ތުރުކީގެ އިސްލާމީ ލީޑަރު ހަތަރު އަގޮނޅިއެއްގެ ކަންމަތީގައި

އުރުދުޣާން ތުރުކީގެ އިސް ޖެނެރަލުންނާއެކު

ެެތުރުކީ މިހާރު މިސްރާބު ޖަހާފައި ވަނީ އަވަސް އިންތިޚާބަކާ ދިމާއަށް ކަމަށާއި ބަލިވެދާނެތީ އެކަމަށް ޖެހިލުންވެ ވަޑައިނުގަންނަވާކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. އުރުދުޣާން ވިދާޅުވެފައި ވަނީ ތުރުކީއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރެވޭނީ އަވަސްއިންތިޚާބަކަށް ގޮސްގެންކަމުގަ އެވެ. އަވަސް އިންތިޚާބަކަށް ދާން ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ތައްޔާރު ކަމަށާ މިކަމަށް ފަސްޖެހެމުންދަނީ ވާދަވެރި ޕާޓީތަކުން ކަމަށް ވެސް އުރުދުޣާން ވިދާޅުވެފައިވެ އެވެ.
ތުރުކީއަށް ސިޔާސީ މައްސަލަތައް ކުރިމަތިވެފައި ވަނީ މީގެ ތިންމަސްކުރިން އެގައުމުގައި ބޭއްވި އާންމު އިންތިޚާބުގައި މިހާރު ވެރިކަންކުރާ އިސްލާމީ ފިކުރުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލުމާއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލަން ޖެހުމާގުޅިގެންނެވެ. ޖަސްޓިސް ޕާޓީއަކީ ތުރުކީގެ އެންމެ ބޮޑު އަދި އެންމެ ބާރާއި ނުފޫޒުގަދަ ޕާޓީއެވެ. ނަމަވެސް ތުރުކީގެ އިލްމާނީ ފިކުރުގެ ޕާޓީތަކާ އިސްލާމީ ފިކުރުގެ ޖަސްޓިސްޕާޓީގެ ވިސްނުން ވަރަށްބޮޑަށް ތަފާތެވެ. ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ޖަސްޓިސްޕާޓީ ނުކުޅެދިފައި ވަނީ މިކަމުގެ ސަބަބުންނެވެ.
ތުރުކީގެ ވަގުތީ ބޮޑުވަޒީރު އަދި ޖަސްޓިސް ޕާޓީގެ ލީޑަރު އަހްމަދު ދާއޫދު އޮގްލޯ ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް އޭނާ ކުރެއްވި ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބުވެފައިވާކަން ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ރަސްމީގޮތުން ހުށަހަޅުއްވާފަ އެވެ. އެންމެފަހުން ބޭއްވި އިންތިޚާބުގައި ޖަސްޓިސް ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލުމަކީ ތުރުކީގެ ބާރުގަދަމީހާ ގެ ނަމުން ނަންދެވިފައިވާ އުރުދުޣާނަށް ރައްޔިތުން ދިން ވަރަށްބޮޑު މެސެޖެއްކަމަށް ވަނީ ބެލެވިފަ އެވެ.
އުރުދުޣާންގެ ޕާޓީގެ ވެރިކަމުގައި ތުރުކީއަށްވަނީ އިގްތިސާދީ ބޮޑެތި ކުރިއެރުންތަކެއްލިބި ރައްޔިތުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން އާދަޔާ ޚިލާފަށް ގެނަސްދީފަ އެވެ. ނަތީޖާއެއްގެ ގޮތުން ފާއިތުވި 12 ވަރަކަށް އަހަރު ތެރޭގައި އެޕާޓީއާ ވާދަވެރި އިލްމާނީ ފިކުރުގެ ޕާޓީތައް ވަނީ ތުރުކީގެ ސިޔާސީ މަސްރަހުގައި މުޅިން ބަލިކަށިވެ ސިޔާސީގޮތުން އިނދަޖެހިފަ އެވެ.

ނަމަވެސް ފާއިތުވި އަހަރުތަކުގައި ސިޔާސީގޮތުން ބައެއް ޅައެއްޗެހި އުރުދުޣާން އަޅުއްވާފައިވެ އެވެ. މީގެތެރޭގައި ސޫރިޔާފަދަ ގައުމުތަކުގައި ހިނގާ ދާޚިލީ އަރާރުންތަކުގެ ތެރެއަށް ނުސީދާ ގޮތެއްގައި ތުރުކީ ވަނުންފަދަ ކަންކަން ހިމެނެ އެވެ. ސޫރިޔާއާއި ޔަމަން އަދި މިސްރުފަދަ ގައުމުތަކުގެ ދާޚިލީ އަރާރުންތަކުގެ ތެރެއަށް ވަނުމުން ސައޫދީ އަރަބިޔާ ފަދަ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތަކުގެ އިގްތިސާދަށްވެސް ލޮޅުން އަރައި އެގައުވެސްވަނީ ބޮންގޮއްވުން ފަދަ ހަރުކަށި އަމަލުތަކުގެ ޝިކާރައަކަށް ވެގެން ގޮސްފަ އެވެ.

ތުރުކީގެ ދަސްތޫރު ބުނާގޮތުން އާންމު އިންތިޚާބުގެ ނަތީޖާ އިޢްލާންކުރާއިރު އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބިއްޖެ ނަމަ ޕާލަމެންޓްގެ އެންމެގިނަ ގޮނޑި ލިބޭ ޕާޓީއެއް އސްކޮށް އޮވެގެން ކޯލިޝަން ސަރުކާރެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހެ އެވެ. މިމުއްދަތު މިމަހުގެ 23 ވަނަ ދުވަހު ހަމަވާއިރު ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ޖަސްޓިސްޕާޓީ ނާކާމިޔާބުވެފައިވާތީ އެކަމަށް ދެން އޮތް ހަމައެކަނި ހައްލަކީ ޕާލަމެންޓް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުންކަމަށް އުރުދުޣާން ދެކެވަޑައިގަންނަވަ އެވެ. އަވަސް އިންތިޚާބަކަށް ގޮސްފި ނަމަ އެއްގޮތަކީ އުރުދުޣާންގެ ޖަސްޓިސް ޕާޓީ އަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބޭވަރަށް އިންތިޚާބުގައި ރައްޔިތުން ވޯޓުދިނުމެވެ.

އަނެއްގޮތަކީ އަޣްލަބިއްޔަތު ނުލިބި ކޯލިޝަން ސަރުކާރަކަށް އަނެއްކާ ވެސް ދާންޖެހުމެވެ. ކޯލިޝަން ސަރުކާރަކަށް ދާންޖެހިއްޖެ ނަމަ ތުރުކީގެ އިގްތިސާދު އަނެއްކާވެސް ހީނަރުވެ އުރުދުޣާންގެ ގެނެސްދެއްވި ކުރިއެރުން ދަށަށްދާގޮތް ދިމާވެ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެންދާނެ އެވެ.

ތުރުކީގައި ބާއްވާ އާންމު އިންތިޚާބުތަކުގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ނުލިބުމުގެ މައްސަލަ މީގެކުރިން އެގައުމަށް ކުރިމަތިވީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 2002 ވަނައަހަރާ ހަމައަށެވެ. އެދުވަސްވަރު މިމައްސަލަ ބޮޑުވެ ތުރުކީގައި ކޯލިޝަން ސަރުކާރުތައް އުފައްދައި ކުރުމުއްދަތެއްގެ ތެރޭގައި އެ ސަރުކާރުތައް ރޫޅިގެން ދިޔުމުގެ ސަބަބުން ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި ތަރައްގީއާއި ކުރިއެރުންވަނީ ވަރަށްބޮޑަށް ދަށަށްގޮސްފަ އެވެ. މިހާލަތު ރަނގަނޅުވީ އުރުދުޣާންގެ ވަރުގަދަ އަދި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ. 13 ވަރަކަށް އަހަރުފަހުން މިހާލަތުއަލުން ތަކުރާރުވާންޖެހުމުގެ ބިރު ތުރުކީއަށް ކުރިމަތިވެފައިވާއިރު ތުރުކީގެ ވެރިކަމުގެ ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް އުރުދުޣާން ގެންގުޅުއްވާ ވިސްނުންފުޅުވެސްވަނީ އޭނާގެ ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުމުން ތަންފީޒު ކުރެވޭނެ ގޮތް ނުވެފައެވެ.
ތުރުކީގައި ޒަމާނުއްސުރެއޮތް ސިފައިންގެ ޖެނެރަލުންގެ ބާރުވެރިކަމާއި ނުފޫޒުވެސް އުރުދުޣާންގެ ވެރިކަމުގައި ވަނީ މުޅިން ފުނޑުފުނޑުކޮށްލައްވާފަ އެވެ. އަދި އުރުދުޣާން ވަނީ ތުރުކީގެ އިސްލާމީ ލީޑަރުންގެ ވެރިކަންތައް ވައްޓާލަމުން ގެންދިޔަ ޖެނެރަލުންތައް ހަމަބިމަށް ތިރިކުރައްވައި އެމީހުން ސިޔާސީ މަސްރަހުން ބޭރުކޮށްލައްވާފަ އެވެ. މިގޮތުން ސަރުކާރުތަކާ ދެކޮޅަށް ޒަމާނުއްސުރެ ބަޣާވާތްތައް ކުރަމުން ގެންދިޔަ ކުރީގެ ހަރުކުލައިގެ ޖެނެރަލުންތައް އުރުދުޣާންގެ ވެރިކަމުގައި ވަނީ ދިގުމުއްދަތަކަށް ޖަލަށްލާފަ އެވެ. އުރުދުޣާންއާ ދެކޮޅަށް އެއްވެސް ކަމެއްކުރަން ތުުރުކީގައި ކުރިން ބާރުގަދަކޮށް މަތިހަށި ފުއްޕައިގެން އުޅުުނު ޖެނެރަލުންނަށް ކެރިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް