މާފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ކ. މާފުށި: އެ ރަށު ކައުންިސލްގެ ރައީސް ވަނީ ސަސްޕެންޑުކޮށްފައި---- ފޮޓޯ/ ފޭސްބުކް

ކ. މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ސަސްޕެންޑުކޮށްފި އެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައީސާ މަޖުދާ އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ މުސްތަފާ އިއްޔެ ސަސްޕެންޑުކޮށްފައި ވަނީ އަމިއްލަ މަސްލަހަތު ހުރި ކަންތައްތަކުގައި ރިޔާސަތުގައި އިންނަވައިގެން ކަންކަން ނިންމަވާތީ ކަމަށެވެ.

މަޖުދާ ވިދާޅުވީ ކައުންސިލްގެ ރައީސަކީ ގެސްޓު ހައުސްގެ ވިޔަފާރިކުރައްވާ ބޭފުޅަކަށްވާ އިރު، ގެސްޓު ހައުސްތަކާ ގުޅޭ ގޮތުން ކައުންސިލުން ނިންމުންތައް ނިންމާ އިރު ރިޔާސަތުގައި އިންނަވަނީ ކައުންސިލްގެ ރައީސް ކަމަށެވެ.

"އެބޭފުޅާ [ކައުންސިލްގެ ރައީސް މުސްތަފާ] އަކީ ގެސްޓުހައުސްގެ ވިޔަފާރި ހިންގަވާ ބޭފުޅެއް. އެހެންވެއްޖެއްޔާ ގެސްޓު ހައުސްތަކާ ގުޅޭ ގޮތުން ކައުންސިލުން ނިންމުމެއް ނިންމާ އިރު ރިޔާސަތުގައި އެބޭފުޅާއަކަށް ނީނދެވޭނެ. އެއީ ގާނޫނީގޮތުން މަނާކަމެއް،" މަޖުދާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވާނީ އަތޮޅު ކައުންސިލުން ކަމަށާއި ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފައި ވަނީ އަތޮޅު ކައުންސިލުން ކަމަށް ވެސް މަޖުދާ ވިދާޅުވި އެވެ.

އެ ކަމާ ބެހޭ ގޮތުން ކ. އަތޮޅު ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް