އަނގައިގެ ސިއްހަތާ މެދު ވިސްނާލާ!

ރާއްޖޭގައި އަނގައިގެ ސިއްހީ މައްސަލަތައް ގިނަ އެވެ. މި މައްސަލަތައް ދިމާވާ ގޮތްތައް ދެނެގަނެ، އަނގައިގެ ސިއްހަތު ރަނގަޅުކުރުމަކީ މުހިންމުކަމެކެވެ.

ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 20 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އޯރަލް ހެލްތު ޑޭ، ނުވަތަ އަނގައިގެ ސިއްހަތުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަން ފެށީ 2013 ވަނަ އަހަރު، އެފްޑީއައި ވޯލްޑް ޑެންޓަލް ފެޑެރޭޝަނުން އިސްނަގައިގެންނެވެ.

މި އަހަރުގެ އޯރަލް ހެލްތު ޑޭގެ ޝިއާރަކީ "ތިންކު މައުތު، ތިންކު ހެލްތު"އެވެ. އަނގައާއި ސިއްހަތާ މެދު ވިސްނާށޭއެވެ.

ވޯލްޑް ޑެންޓަލް ފެޑަރޭޝަނުން ބުނާ ގޮތުގައި، އަނގައަކީ މުޅި ހަށިގަނޑުގެ މޫނު ބަލާ ލޯގަނޑެވެ. އެ ލޯގަނޑުން ރިވެލީގެ ގޮތުގައި ފެންނާނީ ތިމާގެ އާންމު ސިއްހަތެވެ. އެހެންކަމުން އަނގައިގެ ސިއްހަތު ރަނގަޅުކުރުމަކީ މުޅި ހަށިގަނޑުގެ ސިއްހަތު ވެސް ރަނގަޅުވާ ކަމެކޭ ބުނެވިދާނެ އެވެ.

ސިއްހީ ރަނގަޅު އާދަތަކުގެ ތެރޭގައި ސާފުތާހިރުކަމަކީ މުހިންމު ކަމެކެވެ. ދިވެހި ޑެންޓިސްޓް ޑރ. އަހްމަދު ސަލީމް ވިދާޅުވި ގޮތުގައި، އަނގައިގެ ސާފުތާހިރުކަމަކީ ވެސް މުޅި ހަށިގަނޑުގެ ސާފުތާހިރުކަމެވެ.

ރާއްޖޭގައި އަނގައިގެ ސިއްހީ މައްސަލަތަކަށް ބަލާއިރު، ލިސްޓުގެ އެއްވަނާގައި އޮތީ ދަތް ފަނިކެއުމެވެ. ދަތް ފަނިކާ ސަބަބުތަކުގެ ތެރޭގައި ހަކުރު ހިމެނޭ ކާބޯތަކެތި މާ ގިނައިން ބޭނުންކުރުމާއި ދަތްތަކާއި އަނގައިތެރެ ސާފުނުކުރުން ހިމެނެ އެވެ.

އެއާ ގުޅިގެން ހިރުގަނޑު ގިރުމުގެ މައްސަލަ ވެސް ކުރިމަތިވެ އެވެ.

"އަނގައިގެ ތެރޭގެ ސާފުތާހިރުކަން ކުޑަވުން ދިމާވާ ކަންކަމުގެ ތެރޭގައި ހަކުރުބަލި އަދި ހިތުގެ ބަލިތަކަށް މަގުފަހިވުން ހިމެނޭ،" ޑރ. ސަލީމް "ސަން"އަށް ވިދާޅުވި އެވެ.

ދިވެހީންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ އާންމު ކަމެކެވެ. މިއީ އަނގައިގެ ކެންސަރާއި އެހެނިހެން ނޭދެވޭ ބަލިތަކަށް ވެސް މަގުފަހިވާ ކަމެކެވެ.

"ގިނަ ފަހަރަށް ފުއްޕާމޭގެ ކެންސަރާއި، ހިރުގަނޑު ގިރުމުގެ މައްސަލަ ދިމާވާނެ. ދުންފަތުގެ އިސްތިއުމާލު ގިނައިން ކުރާ މީހުންގެ ކޮލު ދަތްތަކުގެ އެތެރެ ފަރާތުގެ ކަށިތައް ވިރެން ވެސް ދިމާވޭ،"

ޑރ. ސަލީމް ވިދާޅުވި ގޮތުގައި، މިކަންކަން ދިމާވާ މީހުންނަށް ގިނަ ފަހަރަށް އެކަން އެނގެނީ އުނދަގޫވެ، ޑޮކްޓަރުން ކައިރިއަށް އައުމުންނެވެ.

"ޑޮކްޓަރުން ކައިރިއަށް އަންނަ އިރު ދަތް ނަގަންޖެހޭ ހިސާބަށް ގޮސްފައި އޮންނަނީ،" ޑެންޓިސްޓް ޑރ. ސަލީމް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސު ހިސާބުތައް ދައްކާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތުން އަނގައިގެ ކެންސަރު ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ ވެސް ދިވެހިރާއްޖޭގަ އެވެ.

ކަންކަން ގޯހުން ގޯހަށް ދިއުމުގެ ކުރިން އެކަންކަމުން ރައްކާވެ ތިބުމަކީ ބުއްދިވެރި ގޮތެވެ. ހޭލުންތެރިވެ، ހުށިޔާރުވެ ތިބެންޖެހެ އެވެ. އަނގަތެރޭގެ ސިއްހަތާއި ސާފުތާހިރުކަމާ މެދު ވިސްނައި، އަނގައިގެ ސިއްހަތު ނުރައްކަލަކަށް ވައްޓާލާ ނުރަނގަޅު އާދަތަކުން ދުރުވާންޖެހެ އެވެ.

comment ކޮމެންޓް