ދިޔާނާ ބުނާ ގޮތް ހަދަން، ފައްޔާޒާ މައްސަލައެއް ނެތް: ޖާބިރު

ޖާބިރު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ޓްވިޓާ "ފަޅައިގެން" ދިޔައީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އެންވޯއީ އަބްދުﷲ ޖާބިރު ފޮނުއްވި ޓްވީޓަކުންނެވެ.

އެ ޓްވީޓުގައި ޖާބިރު ވިދާޅުވީ އޭނާގެ މަންމައަށް ނިސްބަތްކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަވުގުރާނަ ވިދާޅުވި ކަމަށާއި، "މިހާރުން މިހާރަށް އޭނާ މަގާމުން ދުރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގައި އަމުރުކޮށްފިން" ކަމަށެވެ.

ހަމަ އެ ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަގާމުގައި އޭނާ ހުންނެވިހާ ހިނދަކު ވަކި މީހަކަށް ނާޖާއިޒު ފައިދާ ލިބޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށާއި އޭނާއަކީ އޭނާއާ މެދު "މުއާމަލާތުކުރާ މޭރުމުން އެފަރާތަކާ މުއާމަލާތުކުރާނެ މީހެއް" ކަމަށެވެ.

"އިސްތިއުފާ ދެއްވަން ތައްޔާރުވެލައްވާ،" ޖާބިރު ވިދާޅުވި އެވެ.

ފައްޔާޒް ވަކިކުރުމަށް ރައީސް ސޯލިހަށް އަމުރުކުރައްވާ ކަމަށް ޖާބިރު ވިދާޅުވި ޓްވީޓު ހޫނުވެފައި އޮއްވާ، ހަމަ އެ ދުވަހު އެ ޓްވީޓު ގެއްލުނެވެ.

"އެ ދެން ދިޔާނާ އެކަން ކުރެއްވީ،" އެ ޓްވީޓާ ގުޅޭ ގޮތުން ސަން މީޑިއާ ގްރޫޕުގެ ސީއީއޯ އަހްމަދު ޒާހިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، ސަން އޮންލައިންގެ 50 މިނިޓު ޕްރޮގްރާމުގައި ޖާބިރު ވިދާޅުވި އެވެ.

ރާއްޖޭގެ ބަންޑާރަނައިބުކަން ވެސް މީގެ ކުރިން ކުރެއްވި، ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު އެ ދުވަހު ކުރެއްވި ޓްވީޓެއްގައި ޖާބިރު އާއި މިނިސްޓަރު ފައްޔާޒާ ދެމެދު ރޯވި ހުޅުގަނޑު ފިނިކޮށްދިނެވެ.

"ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރުގެ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ، އަދި ކެބިނެޓަކީ ރައީސްގެ ޕްރީރޮގޭޓިވް. ރައީސްގެ މައްޗަށް އަމުރުކުރެވޭނެ މީހަކު ނުހުންނާނެ،" ޖާބިރަށް އަމާޒުކުރައްވައި ދިޔާނާ ވިދާޅުވި އެވެ.

އަދި ކެބިނެޓާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ ކިބައިގައި އަހުލާގާއި ކެތްތެރިކަން ހުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ދިޔާނާގެ ޓްވީޓުގައި ވިދާޅުވި އެވެ.

ޖާބިރު "50 މިނިޓު"ގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އަމުރުކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި އެކަން ޚުދު އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ދުވަހު އޭނާއަށް ފެނިވަޑައިގަންނަވާ އެއްޗެއް ވިދާޅުވީ ކަމަށެވެ.

އެހެން ނަމަވެސް އަނބިކަނބަލުން ދިޔާނާއަކީ އޭނާ ވަރަށް ގަދަރުކުރާ ބޭފުޅެއް ކަމަށާއި ދިޔާނާ ވިދާޅުވާ ކަންކަންވެސް ކުރައްވާކަމަށް ޖާބިރު ވިދާޅުވި އެވެ.

"ދިޔާނާއަކީ އަޅުގަނޑުގެ އަންހެނުން. ދިޔާނާ ބުނާ ކަންކަން ވެސް އަޅުގަނޑު ކުރަން. އަޅުގަނޑު އަންހެނުންނަކީ، އަޅުގަނޑު ވަރަށް ގަދަރުކުރާ މޮޅު މީހެއް. ސިޔާސީ ކަންކަމުގައި ވެސް ފުންނާބު އުސް، އިލްމީ ގާބިލު މީހެއް،" ޖާބިރު އޭނާގެ އަނބިކަނބަލުންނަށް ތައުރީފުކުރެއްވި އެވެ.

އަދި ދިޔާނާއާ އޭނާއާ ސިޔާސީ ގޮތުން ވިސްނުން ތަފާތުކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ ދިމާލަށް އޭނާ ވިދާޅުވި ވާހަކަތަކަކީ "އެހެން ބުނި އެއްޗެއް ނޫން" ކަމަށެވެ.

"[އެއީ] ފައްޔާޒްއާ އަޅުގަނޑާ ދެމެދު ހިނގި ކުޅިވަރެއް. ޕާސަނަލް މައްސަލައެއް ނެތް. އެ ކަމަކީ އަޅުގަނޑާއި ފައްޔާޒްއާ ދުޝްމަނުވެގެން [ވީ ކަމެއް ނޫން]. މި ސަރުކާރުގައި ނުހުންނާނެ އަޅުގަނޑުގެ ދުޝްމަނު ވަޒީރެއް،"

"ޒާތީ ވެގެން އަޅުގަނޑެއް ނޫޅެން. ފައްޔާޒަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ބޭފުޅެއް. އަޅުގަނޑާ މައްސަލައެއް ނެތް އެއްވެސް ވަޒީރަކާ. ރައީސް ސޯލިހު އާއި ރައީސް ނަޝީދުއާ ވެސް ނެތް. ރައީސް މައުމޫނާ ވެސް ޕާސަނަލް މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް