މާފުއްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި، ބޮޑެތި ގެއްލުން ތަކެއް

މާފުއްޓަށް ދަތުރުކުރަމުން ދިޔަ އެ ދޯނި ފަރަށް އަރައިފަ -- ފޮޓޯ/ އެމްއެންޑީއެފް

ކ. ތުލުސްދޫން ފުރައިގެން ކ. މާފުއްޓަށް ދަތުރުކުރަމުންދިޔަ "ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ކ. ގުޅިކައިރީގައި އޮންނަ ފަރަށް އަރައި ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.

އެމްއެންޑިއެފްއިން ބުނީ، މި ދޯނި ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފާ ވާކަމަށެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިންގޮތުގައި، އެ ދޯނީގައި ތިބީ ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިންނެވެ. އަދި، ފަރަށްއެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 07:36 ހާއިރުއެވެ.

މި މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް، އެ ދޯނީގައި ތިބި ހަތަރު ފަޅުވެރިން ހާބާކުރާފްޓް ލޯންޗުގައި މާލެ ގެނެސްދީފައިވާ ކަމަށް އެމްއެންޑިއެފްއިން ބުންޏެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް