ހަގީގަތުގައިވެސް ސުޕާރީ ވަރަށް ނުރައްކާ!

ސުޕާރީ ޕެކެޓުތަކެއް ---

ފަންސަވީސް ލާރިއަށް މީގެ ކުރިން ވިއްކި ސުޕާރީ ޕެކެޓުގެ އަގު ރުފިޔާއަކަށް ބޮޑުވި ނަމަވެސް، އެ ގަންނަ މީހުންގެ އަދަދަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ޒަމާނުއްސުރެ ސުޕާރީ ވެފައި މިވަނީ ދިވެހީންގެ ދުފުމުގެ ސަގާފަތުގެ ބޮޑު ބަޔަކަށެވެ.

އެހެން ނަމަވެސް ސުޕާރީގެ ނޭދެވޭ އަސަރުތައް ބައިވަރެވެ. އަނގަ ތާޒާކޮށްލުމުގެ ގޮތުން ކައި އުޅޭ، ޖީބުތަކުގައި އާންމު "އެކުވެރިޔާ" ވަރަށް ނުރައްކާތެރިއެވެ. ހުރިހާ އުމުރެއްގެ މީހުންނަށްވެސް މެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހު، ސުޕާރީ ކެއުމުގެ އާދަ ހުއްޓާލުމަށް އަޒުމު ކަނޑައެޅިދާނެ ނޫންހެއްޔެވެ. ސުޕާރީ ކެއުން ހުއްޓާލަންވީ ސަބަބުތައް ބައިވަރެވެ.

ރާއްޖޭގެ ޑެންޑިސްޓު ޑރ. އަހްމަދު ސަލީމް "ސަން"އަށް ވިދާޅުވި ގޮތުގައި ސުޕާރީގެ ސަބަބުން ކޮލުގެ ހަންގަނޑަށް ވަރަށް ގެއްލުން ކުރެއެވެ.

"އުމުރުން ނުވަ އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން އެންމެ ގިނައިން ފާހަގަކުރެވޭ ކަމެއް، އޯރަލް ސަބްމިއުކަސް ފިބްރޯސިސް (Oral Submucuous Fibrosis) އަކީ،" ޑރ. ސަލީމް ވިދާޅުވިއެވެ.

އޯރަލް ސަބްމިއުކަސް ފިބްރޯސިސްއަކީ އަނގައިތެރޭން ކޮލާ ދިމާލުން އެތެރޭގެ ހަންގަނޑުގެ އިތުރު ފައިބާތަކެއް އުފެދުމެވެ.

"މިކަމުގެ ސަބަބުން ކޮލުގެ ހަންގަނޑު ދެމުމުގެ ބާރު ކުޑަވޭ. އަދި އަނގަ ހުޅުވަން އުނދަގޫވޭ،" ޑރ. ސަލީމް ވިދާޅުވިއެވެ.

އޯރަލް ސަބްމިއުކަސް ފިބްރޯސިސް ބަލި އެންމެ ގިނައިން ފެންނަނީ ދެކުނު އޭޝިއާއާއި އިރު ދެކުނު އޭޝިއާއިންނެވެ. މި ސަރަހައްދުތަކަކީ ދުނިޔޭގައި އެންމެ ގިނައިން ސުޕާރީއާއި ދުފުމުގެ އެހެނިހެން ބާވަތްތައް އެންމެ ގިނައިން ބޭނުންކުރާ، އަދި ދުފުމުގެ ސަގާފަތާ ގުޅި ލާމެހިފައިވާ ގައުމުތައް އޮންނަ ސަރަހައްދުތަކެވެ.

ޑރ. ސަލީމް ވިދާޅުވި ގޮތުގައި، ދިވެހީންގެ ތެރޭގައި ސަބްމިއުކަސް ފިބްރޯސިސް ދިމާވާ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ގިނަ އަދަދަކަށް ހިމެނެއެވެ. ދިވެހީންގެ ތެރޭގައި ސުޕާރީ ބޭނުންކުރާ ކުޑަކުދިން ގިނައެވެ. ސްކޫލުތަކުގައި ދަރިވަރުންވެސް ސުޕާރީ އާންމުކޮށް ގެންގުޅެއެވެ.

ސުޕާރީއަކީ ފެންފޯކާއި، ހަކުރާއި އާޓިފިޝަލް ސްވީޓްނާ އަދި އާޓިފިޝަލް ކުލަ ބޭނުންކޮށްގެން އުފައްދާ އެއްޗެކެވެ. ކުރު ގޮތަކަށް ބުނާނަމަ، ދުފުމުގައި ބޭނުންކުރާ ބާވަތްތައް ޕްރޮސެސްކޮށްގެން އުފައްދާ އެއްޗެކެވެ.

ދުފުމަކީ ސިނގިރޭޓަށް ވުރެ ބޮޑަށް ކެންސަރަށް މީހާ ހުށަހަޅާ އެއްޗެއް ކަމަށް ޑެންޓިސްޓް ޑރ. އަހްމަދު ސަލީމު ވިދާޅުވެއެވެ. އަދި ދުފުމުގެ ސަބަބުން ދަތްތަކުގައި ރެނދުލުމަށްވެސް މަގުފަހިވެއެވެ.

comment ކޮމެންޓް