ފުނަދޫ: އެއްފަސް ކުރެވޭނެ ކަމުގެ ހެއްކެއް!

ފުނަދޫ މަގުމަތިން ބަޔަކު ހިނގާފައި ދަނީ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ށ. ފުނަދު އަށް 1968 ވަނަ އަހަރު، ށ. ޅައިމަގުން އަތޮޅުވެރިކަން ބަދަލުކުރި އިރު ފުނަދުއަކީ ފަޅު ރަށެކެވެ. އޭރު އެ ރަށަކީ ހަމައެކަނި އަތޮޅު އޮފީސް ހިންގާ ރަށެވެ. މީހުން ދިރިއެއް ނޫޅެ އެވެ. ފުނަދުއަށް އަތޮޅުވެރިކަން ބަދަލުކުރީ އިބްރާހިމް ނާސިރު ރައީސްކަމުގައި އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ފުނަދުއަކީ ބޮޑު ރަށަކަށް ވުމުން ގިނަ މީހުން އުޅެވޭނެތީ އެވެ. އެއާ އެކު މިރަށަށް އެހެން ރަށްރަށުން މީހުން ގެންނަން ފެށި އެވެ.

ހުކުރު ވާޖިބުވާ 50 މީހުން ނެތް ރަށްރަށުން ބިންބޮޑެތި ފަޅު ފަސޭހަ ރަށްރަށަށް މީހުން ބަދަލު ކުރަމުންދިޔަ އުސޫލުގެ ދަށުން ފުނަދު އަށް ފުރަތަމަ ގެނައީ ނ. ބޮމަސްދޫން 275 މީހުންނެވެ. އެއީ 1970 ގަ އެވެ. އެއަށް ފަހު 1997 ވަނަ އަހަރު ށ. ފިރުބައިދޫން 840 މީހުން ބަދަލު ކުރި އެވެ. އެއަށް ފަހު މާކަނޑޫދޫގެ 170 މީހުން ފުނަދޫއަށް ބަދަލުކުރި އެވެ. އެއަށް ފަހު ށ. ނޫމަރާގެ ބައެއް މީހުންނާއި މާއުނގޫދޫ ބައެއް އާއިލާތަކާއި ކޮމަންޑޫ ބައެއް އާއިލާތައް ވެސް މިރަށަށް ބަދަލުކުރި އެވެ.

ފުނަދޫއަށް މީހުން ބަދަލުކުރި އިރު އެންމެ ފުރަތަމަ އައިމީހުންގެ ތެރޭގައި ފިރުބައިދު އަށް ނިސްބަތްވާ އުމުރުން 71 އަހަރުގެ އާދަމް އަބްދުއްރަހުމާން (ސެންޓަރު އާދަމްބެ) ހިމެނެ އެވެ. ސިއްހީ ދާއިރާގައި އޭރު ހަރަކާތްތެރިވި އާދަމްބެގެ އުފަން ރަށް ދޫކޮށް ފުނަދުއަށް ބަދަލުވެގެންދިޔައީ ބޮޑު ގޮންޖެހުމަކަށެވެ. ނަމަވެސް އާދަމްބެ އެ ދުވަހު އެނިންމުން ނިންމީ މިއަދަށް އުންމީދުކޮށްގެންނެވެ.

އާދަމްގެ އޭރުގެ ތަޖުރިބާ ސަންއަށް ހިއްސާ ކުރަނީ-- ސަން ފޮޓޯ

"އަޅުގަނޑުމެންނަށް ވިސްނުވީ އެއްތަނަކަށް ގިނަ މީހުންތަކެއް ގޮސް އާބާދީ ބޮޑުކުރީމައޭ ސަރުކާރުން ވެސް ދެއްވަން ބޭނުންފުޅުވާ އަސާސީ ހިދުމަތްތައް އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެމުންގެންދެވޭނީ." އާދަމްބެ އޭރުގެ ނިންމުން ހިއްސާ ކުރަމުން ބުންޏެވެ.

އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުވާ ވާހަކަ ދެއްކުމުން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ އިޖްތިމާއީ މައްސަލަތަކުގެ ވާހަކަ އެވެ. ދެ ރަށެއްގެ ދެބައެއް އެއްވުމުން އުފެދޭނެ އިޖްތިމާއީ މައްސަލަތަކުގެ ވާހަކަ އެވެ. ނަމަވެސް އާދަމްބެގެ ތަޖުރިބާ ތަފާތެވެ.

އާދަމްބެ ބުނާ ގޮތުން ފުނަދުއަށް އެތައް ރަށަކުން އެތައް ބަޔަކު ގެނެސް ވަޒަންވެރިކުރުވި ނަމަވެސް ތަފާތު މައްސަލަތަކެއް ފެންމައްޗެއްނުވެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅީގެ ތަފާތެއް ނޫން ކަމެއް ފާހަގައެއް ނުކުރެވެ އެވެ. އެއްރަށު މީހުން އަނެއް ރަށު މީހުންނަށް ޖެއްސުންކުރުމާއި ނަސްލީ ތަފާތު ކުރުންތަކެއް ނޯވެ އެވެ.

"މައްސަލަތައް ޖެހި އެކަހަލަ ކަންކަމެއް ދިމައެއްނުވޭ ބަދަލުވެގެން އައިއިރު ވެސް އަދި މިހާރު ވެސް. އެކަމަކު އަޅުގަނޑުމެން ކޮންމެ ރަށަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ރަށެއް ދެއްތޯ؟.. އެގޮތަށް ހުރި ތަފާތުތަކެއް އެބަހުރި، އެހެން ނަމަވެސް ތިޔައީ ފިރުބައިދޫ މީހުންނޭ ތިޔައީ ބޮމަސްދޫ މީހުންނޭ ތިއީ މާކަނޑޫދޫ މީހުންނޭ ތިއީ ނޫމަރާ މީހުންނޭ އެހެން ކިޔައިގެން އަރާރުންވެ ދެކޮޅުވުމުގެ ކަމެއް ނެތް." އާދަމްބެ ބުންޏެވެ.

ފުނަދޫ ސުކޫލް-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

މީހުން ދިރިއުޅޭތާ 47 އަހަރުވެފައިވާ ފުނަދޫން މިހާރު ފެންނަނީ ތަރައްގީ އެވެ. މިއަދު އެ ރަށްވެފައި ވަނީ އެއް ރަށު ބަޔަކު އުޅޭ ރަށަކަށެވެ. އާބާދީއާއެކު ތަރައްގީ އެވަނީ ލިބިފަ އެވެ. މިރަށަށް މީހުން ބަދަލުވި އިރު ދަނޑުފަނުން ހުރި ހެލްތު ސެންޓަރު މިއަދު އެވަނީ ހޮސްޕިޓަލަށްވެފަ އެެވެ. ރަށުގައި ތިބެ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އެއްފަސްވުމާ އެކު މިވަނީ ލިބެން ފަށާފައިފަ އެވެ.

ފުނަދުއަށް ފުރަތަމަ މީހުން ބަދަލުވާން އެންގި ރަށްރަށުގެ ބައެއް ރައްޔިތުން އޭރު އެކަމާ ދެކޮޅުހެދި އެވެ. މައިންބަފައިންގެ ބިމޭ، އުފަން ބިމޭ، ރުއްގަހޭ ބުނެ ބަދަލުނުވާން އުޅުނެވެ. ނަމަވެސް މިއަދު މިފެންނަ ތަރައްގީ އާއެކު ބަދަލުވެވުނީތީ މިއަދު އެމީހުން އުފާކުރާ ތަނެވެ.

"އަޅުގަނޑު ކައިރީގައި ބުނެފި އެތައް ބަޔަކު އޭރު އަޅުގަނޑުމެން ދެކޮޅު ހެދީމޭ އެކަމަކު މައާފް ކުރާށޭ މިގޮތަށް ތިމަންނަމެންނަށް ދަރިފުޅު ބަލިވީމާ ނަގާ ކޮނޑަށް ލައިގެން މިރަށުގެ ފަސްގަނޑުގައި ހިނގާފައި ހޮސްޕިޓަލަށް ވެސް އެބަދެވޭ، އަނެއްކާ މިތާގައި އިސްކޫލުގައި ގުރޭޑް 11، 12 އުފެދިގެން އަދި ވިލާކޮލެޖް ތަންތަން ހުރެގެން މަތީ ތައުލީމް ވެސް ދެވި މިމަގުތައް ސަރުކާރުން ތަނަވަސްކޮށްނުދެއްވޭނޭ ތިމަންނަމެން އެތާގައި ތިބި ނަމައެއް." އެއްފަސްވެވުނީތީ އުފާފާޅުކުރި އެވެ.

ފުނަދޫން މިފެނުނު މަންޒަރަަކީ ރާއްޖެ އެކަމަކުން ތަޖުރިބާ ހާސިލް ކުރަން ޖެހޭ ކަންކަމެވެ. އެއްފަސް ކުރުމުގެ ސިޔާސަތައް ރާއްޖެ ބަދަލުވާން ޖެހޭ ކަމުގެ ހެކިތަކެވެ. ކުދިކުދި ރަށްރަށުގައި މަދު އާބާދީތައް ދިރިއުޅެގެން ތަރައްގީއެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި ބިންބޮޑެތި ރަށްތަކަށް ކުދި އާބާދީތަކުން ބަދަލުވާންޖެހެ އެވެ. ތަރައްގީ ގެނެވޭނީ އޭރުންނެވެ.

ފުނަދޫގައި ދިރިއުޅޭ ކުދި އާބާދީތަކުގެ ރަށްތަކުގެ އިތުރުން ވެސް އެއްފަސް ކުރުމުގެ ފޮނި ރަހަ ތަހަންމަލްކުރާ ރައްޔިތުން މިރާއްޖޭގައި އެބައުޅެ އެވެ. ހއ. ހޯރަފުއްޓަށް 2006 ވަނަ އަހަރު ބަދަލުވި ހއ. ބެރިންމަދޫ ރައްޔިތުންނަށް ވެސް މިއަދު ދަނީ އެއްފަސް ކުރުުމުގެ އުފަލާއި ތަރައްގީ ލިބިގަންނަމުންނެވެ.

ރާއްޖޭގެ 190 އަށް ވުރެ ގިނަ ރަށުގައި މީހުން ދިރިއުޅޭ އިރު މިއިން ކޮންމެ ރަށަކަށް އަސާސީ ހިދުމަތް ދިނުމަކީ ބޮޑު ގޮންޖެހުމެކެވެ. ދިވެހިރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ފުރިހަމަ ސިއްހީ ހިދުމަތާއި ތައުލީމީ ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތު ގާއިމު ކުރުމަކީ ފަސޭހަކޮށް އަދި ކައިރި މުސްތަގުބަލެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ކުދި އާބާދީތަކުގައި އުޅޭ ފަރާތްތަކުން ބޮޑު ގުރުބާނީއެއް ވުމެވެ. އެއީ ހިތާއި ދެކޮޅަށް ނަމަވެސް ކެތް ކޮށްލާފައި އެއްފަސް ވުމަށް އެއްބާރުލުން ދިނުމެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް "ވީހާ ވެސް އަވަހަކަށް" އާބަދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެކަމަށް އަމަލީ ސިފަ ގެންނަން ޖެހެ އެވެ. އެ މަސައްކަތަކީ އުނދަގޫ ކަމަކަށް ވިޔަސް އެއީ ކޮންމެހެން ކުރަން މުހިއްމު ކަމެއް ކަމަށާއި އާބާދީ އެއްފަސް ކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އަވަސް ފުރުސަތެއްގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެއަށް އަމަލީ ސިފައެއް ގެނައުން މުހިއްމު،" ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އެއްފަސް ކުރުމުގެ ވާހަކަ ދެކެވޭ އިރު އެކަމަކީ ވެސް ދުރާލައި ރޭވުންތަކެއް ރޭވިގެން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ ކަމަކަށް ވާން ޖެހެ އެވެ. އެގޮތުން އާބާދީ ބޮޑު އެއް ރަށަށް މީހުން ބަދަލު ކުރުމުގެ ވިސްނުން މުޅިން ނުގެންގުޅު ކުދި އާބާދީތައް ބިން ބޮޑު ކުދި އާބާދީއެއްގެ ރަށަކަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުން މުހިންމުކަން ފެނެ އެވެ.

ތޮއްޖެހުމާއި އެއްފަސްވުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ދެކުނާއި އުތުރުގައި އާބަން ސެންޓަރުތައް ގާއިމުކުރުމަށް އިސްކަންދީގެން ފޯކަސް ކުރެވޭ ރަށްތަކެއް ތަރައްގީ ކުރާނެ ކަމަށެވެ.

"ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ފޯކަސް އައިލެންޑްތަކެއް ތަރައްގީކުރުން. މިއީ ވަރަށް އުނދަގޫ އަދި ވަރަށް ގިނައިން ދެކެވިފައިވާ ވާހަކަތަކެއް. ހަގީގަތުގައި މިކަން ކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ލިބިގެން." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ފުނަދޫން ފެންނަމުންދާ މަންޒަރަކީ މުޅި ރާއްޖެއަށް އިބުރަތެކެވެ. ކުދި އާބާދީތައް ބޮޑު ރަށަކަށް ގެންގޮސް ތަރައްގީ ގެނެވޭނެކަން އެރަށުން އެދަނީ ފެންނަމުންނެވެ. އެހެންކަމުން އެ މަންޒަރު އިތުރުކުރަންޖެހެ އެވެ. ކުދި އާބާދީތައް ހިމެނޭ ރަށްރަށުން ބޮޑެތި ރަށްރަށަށް މީހުން ބަދަލުކުރެވެން ޖެހެ އެވެ. ތަރައްގީ އޮތީ އޭރުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް