ބަޑިއާއި ބަޣާވާތުގެ ކުޅިގަނޑު

ރައީސް ނަޝީދާ ސިޔާސީ ފިކުރު ތަފާތު ފަރާތްތަކަށް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އެންމެ ކަމު ދިޔަ ސަބަބަކީ ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ދުވަހު ނާޒިމް ކުޅުއްވި ދައުރު ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ސިފައިންގެ މައި މަރުކަޒު ކައިރީ އެ ސަރަހައްދުގައި ނާޒިމް ކުޅުއްވި ރޯލު އެންމެ ގާތުން ބެލި އެކަކަށް އަޅުގަނޑުވާނެ އެވެ. ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ކުރީރޭ ފުލުހުން ޖުމުހޫރީ މައިދާނަށް އެއްވި ވަގުތުން ފެށިގެން ނަޝީދު އިސްތިއުފާ ދެއްވުމާ ހަމަޔަށް އެ ހިނގި ހުރިހާ ވަގުތެއްގައި އަޅުގަނޑު ހުރީ ޖުމުހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ އެތެރޭގަ އެވެ. އެ މަންޒަރުތައް އަޅުގަނޑު ދިޔައީ ރައްކާ ކުރަމުންނެވެ.

އޭރު ނާޒިމް އަކީ ސިފައިންގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް އެތަނުން ނާޒިމް ފެނިގެން ދިޔައީ ސިފައިންގެ އެހެން ހުރިހާ އޮފިސަރުންނަށް ވުރެން ބާރުގަދަ ބޭފުޅެއްގެ ގޮތުގަ އެވެ. އެއްވެސް ޝަރުތަކާ ނުލައި އިސްތިއުފާދެއްވަން ރައީސް ނަޝީދަށް ދެންނެވީ ވެސް ނާޒިމް ކަމަށް އެދުވަހު އަޑު އިވުނެވެ. އެ ދުވަހު ނާޒިމް އެންމެ ގާތުން ކަންކަމާ މަޝްވަރާ ކުރެއްވި އެއް ބޭފުޅެއް ކަމަށް އަޅުގަނޑަށް ފެނުނީ މިހާރުގެ ކިނބިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ރިޔާޒް އެވެ. ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ރިޔާޒް ވެސް ހުންނެވީ ފުލުހުންގެ ވަޒީފާއެއްގައެއް ނޫނެވެ.

ކޮންމެއަކަސް ރައީސް ނަޝީދުގެ ވެރިކަން ކޮންމެ ފަދަ ޕްރެޝަރަކާ ހެދި ނަމަވެސް، ނިމިގެން ގޮސް ޖެހިގެން އައި ދުވަހު އެއީ ބަޣާވާތެއް ކަމަށް ވިދާޅުވީ ޚުދު ރައީސް ނަޝީދެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ވައްޓައިލީ ބަޣާވާތަކުން ކަމަށެވެ. ބޮލުގައި ބަޑިޖައްސައިގެން އިސްތިއުފާ ދެއްވަން މަޖުބޫރުކުރެއްވީ ކަމަށެވެ. އެހާލަތުގައި އިސްތިއުފާ ނުދެއްވައިފި ނަމަ ފުރާނައަށް ނުރައްކާ އޮތް ކަމަށް ގަބޫލުފުޅު ކުރެއްވިގެން އިސްތިއުފާދެއްވީ ކަމަށެވެ.

އިސްތިއުފާ ދެއްވި ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުގެ މެންބަރުންނަށް އޭރު އެންމެ ބޮޑު ބާޣީ އަކަށްވީ މިހާރު ބަޑި ގެންގުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްގެން މި އުޅޭ ނާޒިމް އެވެ. ރައީސް ނަޝީދު އެ ވިދާޅުވާ ބޮލުގައި ބަޑި ޖައްސައިގެން އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި ވާހަކަ އާއި ފުރާނައިގެ ނުރައްކަލުގެ އިހުސާސް ކުރެއްވުނު ވާހަކަތައް އެއީ އޭރު ނާޒިމްއާ ކިހާ ވަރަކަށް ގުޅުން އޮތް ވާހަކަ ތަކެއް ކަމެއް ނޭނގެ އެވެ.

ބަޑީގެ ވާހަކަ މި ތަނުގައި އަޅުގަނޑު މި ގޮތަށް މި ފާހަގަކޮށްލީ ނާޒިމް ހައްޔަރުކޮށްގެން މި އުޅޭ ހާދިސާއާ އެ ހާދިސާއާ ގުޅުންތަކެއް ހުރީމަ އެވެ. މިހާރު މި އުޅެނީ ނާޒިމްގެ ގެއިން ފިސްތޯލަ އަކާއި އޭގެ ވަޒަން ފެނިގެންނެވެ. އަނެއްކާ ތުހުމަތު މި ކުރެވެނީ ވެރިކަން ބަދަލުކުރާން މަސައްކަތް ކުރެއްވި ކަމަށެވެ. ކުރީ ފަހަރުވެސް ވެރިކަން ބަދަލުވީ އެވެ. އެފަހަރު ބަޑީގެ ވާހަކަދެއްކެވީ ނަޝީދު އެވެ.

ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ވަޒަން އަދި އެ ނޫން ވެސް އެފަދަ ސާމާނު ތަކާ ގުޅިގެން މިއަދު މި ދައްކާ ވާހަކަ އަކީ މި ކަންތައްގަނޑަކީ، ނާޒިމް ރާއްޖޭގެ ވެރިކަމަށް އަތުވެދާނެތީ ރައީސް ޔާމީން ކުޅުއްވި ގޭމެއް ކަމަށް ބުނެ ދެކެވޭ ވާހަކަ އެވެ. މި ވާހަކައާ މެދު ވިސްނައިލާން މީ ރަނގަޅު ވަގުތެއް ކަމަށް ފެނެ އެވެ.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ބަލައިލާ އިރު، ނާޒިމް ވެރިކަމަށް ވަޑައިގަންނަވާން މަސައްކަތް ކުރައްވާތީ ދުވަސް ދުއްވައިލަނީ ކަމަށް ބުނާ އިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އަދި މިހާތަނަށް އައި އިރު ނާޒިމް ވިދާޅުވެފައެއް ނުވެ އެވެ. އެހެން ކަމުން އެނަމުގައި ނާޒިމް ހައްޔަރުކުރާން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ.

ވެރިކަމާ ހެދި އުޅޭ މީހުންގެ ދުވަސް ދުއްވައިލުން، ނުވަތަ ހައްޔަރު ކުރާން ބޭނުން ނަމަ އެންމެ ފުރަތަމަ ހައްޔަރު ކުރައްވާނެ އެހެން ބޭފުޅުން މިއަދު މާގިނަ އެވެ. މިސާލަކަށް ދަންނަވާ ނަމަ ގާސިމް އިބްރާހީމް އަދި މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ހިމެނެ އެވެ. މީގެ ތެރެއިން މުހައްމަދު ނަޝީދުގެ އެތައް ބައިވަރު މައްސަލަތަކެއް މިހާރު ޝަރުއީ އެކި މަރުހަލާ ތަކުގައި ހިނގަމުން އެބަދެ އެވެ. ހައްޔަރުކުރުމުގެ ހާލަތެއް އުފައްދަން ބޭނުން ވެއްޖެ ނަމަ އެކަން އަދި މާފަސޭހަ ވާނެ ކަމަށް ބެލެވެ އެވެ. ގާސިމް އިބްރާހީމް އާއި ނަޝީދު ފަދަ ބޭފުޅުން އެ ގެންދަވަނީ މާ ފާޅުކަން ބޮޑު ގޮތެއްގައި ރިޔާސީ ކެމްޕޭން ކުރައްވަމުންނެވެ. ފާޅުގައި ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުންނެވެ. އެކަމަކު ގާސިމް އިބްރާހީމް ނުވަތަ މުހައްމަދު ނަޝީދު ހައްޔަރެއް ނުކުރެ އެވެ. އެހެން ކަމުން މިއްޔަކީ ވެރިކަމަށް އަންނާން އުޅޭތީ ކުރެވިގެން އުޅޭ ހައްޔަރެއް ކަމަށް ބެލެވޭކަށް ނެތެވެ.

ގާސިމް އިބްރާހީމާއި މުހައްމަދު ނަޝީދާ އަދި ނާޒިމް އަޅައި ކިޔައި، ސިޔާސީ މައިދާނުގައި ސަޕޯޓާއި ބާރުތަކާއި ފުރުސަތުތައް ބެހިގެން ގޮސްފައި ހުރި ގޮތަށް ބަލާ އިރު، ނާޒިމް މެން ފަދަ ބޭފުޅަކަށް ވެރިކަމަށް އާދެވޭނެ ޖާގައެއް ވެސް އަދި މިހާރު ފެންނާކަށް ނެތެވެ. ހުރި ޕްލެޓްފޯމުތަކުން އެޖާގަ ލިބިވަޑައިގަންނަވާނެ ކަމަކަށް ނުފެނެ އެވެ. އެހެނީ މިހާރު އިދިކޮޅުގައި އޮތް އެންމެ ބޮޑު ދެ ޕްލެޓް ފޯމަކީ އެމްޑީޕީ އާއި ޖޭޕީ ކަމަށްވާ އިރު، މުހައްމަދު ނަޝީދާއި ގާސިމް އިބްރާހީމް ރިޔާސީ ރޭހުގައި ވާދަނުކުރައްވައި ނާޒިމަށް ފުރުސަތު ދެއްވައިފާނެ ކަމަށް ނުބެލެވޭތީ އެވެ. ދެން އޮތީ ވެރިކަމަށް ވަޑައިގަތުމަށް ނާޒިމް އަމިއްލަފުޅު ޕްލެޓްފޯމެއް އުފެދެވުމެވެ. މި ކަމަކީ މިހާރު ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރިފައި ހުރި ގޮތަށް ބަލާ އިރު ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. މި ސަބަބުތަކަށް ބަލާ އިރު، ވެރިކަމަށް ނާޒިމް ވަޑައިގެންފާނެ ކަމުގެ ބިރު ރައީސް ޔާމީނަށް އެއްވެސް މިންވަރަކަށް އޮންނާން ޖެހޭ ސަބަބެއް ނެތެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަދެ ފާސްކޮށް ފިސްތޯލަ އަކާއި ވަޒަން އަދި އެހެން ބައެއް ތަކެތި ހޯދައިފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭގަ އެވެ. މި މައްސަލަ ޕީޖީ އަށް ފޮނުއްވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ނާޒިމް ހައްޔަރު ކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ކަމުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލަ ފެނުމާ އޭނާ ހައްޔަރުކުރި ދުވަހާ ދެމެދު 20 ދުވަހުގެ ދިގު މުއްދަތެއް ހިނގައިފައިވެ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ނާޒިމް ހައްޔަރުކުރެއްވުމުގެ އެހާ އަވަސް ވިސްނުންފުޅެއް ރައީސް ޔާމީންގެ އޮތް ނަމަ، އެ ދެމެދުގައި އެހާ ދިގު މުއްދަތެއް ހޭދަވީ ކީއްވެތޯ އުފެދޭ ސުވާލެވެ. ތަހުގީގުގެ މަރުހަލާ ނިމި، ޕީޖީ އަށް މައްސަލަ ގޮސްގެން އެ ފަރާތްތަކަށް ފެނިވަޑައިގެންފި ނަމަ ހައްޔަރުކުރައްވަން ދޫކޮށްލެއްވީ ކީއްވެތޯ އުފެދޭ ސުވާލެވެ.

އަޅުގަނޑަށް އެކަމުން ވިސްނުނީ މި މުޅި މައްސަލައިގައި އެކަމާ ގާނޫނު އަސާސީން މަތިކޮށްފައިވާ މުއައްސަސާ ތަކުގެ ދައުރު މުސްތަގިއްލު ކަމާ އެކު އަދާކުރައްވާން ރައީސް ބޭނުންފުޅުވި ކަމެވެ. އެހެން ނޫން ނަމަ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލަ އާއި ވަޒަން ފެނުނު ވަގުތު އެރެއިން އެރެއަށް ވެސް ނާޒިމް ހައްޔަރު ކުރެއްވިދާނެ އެވެ. ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު އަސާސީން ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އަށް ކިތަންމެހާ ވެސް ފުރިހަމަޔަކަށް އެބާރު ލިބިދެ އެވެ. އެހެން ނަމަވެސް އެކަން އެ ގޮތަށް ކުރެއްވި ތަނެއް ނުފެނުނެވެ.

ނާޒިމް ހައްޔަރުކުރުމާ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގެ އަސްލަށް ބާރުދޭ އެއްވެސް ކަމެއް އަދި މިހާތަނަކަށް ނުފެނެ އެވެ. ނާޒިމް އަކީ ރައީސް ޔާމީން އިތުބާރުކުރެއްވި ވަޒީރެކެވެ. އެންމެ ބޮޑަށް އިތުބާރުކުރެއްވި އެއް ވަޒީރެވެ. ޑިފެންސް މިނިސްޓަރުކަން ވަރަށް އިތުބާރުކުރައްވާ ބޭފުޅަކަށް ނޫނީ ނުދެއްވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެން ނަމަވެސް ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލަ އާއި ވަޒަން ފެނި، ފުލުހުންގެ އިންޓެލިޖެންސަށް ނާޒިމް ބަޔަކާ ގުޅިގެން ވެރިކަން ބަދަލުކުރާން ރާއްވަވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބޭ ހާލު، ނާޒިމާ މެދު ރައީސް ޔާމީން ދެން އިތުރަށް އިތުބާރުކުރައްވާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނެ އެވެ. ވެރިކަން ބަދަލުކުރާން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އެޅިފައިވާ ބޭފުޅަކު ޑިފެންސް މިނިސްޓަރު ކަމުގައި ބެހެއްޓޭނެ ހަމައެއް ވެސް ނުފެނެ އެވެ. އެކަން ކުރައްވައިފި ނަމަ ރައީސް ޔާމީން ވާނީ ވަރަށް މޮޔަފުޅު ބޭފުޅަކަށެވެ.

ހަމަ އެހެންމެ ހަތިޔާރު ގެންގުޅުން ނުވަތަ އުފެއްދުމަކީ ގާނޫނީ ބޮޑު ކުށަކަށް ވާ އިރު، އަދި ގާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލުކުރާން މަސައްކަތް ކުރުމަކީ ބަޣާވާތެއް ރޭވުން ކަމަށްވާ އިރު، އެފަދަ މީހަކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ ފުލުހުންނަށް ވެސް އެމީހުންގެ ގާނޫނީ ވާޖިބު އަދާ ނުކުރެވުނީ ކަމަށް ބަލާނެ ޖާގަ އޮންނާނެ އެވެ.

މި މުޅި މައްސަލަ އަށް ބަލާ އިރު މިއަދު އަނެއްކާ ވެސް ފެންނަނީ އެހެން މަންޒަރެކެވެ. އޭރު ނަޝީދާއި ނަޝީދުގެ ޓީމުން ބުނީ ވެރިކަން ވައްޓައިލީ ބަޣާވާތަކުން ކަމަށެވެ. އެ ބަޣާވާތުގެ އެންމެ އިސް މޭސްތރިންގެ ތެރޭގައި ގާސިމް އިބްރާހީމާއި ނާޒިމް އަދި ރިޔާޒް ހިމެނެ އެވެ. އެކަމަކު، ރައީސް ނަޝީދަށް މިއަދު ނާޒިމް އަކީ ބާޣީއެއް ނޫނެވެ. އެއީ ޣާޒީ އެކެވެ. ރައީސް ނަޝީދަށް މިއަދު ގާސިމް އިބްރާހީމަކީ ވެސް ބާޣީއެއް ނޫނެވެ. އެއީ ވެސް ޣާޒީ އެކެވެ. ރައީސް ނަޝީދުގެ މުޅި ޓީމުގެ ނަމުން އޭރު މަޝްހޫރުވި "ބާޣީ ރިޔާޒު" އަކީ ވެސް މިއަދު ނަޝީދުގެ ޓީމަށް ބަތޮލެކެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ގާސިމް ވިދާޅުވީ ނަޝީދަކީ ދިވެހި ގައުމުގެ ވިއްކައިލި ޣައްދާރެއް ކަމަށެވެ. މިހާރު ގާސިމް އިބްރާހީމަށް ވެސް ނަޝީދު ފެނިވަޑައިގަންނަވަނީ ގާތް އަޚެއްގެ ގޮތުގަ އެވެ. ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔުމުގެ ކުރީގެ އެންމެ ފަހު ވަގުތުކޮޅުގައި ނާޒިމް އާއި އެންމެ ގާތުން ޖުމުހޫރީ މައިދާނުގައި އުޅުއްވިތަން ފެނުނު އެއް ބޭފުޅަކީ ވެސް ރިޔާޒް އެވެ. ރިޔާޒް މިހާރު ވަނީ ނާޒިމްގެ ގާނޫނީ ޓީމާ ވެސް ގުޅިވަޑައިގެންފަ އެވެ.

މި ހުރިހާ ވާހަކަތައް އައިސް ވަށައި ޖެހުމުން ފެންނަނީ ނާޒިމް އާއި ނާޒިމްގެ ޓީމުން އެދައްކާ ވާހަކަތަކާ މުޅީން ތަފާތު މަންޒަރެކެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ހާލަތާ ގުޅުން ހުރި ކަންތައްތަކެއް ވެސް އެބަ ފެނެ އެވެ. އެއް މޫނު ތަކެއް ވެސް އެބަ ފެނެ އެވެ. އޭރު ކަމު ދިޔަ ބޭފުޅުން މިއަދު ކަމުނުގޮސް، އޭރު ކަމުނުދިޔަ ބޭފުޅުން މިއަދު ކަމު ދިޔުމަކީ ވެސް ވިސްނައިލުން އެންމެ ރަނގަޅު ކަމަކަށް ވެދާނެ އެވެ. ބާޣީން ޣާޒީންނަށް ވާ ގޮތަކީ ވެސް ދެނެގަތުން މުހިންމު ކަމެކެވެ. އަސްލު ތިލަވަމުން އަންނަ ވަރަކުން ހަގީގަތް ވެސް އެނގެމުން ދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް