ރައީސް ނަޝީދާއި ސަރުކާރުން ސިއްރު މަޝްވަރާތަކެއް ކުރީ ލީޑަރުންނަށް އެނގިގެން: ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިއްރުން ސަރުކާރުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރިއަށް ގެންގޮސްފައިވަނީ އިދިކޮޅު ހުރިހާ ލީޑަރުންވެސް އެއްބަސްވެގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީ ތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު ސަރުކާރާ މަޝްވަރާކޮށްފައިވަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްކަމަށެވެ.

"ސަރުކާރުން ވިދާޅުވަނީ ރައީސް ނަޝީދާއި ސިއްރުން ވާހަކަ ދައްކާކަމަށް. އަޅުގަނޑުމެން ދަންނަވާ ވާހަކައެއް ނޫން އެއީކީ. އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސަރުކާރާއެކު ވާހަކަ އެއް ދެއްކިވާހަކަ އަދި ދައްކާ ވާހަކަ،" ލަތީފް ވިދާޅުވިއެވެ.

ލަތީފް މިހެން ވިދާޅުވިއިރު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމާ ގުޅޭގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދިވެހި ސަރުކާރާ ދެމެދު ސިއްރު މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަކަމަށް ސަރުކާރުން މިއަދުވަނީ ބުނެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސަރުކާރުން ކުރީގެ ރައީސް ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކުރި ކަމަށެވެ.

"ފުންނާބު އުސް ތިންވަނަ ފަރާތެއް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަމުން ދިޔައިން. އިސްވެ ވާހަކަ ދައްކަވަމުން ގެންދެވީ ރައީސް ނަޝީދު. ރައީސް ނަޝީދު ވިދާޅުވީ ވާހަކަތައް ދައްކަވަމުން ގެންދެވީ އިދިކޮޅު އެހެނިހެން ފަރާތްތަކުން ރުހުމާ އެކު ކަމަށް،" ޝައިނީ މިއަދު ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވި ގޮތުން، ސަރުކާރުން ބޭނުންވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ރާއްޖެއާއި ބޭރުގެ މީޑިއާއަށްވެސް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށެވެ. އަދި މި މަޝްވަރާތައް ސިއްރުން ކުރިޔަށް ގެންދިޔައީ އިދިކޮޅު ފަރާތްތަކުގެ އެދުމުގެ މަތިންނެވެ.

comment ކޮމެންޓް