ޕޫނޭއާ ބެންގަލޫރުގެ ފުރަތަމަ ލެގަށް ހަމަހަމަ ނިމުމެއް

ބެންގަލޫރު އެފްސީއާ ޕޫނޭ ސިޓީ އެފްސީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އައިއެސްއެލް

ހީރޯ އިންޑިއަން ސުޕަ ލީގުގެ ސެމީފައިނަލް ފުރަތަމަ މެޗުގެ ފުރަތަމަ ލެގުގައި ބެންގަލޫރު އެފްސީއާއި އެފްސީ ޕޫނޭ ސިޓީ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޕޫނޭ ސިޓީގެ ޝްރީ ޝިވް ޗަތުރަޕަތީ ސްޕޯޓްސް ކޮމްޕްލެކްސްގައި ރޭ ކުޅުނު ސެމީފައިނަލް މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ.

އިންޑިއާގެ ސުޕަލީގު ސެމީ ފައިނަލަށް ބެންގަލޫރު އެފްސީ ދަތުރުކޮށްފައިވުމާއެކު އޭއެފްސީންވަނީ އޭއެފްސީ ކަޕް ގްރޫޕް އީގައި އެޓީމުން އިއްޔެ ކުޅެން އޮތް މެޗު ފަސްކޮށްދީފައެވެ.

ރޭގެ ސެމީފައިނަލް މެޗުގެ ކުރީ ކޮޅުގައި ނުރައްކާތެރި ހަމަލާއެއް ފެނިގެން ނުދިޔަ ނަމަވެސް ދެޓީމުންވެސް ހަމަލާތައް އުފައްދަން މަސައްކަތްކުރިކަން ފާހަގަކޮށްލެވުނެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ ބެންގަލޫރު އެފްސީ އަދި އިންޑިއާ ގައުމީ ޓީމުގެވެސް ކެޕްޓަން، ސުނިލް ޗެތުރީގެ ފަރާތުންނެވެ. ޕޫނޭ އޭރިއާގެ ބޭރުން ރަނގަޅު ހިސާބަކުން ލިބުނު ހިލޭ ޖެހުން ޗެތުރީ ގޯލަށް އަމާޒުކޮށްލި ނަމަވެސް ޕޫނޭ ސިޓީގެ ކީޕަރު ވިޝާލް ކައިތުވަނީ ރީތި ސޭވްއަކާއެކު ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިފައެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ދެޓީމުންވެސްވަނީ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން ޕޫނޭ ސިޓީގެ ބްރެޒިލް ފޯވަޑް މާސެލިނީއޯއަށް ލިބުނު ފުރުސަތުގެ އިތުރުން ބެންގަލޫރު އެފްސީގެ ޑިފެންޑަރު ސުބަހަސީޝް ބޯޝް އަދި ބޮއިތަންގް ހައޮކިޕްގެ ހަމަލާވެސް ދެވަނަ ހާފްގައި ފާހަގަވެގެން ދިޔައެވެ.

ފުރަތަމަ ލެގު 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ދެޓީމު ބެންގަލޫރުގައި ވާދަކުރާ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

އިންޑިއާ ސުޕަލީގުގެ ޗެމްޕިއަން ޓީމު ކަނޑައަޅަނީ ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓާއެކު އޮންނަ ގަދަ ހަަތަރެއްގެ މެދުގައި ސެމީގެ ދެ ލެގު އަދި ފައިނަލް ކުޅުމަށްފަހުގައެވެ.

ސުޕަލީގުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ އެތުލެޓިކޯ ޑި ކޮލްކަޓާއެކެވެ. އެޓީމަށް މިފަހަރުގެ ލީގު ބުރު ނިންމާލަން ޖެހުނީ ނުވަ ވަނައިގައެވެ.

ބެންގަލޫރު އެފްސީއާއި ޕޫނޭ ސިޓީގެ އިތުރުން މި ސީޒަންގައި ސުޕަލީގު ސެމީއަށް ދަތުރުކުރީ އެފްސީ ގޯއާ އަދި ޗެންނައިން އެފްސީއެވެ. ޗެންނައިން އަދި ގޯއާ ވާދަކުރާ ފުރަތަމަ ލެގު އޮންނާނީ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް