މިނިވަން 50 އަށް ދަރުބާރުގެ ތައްޔާރުކުރަން ސިވެކުން ހަ މިލިއަން ނެގި: އޮޑިޓް

މިދިޔަ އާދީއްތަ ދުވަހު ދަރުބާރު ގޭގައި ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖާފަތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މިނިވަން 50 ގެ ރަސްމީ ބައްދަލުވުމަށް ދަރުބާރުގޭގެ ބައެއް މަރާމާތުތައް ކުރުމަށް ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އިން ޖުމްލަ ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވާގޮތުން މިނިވަން 50ގެ ރަސްމީ ފަރިއްކޮޅަށް ދަރުބާރުގޭގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުރުމަށް ތިން މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހޯމް މިނިސްޓްރީގެ ބަޖެޓުން ސިވެކަށް ދައްކާފައިވެ އެވެ.

މިނިވަން 50ގެ ބަޖެޓުން ޚަރަދުތައް ކުރުމަށް ރައީސް އޮފީހުން އެންގުމުން އެ ބަޖެޓުންވެސް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ މަސައްކަތައް ދައުލަތުން ޑަބަލް ޕޭމެންޓް ހަދާފައިވާކަން ހާމަވާން އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެގޮތަށް ދިމާވެފައިވަނީ ހޯމް މިނިސްޓްރީން ބިލަށް ބެލުމެއް ނެތި ކޮޓޭޝަނަށް ފައިސާ ދޫކޮށްފައިވާތީ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އިތުރަށް ދައްކާފައިވާ ފައިސާ ހޯދުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ އެވެ.

comment ކޮމެންޓް