ނައިބު ރައީސް ކަމުގައި ސިއްކަ ޖެހުމުގެ ވަގުތު

ރައީސް ޔާމީން އަވަހާރަކޮށްލުމަށް ޓަކައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ލޯންޗުކޮޅުގައި ގޮއްވައިލި ބޮމުގެ ހާދިސާގެ ތެރެއިން: މި ހާދިސާގެ އަޑީގައި ހުންނެވީ ރައީސް ޔާމީންގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ތުހުމަތު ކުރެވޭ --- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެ ވެރިކަމުގައި ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވީ އެންމެ ބޭފުޅެކެވެ. އެއީ ވެލާނާގޭ އިބްރާހީމް މުހައްމަދު ދީދީ އެވެ. ރައީސް އަމީން ގެ ވެރިކަން ވައްޓައިލުމުގައި އެންމެ އިސްކޮށް އަޑީގައި ހުންނެވީ އިބްރާހީމް މުހައްމަދު ދީދީ ކަމަށް ތުހުމަތު ކުރެވެ އެވެ. މިދެންނެވި އިބްރާހީމް ދީދީ އަކީ ރައީސް އަމީންގެ ބައްޕާފުޅުފަޅީން ދެބޭންގެ ދެދަރި ބޭފުޅެކެވެ. އިބްރާހީމް ދީދީ އަކީ ރައީސް އަމީން އައްޔަން ކުރެއްވި ނައިބު ރައީސް އެކެވެ. ގަބޫލުކުރެވޭ ގޮތުގައި އިބްރާހީމް ދީދީ އަޑީގައި ހުންނަވައިގެން އަމީންގެ ވެރިކަން ނިމުމަކަށް ގެންނެވީ ވެރިކަމުގެ ދަހިވެތި ކަމުގަ އެވެ.

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، 5 ނައިބު ރައީސުން ތިއްބެވި އެވެ. އެ 5 ނައިބު ރައީސުންނަކީ ވެސް ނާސިރު އައްޔަން ކުރެއްވި ބޭފުޅުންނެވެ. އެއީ، އަބްދުއްސައްތާރު މޫސާ ދީދީ އާއި އިބްރާހީމް ޝިހާބާއި ކޮލި އަލީ މަނިކު އާއި ހަސަން ޒަރީރު އަދި އަހުމަދު ހިލްމީ ދީދީ އެވެ. ރައީސް ނާސިރު މަގާމުން އިސްތިއުފާ ދެއްވައި ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި އިރު އޭގެން އެއްވެސް ބޭފުޅަކު ނައިބު ރައީސް ކަމުގެ މަގާމުގައެއް ނެތެވެ. އެ ހުރިހާ ބޭފުޅުންނަށް ވެސް އެހެން ބައެއް މަގާމުތައް ދެއްވާފައި ނުވަތަ އެނޫން ވެސް ގޮތްގޮތަށް ނައިބު ރައީސް ކަމުގެ މަގާމުން ވަނީ ވަކިކުރައްވައިފަ އެވެ. ރައީސް ނާސިރުގެ ހިކުމަތުގެ ތެރެއިން ވަރަށް ގިނަ ކަންކަން ނޭނގޭ ފަދައިން، އެ މަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރީން ހުރިހާ ނައިބު ރައީސުން މަގާމުން ވަކި ކުރައްވައި އެހެން މަގާމުތައް ދެއްވީ ކީއްވެގެންކަމެއް ވެސް އެނގޭކަށް ނެތެވެ.

ރައީސް ނާސިރުގެ ވެރިކަމުގައި 5 ނައިބު ރައީސުން ތިއްބެވި ނަމަވެސް، ނައިބު ރައީސުން ވެރިކަމާ ތޮޅޭ ތަނެއް ނުވަތަ އެފަދަ ތުހުމަތެއް ކުރެވުނު ކަމެއް ތާރީޚުން އެނގޭކަށް ނެތެވެ. އެހެން ދިމާވި އެއް ސަބަބަކީ އެ މަގާމުގައި އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުުޅުން ތިއްބެވުން ކަމަށް ގަބޫލު ކުރެވެ އެވެ. ދެވަނަ ސަބަބަކީ ރައީސުލްޖުމުހޫރިއްޔާ މަގާމުން ދުރު ކުރިޔަސް ނައިބުންނަށް އެ މަގާމު ލިބޭ ގޮތަށް އޭރުގެ ގާނޫނު އަސާސީގައި ޖާގަ ނުދިނުމެވެ. އޭރުގެ ގާނޫނު އަސާސީގައި އޮތް ގޮތުން އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަލުން އިންތިޚާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާ އަކު އިންތިޚާބު ކުރުމާ ހަމަޔަށް އެ މަރުހަލާގެ ބާރުތައް ފުރޮޅިގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްޕުޅު މައްޗަށެވެ.

ދެން އައީ ރައީސް މައުމޫނުގެ ދައުރެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަން 30 އަހަރުގެ ދިގު މުއްދަތެއް ވާންދެއް ކުރައްވައި އޭޝިއާގައި އެންމެ ދިގުމުއްދަތެއް ވަންދެން ރައީސްކަން ކުރެއްްވުމުގެ ރެކޯޑު ހޯއްދެވި އިރު ނައިބު ރައީސް އަކު އައްޔަން ކުރައްވައިފައެއް ނުވެ އެވެ. އެމަނިކުފާނު ވެރިކަން ކުރެއްވި 1968 ގެ ފެހި ގާނޫނު އަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމުހޫރިއްޔާ ބޭނުންފުޅު ނަމަ ބޭނުންފުޅު އަދަދަކަށް ނައިބު ރައީސުން ލެއްވިދާނެ އެވެ. އަދި 1998 އިން 2008 އާ ދެމެދު ރައީސް މަައުމޫނު ވެރިކަން ކުރެއްވި ނޫ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ ދަށުން ވެސް އެމަނިކުފާނު ބޭނުންފުޅު ނަމަ ނައިބު ރައީސަކު އައްޔަން ކުރެއްވުމުގެ އިޚުތިޔާރު އޮތެވެ. ނަމަވެސް އެމަނިކުފާނު އެކަމެއް ނުކުރައްވަ އެވެ. އަދި ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔައީ ވެސް ވަރަށް އަމާން އޮމާން ކަމާ އެކުގަ އެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި އެފަދަ ގައުމީ ހަމަޖެހުން އޮތް ދުވަސްތަކެއް ދިވެހީން ދެކިފައެއް ނެތެވެ.

2008 ވަނަ އަހަރު ރައީސް މައުމޫނު ތަންފީޒު ކުރެއްވި ފެހި ގާނޫނު އަސާސީއާ އެކު އަނެއްކާވެސް ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ރައީސް ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓު އޭނާގެ ރަނިންމޭޓާ ވެސް އެކު އިންތިޚާބަށް ވާދަކުރާން ޖެހޭ ގޮތަށް ބަދަލުވެގެން ދިޔަ އެވެ. މާނަ އަކީ ރައީސް އިންތިޚާބުވާ އިރު ނައިބު ރައީސް ވެސް ހުންނާނީ އިންތިޚާބުފަ އެވެ. އަދި ރައީސަށް އޭނާގެ މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރައީސްކަން ދެން ލިބޭނީ ވެސް ނައިބު ރައީސް އަށެވެ.

މި ނިޒާމުގެ ތެރެއިން ވެރިކަމަށް ހޮވިވަޑައިގެންނެވި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަކީ މުހައްމަދު ނަޝީދު އެވެ. އެ މަނިކުފާނުގެ ވެރިކަމަށް އެންމެ ތިން އަހަރު ތެރޭގައި ވެރިކަން ނިމުމަކަށް އައިސް އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަަދު ވަހީދު ޙަސަން މަނިކު މަގާމާ ހަވާލުވެވަޑައިގެންނެވި އެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގެ އަދި އިސް ސަޕޯޓަރުން ވިދާޅުވާ ގޮތުން ނަމަ، ރައީސް ނަޝީދުގެ ވެރިކަން ހިތި ގޮތަކަށް ނިމުމަކަށް ގެނައުމުގެ ކެހިވެރި ރޭވުންތަކުގެ އަޑީގައި ހުންނެވީ އެމަނިކުފާނުގެ ނައިބު ރައީސް ޑރ. ވަހީދެވެ. އެ ސަބަބަށް ޓަކައި ނަޝީދުގެ ސަޕޯޓަރުން ވަނީ ޑރ. ވަހީދަށް "ބާޣީ" އެއްްގެ ލަޤަބު ދީފަ އެވެ.

ރައީސް ވަހީދު ވެރިކަން ކުރެއްވި ކުރު މުއްދަތުގެ ތެރޭަގައި ނައިބު ރައީސަކަށް ލެއްވީ މުހައްމަދު ވަހީދުއްދީން އެވެ. ނައިބު ރައީސް ޑީން ގެ މައްޗަށް ޑރ. ވަހީދުގެ ވެރިކަން ވައްޓައިލާން މަސައްކަތެއް ކުރެއްވި ކަމުގެ ތުހުމަތެއް ކުރެވިފައެއް ނެތެވެ. ރަސްމީ މަސައްކަތްޕުޅު ނިމުމާ އެކު އިރާކޮޅު ޑީން ވަޑައިގަންނަވަނީ ސިޔާސީ މާހައުލުން ބޭރަށް އަދި މާލެއިން ވެސް ބޭރަށް ކައިރީގައި އޮތް ބަނޑޮހަށެވެ. އެތަނުގެ ހިތްގައިމު މާހައުލު ވެރިކަމުގެ ބޯގޭނުމަށް ވުރެ ޑީން އަށް މާ އުފާވެރި އެވެ.

ދެން ފެށުނީ 2013 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނައިބު ރައީސްކަން ކުރެއްވި ދެބޭފުޅުން ވެސް މި ވަނީ ރައްޔިތުންގެ މަޖިލީހުން ވަކިކުރައްވައިފަ އެވެ. އޭގެ ތެރެއިން ޑރ. މުހައްމަދު ޖަމީލު އަހުމަދު ގެ މައްޗަށް، އިދިކޮޅު ފަރާތްތަކާ ގުޅިގެން ވެރިކަމާ ތޮޅޭން އުޅުއްވި ކަމުގެ ތުހުމަތު ކުރެވޭ އިރު އެންމެން ބްރޯ ވެގެން އުޅުނު އަހުމަދު އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސް ޔާމީން އަވަހާރަކޮށްލައިގެން ރައީސް ކަމަށް ވަޑަައިގަންނަވަން އުޅުއްވި ކަމުގެ ތުހުމަތެވެ.

ކުރުގޮތަކަށް މި ލިޔެލެވުނީ ރާއްޖޭގެ ކައިރި މާޒީގެ ކުރު ތާރީޚުގައި ނައިބު ރައީސުންނާ ގުޅިފައިވާ ތަޖުރިބާ އެވެ. މި ތަޖުރިބާއިން ލިބުނު ފިލާވަޅަށް ބަލައިލާ އިރު ގައުމަށް ލިބުނީ އަދި ގެއްލުނީ ކޮން އެއްޗެއްތޯ ބަަލައިލާން ޖެހެ އެވެ. ނައިބުންނާ ގައުމުގެ ވެރިކަމާ ގުޅެނީ ކިހިނެއްތޯ ވެސް ބަލައިލާން ޖެހެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ބަލާ އިރު އަޅުގަނޑު ދެކޭ ގޮތުގައި، ގައުމީ ކުރިއެރުމަށް އެންމެ މުހިންމީ އެތެރޭގެ ހަމަ ޖެހުމާ އެކު ގުޅިގެން މަސައްކަތް ކުރާ އިތުބާރު އޮތް ވެރިންތަކެއް ހިމެނޭ އެވެރީން ގުޅިގެން މަސައްކަތް ކުރާ ސަރުކާރެކެވެ. ރައީސުލް ޖުމްހޫރިއްޔާ އަބަދުމެ އަބަދު އޭނާގެ ނައިބު އޭނާގެ މެޔަށް ހަންޖަރު ޖަހައިފާނެ ކަމުގެ ބިރަށް ޓަކައި ރެޔާއި ދުވާލު ފިކުރުކުރައްވާން ވެއްޖެ ނަމަ އެ ފަދަ ރައީސަކަށް ރޭގަނޑުގެ ހަމަ ނިދި ވެސް ލިބިވަޑައެއް ނުގަންނަވާނެ އެވެ. ދުވާލު ރަނގަޅަށް ފަރީއްކުޅުވުން ވެސް ފަސޭހަފުޅެއް ނުވާނެ އެވެ. އެފަދަ ރައީސަކު ވާނީ ބަލި މީހަކަށެވެ.

ވަޒީރުން ދެބަޔަށް ބެހި، މަޖިލިސް އެތައް ބަޔަކަށް ބެހި އެއް ބަޔަކީ ރައީސްގެ ޓީމަށް އަނެއް ބަޔަކީ ނައިބު ރައީސްގެ ޓީމު މީހުންގެ ގޮތުގައި ވެގެނެއް ގައުމެއް ނުހިންގޭނެ އެވެ. އެ ދެ ޓީމު ކުޅެން ޖެހޭނީ ފައިޓިން ގޭމެކެވެ. އޭރުން ހަންދާނީ ދިވެހި ގައުމުގެ އެވެ. ވޭން އަޅާނީ ވެސް ދިވެހި ގައުމުގަ އެވެ. ބިކަ ވާނީ ދިވެހި ރައްޔިތުންނެވެ.

ފާއިތުވި ދެ އަހަރު ދުވަހަށް ބަލައިލަމާ ހިންގަވާށެވެ. ރައީސް ޔާމީންގެ ދެ ނައިބުންނާ ގުޅިގެން ގައުމަށް މި އައި ލޮޅުމާ މެދު ވިސްނައިލައްވާށެވެ. މުޅި ގައުމުގެ ދިފާއީ ބާރާއި ފުލުހުން އެހެން ހުރިހާ ކަމެއް ހުއްޓާލާފަ، ރެޔާ ދުވާލު އެބައި މީހުންގެ ގައުމީ ހަކަތަ ދޫކޮށްލަން އެ ޖެހުނީ ވަޒަނާއި ބަޑި ބޭހާއި ބޮން ގޮއްވާ ސާމާނު ހޯދާށެވެ. މުޅި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނައިބު ރައީސެއްގެ ސަބަބުން ނުރައްކަލުގެ ތެރެއަށް ވެއްޓި، އެ ކަމުން އަރައިގަތުމަށް ހޭދަ ވެގެން އެ ދިޔައީ ކިތައް ކިތައް މިލިއަން ރުފިޔާތޯ އެވެ؟ އެ ކަމުގެ ތެރޭގައީ ބޭކާރު ގޮތުގައި ހުސްވެގެން ދާން އެޖެހުނީ މި ގައުމުގެ ކިހާ ބޮޑު ހަކަތައެއްތޯ އެވެ؟ ގައުމުގެ ހިތުގައި ޖެހުނީ ކިހާ ވަރެއްގެ ބޮޑު ލައްގަނޑެއްތޯ އެވެ؟ ގައުމުގެ ތަރައްގީގެ ދުވެލި ހުއްޓި، ލިބިގެން ދިޔައީ ކޮން ފަދަ ބޮޑު ސިހުމެއްތޯ އެވެ؟ މި ހުރިހާ ކަމެއްގެ ތެރެއިން ރައްޔިތުންގެ ހިތުގައި އުފެދުނު ބިރުވެރިކަމުގެ އަގު ދައްކާނީ ކޮން ފައިސާއަކުންތޯ އެވެ؟

ނިންމައިލުމުގެ ކުރީން އަދިވެސް ދެ ވާހަކައެއް ބުނެލާނަމެވެ. ގާނޫނު އަސާސީގައި ނައިބު ރައީސެއްގެ ވާހަކަ އޮތެއް ކަމަކު، ރާއްޖޭގެ ވެރިކަމުގެ ދުސްތޫރު މިއަދު އެތުރިފައި އޮތީއަކީ ނައިބު ރައީސެއްގެ ދައުރު އެއީ މުހިންމު ދައުރެއްގެ ގޮތުގައި ހިމެނިގެނެއް ނޫނެވެ. ވެރިކަމުގެ ދުސްތޫރު އޮތް ގޮތަށް ބަލާ އިރު ތިން ބާރުގެ ގޮތުގައި އޮތީ ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ އާއި ވެރިކަން ހިންގުމުގެ ބާރެވެ. ނައިބު ރައީސަކީ ރައީސް މަސައްކަތެއް ހަވާލު ކުރައްވައިފި ނަމަ އެކަމެއް ކުރައްވާން ހުންނަވާ ބޭފުޅެކެވެ. ކަމެއް ހަވާލުނުކުރައްވައިފި ނަމަ ކުރައްވާނެ ކަމެއް ނުއޮންނާއެވެ. ނައިބު ރައީސަށް ކަމެއް ހަވާލުކުރެއްވުން ވެސް އެއީ ރައީސަށް ލާޒިމު ކަމެއް ނޫނެވެ. ވެރިކަން ހިނގާ އާންމު އުސޫލުގެ ތެރެއިން ރައީސް ކަންކަން ހިންގަވާން މި އޮންނަނީ އެމަނިކުފާނުގެ ވަޒީރުން މެދުވެރިކޮށެވެ. ވަޒީރުން ރިޕޯޓު ކުރައްވަނީ ސީދާ ރައީސް އަށެވެ. އެހެން ކަމުން މީގެން އެއްވެސް މަރުހަލާއެއްގައި މިހާރު ރާއްޖޭގެ ވެރިކަމުގެ ދުސްތޫރު އެކުލެވިފައި އޮތް ގޮތަށް ބަލާ އިރު ވެސް ނައިބު ރައީސެއްގެ ހަގީގީ އެއްވެސް ބޭނުމެއް ފެންނާކަށް ނެތެވެ.

ދެން ވެސް އޮތީ ވަރަށް މަޖާ ވާހަކަ އެކެވެ. ކެބިނެޓުން ވަޒީރެއްގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް ވަޒީރަކު ނުލައްވައިގެން އިދިކޮޅު މެންބަރުން ވެސް މަޖިލީހުގައި އެ އަޑު އުފުއްލަވަ އެވެ. މީޑިއާ ތަކުން ވެސް އެ ވާހަކަ ގޮވަ އެވެ. އަދި ސޯޝަލް މީޑިއާގައި ރައްޔިތުން ވެސް މިވެނި މިނިސްޓްރީ އެއް ހުހަށް އޮންނަތާ އެވެނިހައި ދުވަހެއް ވެއްޖެއޭ ކިޔައި ޕްރެޝަރު ކުރެ އެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ އެންމެ ފަހުގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރެއްވި ފަހުން، 5 މަހަށް ވުރެ ގިނަ ދުވަސްވީ އިރު ނައިބު ރައީސަކު ނެތިގެން އެކަމާ ހިތާމަ ކުރާ މީހަކު މިގައުމުގައި ހުރިހެނެއް ހީއެއް ނުވެ އެވެ. ނައިބު ރައީސަކު ނެތިގެން އެކަމާ ކަންބޮޑު ވެގެން އެވާހަކަދައްކާ ބަޔަކު ވެސް ނުފެނެ އެވެ. މީގެން ވެސް އެނގެނީ ނައިބު ރައީސަކު ނެތިގެން އެކަމާ ހިތާމަކޮށް ދެރަވާ މީހަކު ނުވަތަ ކަންބޮޑުވާ މީހަކު މިގައުމުގައި ނެތް ކަމެވެ.

ނައިބު ރައީސުންގެ ތަޖުރިބާއިން ގައުމަށްވީ އަނިޔާ އާއި ގައުމުގައި އެޅި ވޭނަށް ބަލާ އިރު އެ މަގާމަކީ ރައީސުލްޖުމުހޫރިއްޔާ އަށް އޮތް ބިރަކަށް ވުރެ، މި ގަައުމަށް ނުރައްކާތެރި މަގާމަކަށް ވެއްޖެ އެވެ. އެ ބިރުވެރި ކަމާއި ނާމާން ކަމަކީ ދިވެހި ގައުމުގެ މޭގައި ޖެހުނު ނުފިލާނެ ކަޅު ލައްގަނޑަކަށް ވެއްޖެ އެވެ. ނައިބު ރައީސުންގެ ޚަރަދަކީ ރައީސެކޭ ގާތްގަނޑަކަށް އެއް ފެންވަރެއްގެ ޚަރަދުތަކަށް ވާ އިރު، އެއީ ފައިދާއެއް ނެތް ކަމަކަށް ރައްޔިތުންގެ ބައިތުލްމާލުން ކުރެވޭނެ ބޭކާރު ޚަރަދަކަށް ވެއްޖެ އެވެ.

ނިންމައިލަމާތޯ އެވެ. މި ގައުމުގައި ނައިބު ރައީސަކު ހުރެގެން ވީ މޮޅެއް އަޅުގަނޑަށް ވިދާޅުވެދެއްވަބައްލަވާށެވެ! ނުވަތަ ނައިބު ރައީސަކު ނެތިގެން ނުވީ ކަމެއް ނުވަތަ ލިބުނު ދެރައެއް ވިދާޅުވެދެއްވަބައްލަވާށެވެ!

ޖަވާބު އަޅުގަނޑުމެން އެންމެނަށް ވެސް ވަރަށް ސާފެވެ. އިތުރު ވާހަކައެއް ނެތެވެ. ނައިބު ރައީސްގެ ބޭނުމެއް ނެތެވެ. ނައިބު ރައީސަކު ނެތަސް މި ގައުމުގެ ހިންގުމަށް އަންނާނޭ ހީނަރުކަމެއް ނެތެވެ. ލިބޭނޭ ދެރައެއް ވެސް ނެތެވެ. އެހެން ކަމުން އިތުރު ބިރުވެރިކަމަކަށް ނުވަތަ ގައުމީ ހުއްޓުމަކަށް ޖާގަ ދިނުމުގެ މާނައެއް ނެތެވެ. ބޭކާރު މަގާމެއްގައި ބޭކާރު މީހަކު ބަހައްޓައިގެން ބޭކާރު ހޭދައެއް ކުރުމުގެ ބޭނުމެއް އަމުދުން ނެތެވެ، އާދޭހެވެ! ނައިބު ރައީސް ކަމުގެ މަގާމު އަވަހަށް އުވައިލައްވައި އެ މަގާމުގައި ސިއްކަ ޖަހަންވީ އެވެ. ގައުމީ މަސްލަހަތު އޮތީ މިގޮތުގަ އެވެ.

comment ކޮމެންޓް