ދިރާގުން މުޅި ރާއްޖެއަށް 3ޖީ ހިދުމަތް ދިނުން: 70 މިލިއަން ޑޮލަރުގެ މަޝްރޫއެއް

ދިރާގު ހެޑް އޮފީސް: އެ ކުންފުނިން ދަނީ ހިދުމަތްތައް ފުޅާ ކުރަން ގިނަ މަސައްކަތްތައްކުރަމުން -- ފޮޓޯ: ދިރާގު

ދިވެހިންގެ ދުލަށް ފަރިތަ ނަމެކެވެ. އެނަމަށް ބަލާއިރު އެވަނީ 'ދިވެހި ރާއްޖޭގެ ގުޅުން' މި ލަފްޒްތަކުގެ ފެށޭ އަކުރު ހިމަނައިގެން ނަަމެއް ހަދާފައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިރާގުގެ އަސާސީ މަގުސަދަކަށްވެފައި އޮތީ ދިވެހި ރައްޔިތުން ގުޅުވައިދިނުމެވެ. އެއް ރަށާއި އަނެއް ރަށް ގުޅޭނެ އިންތިޒާމް ހަަމަޖެއްސުމެވެ. ރާއްޖެއާއި ބޭރާއި މުއާސަލާތީ ގުޅުން ގާއިމުކޮށްދިނުމެވެ.

ކޮންމެ ރަށެއްގައި ބޫތެއް ބަހައްޓައިގެން މުޅި ރާއްޖެ އެއްކޮޅުން އަނެއްކޮޅަށް ގުޅުވައިދިނުމަކީ ދިރާގުގެ ކާމިޔާބީ އެކެވެ. އޭގެ ފަހުން މުޅި ރާއްޖެއަށް މޯބައިލް ފޯނު ހިދުމަތް ދެވުމަކީ އަނެއްކާވެސް ދިވެހިން އިތުރަށް ގުޅުވައިދިން ގުޅުވައިދިނުމެކެވެ.

މިނިވަން 50ގެ މުނާސަބު މި ދަނޑިވަޅުގައި ދިރާގުން ވަނީ ދިވެހިން ފަޚުރުވެރި އުފާވާނެ ފަދަ ޚަބަރެއް ދީފައެވެ. މުޅި ރާއްޖެއަށް 3ޖީގެ ހިދުމަތް ދީފައެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ. ތަރައްގީވަމުން އަންނަ ގައުމެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ ހިދުމަތްދެވުމަކީ އާދައިގެ ކަމެއް ނޫނެވެ.

އަނެއްކާވެސް ދިވެހި ރާއްޖޭގެ ގުޅުމުން މިވަނީ ހުރިހާ ދިވެހިން ގުޅުވައިދީފައެވެ. މުޅި ދުނިޔެ އާއި އެވެ.

70 މިލިއަން ޑޮލަރުގެ މަޝްރޫއު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީގެ ހިދުމަތް ދިނުމަށް ދިރާގުން ހިންގި މަޝްރޫއަށް 70 މިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަަމަށް އެ ކުންފުނީގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވިއެވެ. މިއީ މިހާތަނަށް ދިރާގުން ވެސް ހިންގި އެންމެ ބޮޑު މަޝްރޫއުއެވެ.

އެކަމާއި ގުޅިގެން އިއްޔެ ދިރާގުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، މިއީ ދިރާގުން ހާސިލްކުރި ވަރަށް މުހިއްމު ލަނޑުދަނޑިއެއް ކަަމަށެވެ.

"މިއީ އަޅުގަނޑަށް ހީވަނީ މުޅި ރާއްޖޭގެ ތާރީޚުގައި ވެސް އަދި ދިރާގުގެ ތާރީޙުގައި ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭނެ ދުވަހަކަށް ވާނެހެން،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ޝައްކެތް ވެސް ނެތްގޮތުގައި މިއީ ތާރީޚީ ކަމެކެވެ. ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާނެ ކަމެކެވެ.

މުޅި ރާއްޖެއަށް 3ޖީ އިންޓަނެޓްގެ ހިދުމަތް ދިރާގުން ދީފައި މިވަނީ އެކަން ނިންމަން ކަނޑައެޅިވަރަށް ވުރެ ތިން މަސްކުރިން ކަަމަށް ވެސް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އާބާދީއެއް ނުބަލައި ހައި ސްޕީޑްގައި އެއްމެނަށް

އެ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ، އަތޮޅުތެރޭގައި ދެމުންދާ 3ޖީގެ ހިދުމަތަކީ ސްޕީޑްގެ ގޮތުން ބަލާއިރު ވެސް އެންމެ ސްޕީޑް ރަނގަޅު 3ޖީ ކަމަށެވެ.

"ރަށެއްގައި 72 މީހުން ތިބި ކަމުގައި ވިޔަސް އަދި 100 މީހުން ތިބި ކަމުގައި ވިޔަސް ހިދުމަތް ދިނުމުގެ ސްޕީޑްގެ ފެންވަރަަކަށް އެއްވެސް ބަދަލެއް ނުގެންނަން. އެ ފެންވަރުގެ ނެޓްވޯކެއް އަޅުގަނޑުމެން ގާއިމުކުރީ،" މައުމޫން ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި އެކަނި ވެސް 88 ރަށަށް 3ޖީ ހިދުމަތް ދީފައިވާ ކަަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެހާ ހަލުވި ސްޕީޑެއްގައި މަސައްކަތް ކުރިއަށް ގެންދިޔައީ ކަސްޓަމަރުންނަށް ވީހާ ވެސް އަވަހަށް ހައި ސްޕީޑް މޯބައިލް ބްރޯޑް ބޭންޑް ފޯރުވައިދޭން ކަަމަށާއި އުންމީދަކީ އެ ހިދުމަތް ބޭނުންކޮށްގެން އެފަރާތްތައް ބޭނުންވާ އިޖްތިމާއީ އިގްތިސާދީ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބުން ކަމަށް މައުމޫނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގުޅުން، ދިރާގުން މިވަނީ އެ ކުންފުނީގެ މަގުސަދަކާއި އެއްގޮތަށް ޒަމާނީ މުއާސަލާތީ ގުޅުމުން ގުޅުވައިދީފައެވެ.

comment ކޮމެންޓް