އެއާ އެމްބިއުލާންސްގައި އެއްފަހަރާ އުފުލާނީ ދެ މީހުން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ބައްލަވައިލައްވަނީ: އެއާ އެމްބިއުލާންސްއިން އެއްފަހަރާ އުފުލާނީ ދެ މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނޭ -- ފޮޓޯ/ މޯލްޑިވިއަން

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުރަތަމަ ފަށާއިރު، ބޯޓެއްގައި އެއްފަހަރާ އުފުލާނީ ދެ ބަލި މީހުން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަފުތާ 14ގެ ތެރެއިން ހެލްތު މިނިސްޓްރީއަށް މަތިކޮށްފައިވާ ކަންކަމާގުޅޭ ފަހުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަނީ އައިލެންޑް އޭވިއޭޝަނުގެ ދެ ބޯޓެއް ކަމަށެވެ. އެއީ، އެއާޕޯޓަށް ޖައްސާ ބޯޓަކާއި ސީޕްލޭނެއް ކަމަށެވެ.

އެއާ އެމްބިއުލާންސް މިހާރަށް ވުރެ ވުރެ ފުޅާ ކުރެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"...ސްރީލަންކާއިން އަޅުގަނޑުމެން ހުށަހަޅާތާ ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭގައި އެއާ އެމްބިއުލާންސް އެ ގައުމަށް އުދުހުމުގެ ހުއްދަ ލިބިގެންދާނެ. އިތުރު ގައުމުތައް އަޅުގަނޑުމެންނަށް އިތުރު ކުރެވިގެންދާނެ މި ޕްރޮސެސްގެ ތެރެއިން،" މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުން އިންޑިއާއަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެކި ކަންކަމުގައި އެހީތެރިވެދޭ ގައުމަކަށް ވާތީ އިންޑިއާއާ އެއްކޮށް ވެސް މުސްތަގުބަލުގައި ހަމަ މީގެ އެއްބަސްވުމަކަށް އާދެވިގެންދާނެ."

ޑޭޝް 200-8 ބޯޓުގައި ބޭނުންކުރާނެ އެތެރޭގެ ބައެއް ސާމާނުތައް އުރީދޫއިން، އަދި ބައެއް އިތުރު ސާމާނު މަންތާ އެއާއިން ހަދިޔާކޮށްފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ބޯޓުތައް އެއާ އެމްބިއުލާންސަށް ބަދަލުކުރުމަށްޓަކައި ސަރުކާރުން އެއްވެސް ހޭދައެއްކޮށްފައިނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށާނީ މާދަމާއެވެ.

މީގެ އިތުރުން، ވެސް ހަފުތާ 14ގެ ތެރެއިން ހެލްތު މިނިސްޓްރީއަށް މަތިކޮށްފައިވާ ކަންކަމުގެ ތެރެއިން ހާސިލްވެފައިވާ ކަންކަން މިނިސްޓަރު ވަނީ ތަފުސީލްކޮށްދެއްވާފައެވެ.

އޭގެ ތެރޭގައި، ހެލްތު މިނިސްޓްރީން ވަނީ އަލަށް ހަތަރު ރަށެއްގައި ލެބޯޓަރީ ގާއިމުކުރުމުގެ މަސައްކަތް ފަށައިފައެވެ. ޚަލީލް ވިދާޅުވި އެފަދަ ލެބޯޓަރީގެ ޚިދުމަތް ދޭން ޖެހޭ 77 ރަށެއް އެބަ އޮތް ކަމަށެވެ. މި މަސައްކަތް ދެތިން މަސްދުވަހެއްގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރެއިން ކޮންމެ ލެބޯޓަރީއެއްގައި 15 ޓެސްޓު ހެދޭނެ ކަމަށާއި، އެ ޓެސްޓުތަކުން މީހާގެ ބަލި ދެނެގަނެވި، އިތުރު ފަރުވާއަށް އަވަސްވެގަތުމަށް މަގު ފަހިވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް