާވެސް ބަދަލުގެ ގޮތުގައި ދެވޭނެ އެވެ.

އަމާނާ ތަކާފުލްއިން ބުނީ ގޭގެ ވެރި ފަރާތުން އަލިފާނުގެ ހާދިސާއަކުން ސަލާމަތްވުމަށް ގެ އިންޝުއަރަންސް ކުރި ނަމަވެސް، އެ އިންޝުއަރެންސްގެ ދަށުން ގޭތެރޭގައި ހުންނަ ސާމާނު ކަވަރެއް ނުކުރާނެ ކަމަށެވެ.

އެހެންކަމުން ގޭތެރޭ ގެންގުޅޭ ސާމާނު ރައްކާތެރި ކުރުމަކީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުގެ ޒިންމާއެއް ކަމަށާއި ނަމަވެސް ގިނަ ފަހަރު ގޭގެ ކުލި ދެއްކުމަށްފަހު އާންމު ދިރިއުޅުމުގައި ދިމާވާ އެކި ހާދިސާތަކުން ގޭގައި ގެންގުޅޭ ސާމަނަށް ލިބޭ ގެއްލުން ކަވަރު ކުރާނެ ގޮތެއް ނޯންނަ ކަމަށް އެކުންފުނިން ބުނެ އެވެ.

އެކަމަށް ހައްލެއް ހޯދައިދިނުމަށް ތައާރަފުކުރި ރެންޓާސް ތަކާފުލްއަކީ ވަރަށްކުޑަ އަގެއް ދައްކާލައިގެން ގޭތެރޭ ގެންގުޅޭ ސާމާނު ރައްކާތެރިކުރެވޭނެ ގޮތެއް ކަމަށް އަމާނާ ތަކާފުލްއިން ބުނެ އެވެ.

comment ކޮމެންޓް