ސޯސަންވިލާގައި ކިޔަވާ ދަރިވަރުން ފުރަތަމަ ފަހަރަށް އެސްއެސްސީ އިމްތިހާން ހަދަނީ

ސްރީ ލަންކާގައި ހުންނަ އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރުގައި ކިޔަވާ ދަރިވަރުންތަކެއް -- ސަން ފޮޓޯ: މުހައްމަދު ސިމާއު

ސްރީ ލަންކާގައި ހުންނަ އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ކުރީގެ އެމްބަސީ ހިންގި އިމާރާތް، ސޯސަންވިލާގައި ކިޔަވަމުންދާ ދަރިވަރުން ފުރަތަމަ ފަހަރަށް ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާން ހަދަން ތައްޔާރުވެއްޖެ އެވެ.

ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ، އެ ސެންޓަރުގައި ކިޔަވައިދޭ ދިވެހި އަދި އިސްލާމް ކުލާސްތަކުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ހަތް ދަރިވަރަކު މިއަހަރުގެ އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާނެ ކަމަށެވެ.

"ސެންޓަރުގެ ގްރޭޑް 10 ގައި ކިޔަވާ ހަތް ދަރިވަރުން، އެއީ ފިރިހެން ދަރިވަރަކާ ހަ އަންހެން ދަރިވަރުން މިމަހުގެ 10 އަދި 11 ގައި އެސްއެސްސީ އިމްތިހާން ސެންޓަރުގައި ހަދާނެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ)ގެ ބޭފުޅުން ލަންކާއަށް ވަޑައިގެން އެބޭފުޅުންގެ ބެލުމުގެ ދަށުން އިމްތިހާން ކުރިއަށްގެންދާނީ،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ދިހަ ހާހަށްވުރެއް ގިނަ ދިވެހިން ދިރިއުޅޭ ލަންކާގައި ދިވެހިންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ ސޯސަންވިލާގައި ހިންގާ ދިވެހި އިސްލާމް އަދި ޤުރުއާންގެ ހާއްސަ ކުލާސްތައް ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ ކުރީކޮޅު އެވެ.

ނާސަރީން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭ އެ ސެންޓަރުގައި އެއް ދަންފަޅިއަކަށް ކުލާސްތައް ކުރިއަށްދާއިރު، ރަޖިސްޓްރީ ވެގެން 585 ދަރިވަރަކު ކިޔަވަމުންދެ އެވެ. އޭގެ ތެރޭގައި މަތީ ސާނަވީ ގްރޭޑްތަކުގައި 55 ދަރިވަރަކު ދަނީ ކިޔަވަމުންނެވެ.

comment ކޮމެންޓް