ގޮއްވާލީތޯ ކުރެވޭ ސުވާލު ހަގީގަތަކަށް!

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސްގެ އަނބިކަނބަލުން ސަލާމަތް ކުރަން، މަސައްކަތް ކުރަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖޭގެ ވަލިއްޔުލް އަމްރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދަތުރުކުރެއްވި ލޯންޗްގައި އެއްޗެއް ގޮވުމުގެ ހާދިސާ އަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިންގާފައިވާ އެންމެ ސުވާލު އުފެދޭ އެއް ކަންތަކެވެ.

ރައީސުލްޖުމްހޫރިއްޔާ އަކީ މުޅި ދިވެހި ގައުމުގެ އެންމެ އިސް ފަރާތެވެ. ރައީސް ޔާމިން ހައްޖުގެ އަޅުކަމަށް ފަހު، ޒަމާނީ އެއާކޮންޑިޝަން ކޮށްފައިވާ 'ފިނިފެންމާ' ލޯންޗްގައި މާލޭގެ ރަސްމީ ފާލަމަށް ކައިރިކުރުން ހީކުރެވުނުހާ އަމާނެއް ނުވި އެވެ. އެ ދަތުރު ވެގެންދިޔައީ އެ ދަތުރުގެ ވާހަކަ ރާއްޖޭ އާއި ރާއްޖޭން ބޭރުގެ މީޑިއާގައި ފަލަ ސުރުޚީ އަޅާލި ދަތުރަކަށެވެ.

ގޮވީތަ ގޮއްވާލީތަ؟

ރައީސް ޔާމިނަށް ވަފާތެރި އަދި އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކާއި އަދި ތާއީދުނުކުރާ ފަރާތްތަކުން މިހާރު އެއްމެ ބޮޑަށް ކުރާ ސުވާލަކީ ރިޔާސީ ލޯންޗްގައި އެއްޗެއް ގޮވީ ހެއްޔެވެ. ނުވަތަ ގޮއްވާލީ ހެއްޔެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ފަރާތްތަކުގެ ވާހަކަތަކުން ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ކަން ޝައްކެތް ނެތް މިންވަރަށް އެނގެ އެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވަނީ އެ ދުވަހު ރިޔާސީ ލޯންޗްގައި 'އެއްޗެއް ގޮވި' ކަމަށް ވިދާޅުވެފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ވެސް ވަނީ 'އެއްޗެއް ގޮވި' ކަމަށް މީޑިއާގައި ވިދާޅުވެފަ އެވެ.

މި ހިސާބުން ވެސް މިއީ އާދައިގެ މައްސަލައެއް ނޫނެވެ. ކޮންމެ ސަބަބަކާއި ހެދި އެއްޗެއް ގޮވިޔަސް ރައީސްގެ ފުރާނައަށް ގެއްލުންވާ ފަދަ ކަމެއް ވުމަކީ އިންތިހާ އަށް 'ސީރިއަސް' ކަމެކެވެ.

ނަން ހާމަނުކުރާ ގޮތަށް 'ސަން' އާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނަނީ ރައީސް ލޯންޗުގެ އޭސީ ގޮވި ކަމަށް ދެކެވޭ ވާހަކަ އަކީ އޭގައި ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ. މެކޭނިކަލް ފެއިލިއާ އަކުން އެފަދަ ބާރުގަދަ ގޮވުމެއް އޭސީގައި ނުވަތަ އޭސީގެ ކޮމްޕެރެސަރު ގޮވިކަމަށް ހެކިދޭ އެއްވެސް ކަމެއް ތާރީޚުގައި ހިނގާފައެއް ނެތް ކަމަށެވެ. އަދި ދިމާވާގޮތަކުން ކޮމްޕްރެސަރު ގޮވި ނަމަވެސް އެވަރުގެ ޕްރެޝަރެއް ނާންނާނެ ކަމަށް އެކަމުގެ ތަޖުރިބާކާރުން ބުނެ އެވެ. ރައީސް މައުމޫނުގެ ދައުރުއްސުރެ ދުއްވާ ފިނިފެންމާ ލޯންޗުގެ އޭސީ އަށް މިފަދަ ކަމެއް ދުވަހަކު ވެސް ދިމާވެފައެއް ނެތެވެ. އަދި ދުނިޔޭގެ ވީވީއައިޕީ ބޭފުޅުން ގެންގުޅުއްވާ ލޯންޗެއްގެ އޭސީއެއް މިހާތަނަށް ގޮވާފައި ހުރި ކަމަކަށް ނުދައްކަ އެވެ.

އެއްޗެއް ގޮއްވާލި ތިއަރީ

ބޮޑެތި ކަންތައްތައް ހިނގުމުން އެކަން ހިނގަން މެދުވެރިވެދާނެ ގޮތްތައް ކަމަށް ބަލާފައި ތިއަރީތައް ނެރެ އެވެ. އެގޮތަށް ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި ތިއަރީ އަކީ ވިސްނާލުން މުހިއްމު ތިއަރީ އެކެވެ.

މިހާތަނަށް ރާއްޖޭގައި ހިންގި އެއްމެ ވަރުގަދަ ތަހުގީގު

މި ތިއަރީ އަށް ބާރުލިބޭ ކަންތައްތަކުގެ ތެރޭގައި އެއްމެ ފުރަތަމަ ކަމަކީ ސަރުކާރުން އަދި ހުދު ރައީސުލްޖުމްހޫރިއްޔާ މިކަން ނެންގެވި ސީރިއަސް ކަމެވެ. ރިޔާސީ ލޯންޗުގައި އެއްޗެއްގޮވި ހާދިސާ އަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ އެއް ތަހުގީގެގެވެ. އެންމެ ގިނަ ގައުމުތަކުގެ ތަޖުރިބާކާރުން ގެނައި ތަހުގީގެވެ. އަދި އެ ހާދިސާ ތަހުގީގުކުރަން ރިޔާސީ ކޮމިޝަނެއް އެކުލަވާލި އެވެ. އެހެންކަމުން ރައީސް އޮފީހުގެ މިނިސްޓަރު ވިދާޅުވި ގޮތަށް 'އެއްވެސް ކަމެއް ރޫލް އައުޓެއް' ނުކުރެވޭނެ އެވެ. އެހެންކަމުން އެއްޗެއް ގޮއްވާލުން ރޫލް އައުޓެއް ނުކުރެވޭނެ އެވެ. އެފްބީއައި އާއި ސައުދި އަރަބިއާ އާއި އިންޑިއާ އަދި ސްރީލަންކާގެ ތަޖުރިބާކާރުން ވަނީ ތަހުގީގު ބޮޑު ބައި ނިންމުމަށް ފަހު ރައީސް ޔާމީނަށް ރިޕޯޓް ހުށަހަޅާފަ އެވެ.

ނެޝަނަލް އިންކުއަރީ ކޮމިޝަނުން ހާމަކުރި ވީޑިއޯ ސްކްރީން ޝޮޓް

އެމްއެންޑީއެފް ބަޑި ގުދަނާއި އެ ހާދިސާ

ތަހުގީގު ޓީމްތައް ފުރުމަށް ފަހު 'އިއްތިފާގުން' މި ދުވަސްކޮޅު އެމްއެންޑީއެފްގެ ބަޑި ގުދަނަށް 'އެކްސެސް' އޮންނަ ދެ މީހަކު ހައްޔަރުކުރުމަކީ އެއީ ސުވާލު އުފެދޭ ކަމެކެވެ. އަދި ކުއްލި ކުއްލި އަށް އެމްއެންޑީއެފްގެ މަގާމުތަކަށް ބަދަލުތައް އައުމަކީ ޝައްކުގެ ނަޒަރަކުން ބަލަން ފުރުސަތު ލިބުނު ކަމެކެވެ. އަދި ވަކިން ޚާއްސަކޮށް ރައީސްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓެވުމަށް ވަކި ޑިވިޝަނެއް އުފެއްދެވުމަކީ އޭގެ އަޑީގައި ސަބަބުތަކެއް ވާނޭ ކަންތައްތަކެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ހައްޔަރު ކުރި ދެ މީހުން ކްރިމިނަލް ކޯޓުން ނެރެނީ-- ސަން ފޮޓޯ/ އަލީ ނަސީރު

'ސަން' އާ ވާހަކަ ދައްކަމުން ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ވަނީ އެ ލޯންޗްގައި އެއްޗެއް ގޮއްވާލާފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

ސްރީލަންކާ ޓީމުން ބުނަނީ ގޮއްވާލުމެއްކަމަށް

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ގޮވުމަކީ ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާ ތަހްގީގުކުރަން ރާއްޖެއައި ސްރީ ލަންކާގެ ތަހްގީގު ޓީމުން ވަނީ އެގައުމުގެ ނޫހަކަށް މައުލޫމާތުދީފަ އެވެ.

ލަންކާގެ ސީއައިޑީ ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމުލަ ހަތަރު މީހުންގެ ތަހްގީގު ޓީމާ ހަވާލަދީ އެ ގައުމުގެ ޑެއިލީމިރާގައި ބުނެފައި ވަނީ، ރިޔާސީ ލޯންޗުކޮޅުގެ ގޮވުމަކީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެއީ ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

މައުލޫމާތު ދިން ފަރާތާ ހަވާލާދީ އެ ނޫހުން ބުނީ، ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްފައި ވަނީ ފިނިފެންމާ ލޯންޗުގެ ކެޕްޓަން އިންނަ ސީޓުގެ ދަށުން ވީއައިޕީ ކެބިން ތެރޭގައި ކަމަށެވެ. އަދި އެ މައުލޫމާތު ދިވެހި ސަރުކާރާ ހިއްސާކޮފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ދަގާޑިއަން ނޫހަށް ރައީސް އޮފީހުގެ މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވަނީ އެއީ ރައީސް އަވަހާރަކޮށްލުމަށް އެ ލޯންޗުގައި އެއްޗެއް ގޮއްވާލީ ކަމަށް ބުނެފަ އެވެ.

ރައްޔިތުންނަށް އެނގެން ޖެހޭ

ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލާފައިވާކަން މިހާރު މި ވަނީ ޔަގީނާ ގާތަށް ކަށަވަރުވެފަ އެވެ. ހަމަ އެކަނި ތަހުގީގު ޓީމުން އެކަން ހާމަ ނުކުރާ ކަމެވެ. އެ ނޫން ހުރިހާ ގޮތަކުން ވެސް އެއީ ގަސްތުގައި ބަޔަކު ހިންގާފައިވާ ކަމެއްކަން އެނގެ އެވެ. ދެ އޮތީ އެކަން ކުރި ބަޔަކާއި އެ ބަޔަކު އެކަން ކުރީ ކީއްވެގެންކަން ދެނެގަތުމެވެ. އެކަން ވެސް ލަސްތަތަކެއް ނުވެ އެެނގޭނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް