ލަންކާގެ ދަރަނި ދެއްކުން 2028 އާ ހަމައަށް ފަސް ކުރެވޭތޯ ބަލަނީ

ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހާ -- ފޮޓޯ/އަލްޖަޒީރާ

އިގުތިސާދީ އަނދަވަޅަކަށް ވެއްޓި އަދިވެސް އަރައިނުގަނެވި އޮތް ސްރީ ލަންކާގެ ބޭރުގެ ދަރަނިތައް ދެއްކުން 2028 ވަނަ އަހަރާ ހަމައަށް ފަސްކުރެވޭތޯ ބެލުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހާ ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާގެ ރިޒާވް ދަށްވެ، ކާބޯތަކެއްޗާއި ތެލާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ލިބުން ދަތިވެ، މަސްތަކެއް ވަންދެން ލަންކާގެ އާންމުން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާތަކާ ގުޅިގެން އޭރުގެ ރައީސް މަހިންދްރާ ރާޖަޕަކްސާއަށް ވަނީ އިސްތިއުފަދޭން މަޖުބޫރުވީއެވެ.

އޭގެ ފަހުން ލަންކާއަށް ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ލޯނު އެހީގެ ލިބިފައެވެ. އަދި، އެ އިދާރާގެ ޝަރުތުތަކާ އެއްގޮތަށް ގައުމުގެ މާލީ ކަންކަން ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ވިކްރަމަސިންހަ ވިދާޅުވީ ބިލިއަން ޑޮލަރުގެ ލޯނާއި ބޮންޑްތައް އަލުން އެކުލަވާލުމަށް ބައިލެޓަރަލް އަދި ޕްރައިވެޓް ކްރެޑިޓަރުންނާ އެކު އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލަންކާގެ ބޭރުގެ ދަރަނި ހުރީ 52.65 ބިލިއަން ޑޮލަރުގައެވެ.

އައިއެމްއެފްގެ ބެއިލްއައުޓް ޕްރޮގްރާމް ދެމެހެއްޓުމަށްޓަކައި، މި އަހަރުގެ ޖޫން މަހު އައިއެމްއެފުން ލަންކާގެ އިގުތިސާދު ރިވިއުކުރުމުގެ ކުރިން، ދަރަނި ދޫކުރި ފަރާތްތަކާ އެކު އާ އެއްބަސްވުންތަކެއް ހަދަން ޖެހެއެވެ. އައިއެމްއެފްގެ ބެއިލްއައުޓް ލޯނުގެ 337 މިލިއަން ޑޮލަރުގެ ދެވަނަ ޕޭމަންޓް މިދިޔަ ޑިސެމްބަރު މަހު ދޫކުރީ ވެސް ލަންކާއަށް ޗައިނާއިން ދީފައިވާ ދަރަނި ލުއި ގޮތަކަށް ހަމަޖައްސަން އެއްބަސްވުމެއް ހެދުމުންނެވެ. ނަމަވެސް ދެވަނަ ރިވިއުގެ ކުރިން އެ އެއްބަސްވުން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް އައިއެމްއެފުން ބުނެއެވެ.

ލަންކާއިން އެންމެ ގިނައިން ލޯނު ނަގާފައިވަނީ ޗައިނާއިންނެވެ.

މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު ކުރިމަތިވި އިގުތިސާދީ ކާރިސާއަށް ފަހު ލަންކާގެ އިގްތިސާދު މިހާރު އަންނަނީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ.

comment ކޮމެންޓް