ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކުޅެދޭ މީހުންގެ ޝިކާރައަކަށް!

ޖިންސީ ގޯނާ ލިބުންކަމަށްބުނާ ދެބެއިން ސަން އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

އުމުރުން 25 އަހަރުގެ އެއްމާބަނޑު އެ ދެބެއިންގެ ނުކުޅެދުންތެރިކަމާ އެކު ވިސްނުން ހުންނަނީ ހަ އަހަރު ކުއްޖެއްގެ ވިސްނުމެވެ. ސަރުކާރު ކުންފުންޏަކަށް ވަޒީފާއަށް ދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލި ފުރުސަތުގެ ތެރެއިންނެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ހަރުދަނާ ބަޔަކަށް ވުމަށްޓަކަ އެވެ. ނަމަވެސް ކުރި އުންމީދުތަކާއި ދިމާވި ގޮންޖެހުންތަކާ ނުބައްދަލުވީ އެވެ. އެ ކުދިން ބުނާ ގޮތުން ވަޒީފާގެ މާހައުލުގައި އެ ކުދިންނަށް ދަނީ ޖިންސީ ގޯނާ ކުރަމުންނެވެ.

"އެތާ އުޅޭ ބައެއް މީހުން ހިފަނީ [ކުރިމަތި ފަރާތުގައި]، ސައިބޯން ހުއްޓާ ވެސް ހިފަނީ. މަސައްކަތް ކުރަން ހުއްޓާ ވެސް ހިފަނީ،" އެތަނުން އެއް ކުއްޖަކު "ސަން" އަށް ކިޔައިދިނެވެ.

ބިރުވެރިކަމާ އެކު އެ ވާހަކަތައް ހިއްސާ ކުރަމުން ދެ ކުދިން ވެސް ވަނީ އެ ކުދިން ފާހާނާއަށް ދާ ވަގުތުގައި އެތަނުގައި އުޅޭ އެތައް ފިރިހެނެއްގެ ފަރާތުން ޖިންސީ ގޯނާ ކުރާ ކަމަށް ބުނެފަ އެވެ. އެކަން އާއިލާއަށް ފުރަތަމަ ނޭނގި ނަމަވެސް އެ ކުންފުނީގެ ވެރިންނަށް އެކަން އެންގި ކަމަށް އެ ދެކުދިން ވެސް ބުނެ އެވެ.

ސިކުނޑީގައި ޅަކަމެއް ހުއްޓަސް އެ ކުދިން ވަނީ އެފަދަ ކަންކަމަށް ކޮންމެ ވެސް ވަރަކަށް ހޭލުންތެރިކުރެވިފަ އެވެ. އެ ދެ ކުދިންނަކީ ކެއާ ސޮސައިޓީ އާއި އިމާދުއްދީނުގެ ހާއްސަ އެހީއަށް ބޭނުންވާ ކުލާސްތަކުން ތައުލީމު ހާސިލްކޮށްފައިވާ ދެ ބެއިންނަށް ވުމުން އެ ކުދިން ހޭލުންތެރި އެވެ. ހަށިގަނޑުގައި އަތްލާން ނުވާނެ ތަންތަން ހުންނާނެ ކަން އެނގެ އެވެ. ނަމަވެސް އެ ވާހަކަތައް ނުދެއްކި އޮތީ ބިރު ދެއްކުމުން ކަމަށް އެ ކުދިން ބުނެ އެވެ.

އެ ކުދިންނަށް ގޯނާ ކުރި މީހުން އެ ކުދިން އެހެން މީހެއް ކައިރީ އެ ވާހަކަ ކިޔައިދީފި ނަމަ އަނިޔާކުރާނެ ކަމުގެ ބިރު ދައްކާފައިވާ ކަމަށް ވެސް އެ ކުދިންގެ ދައްތަ ބުނެ އެވެ.

"އެ ކުދިންނާ ބެހުނު އެކަކު މިކުދިންނަށް ބިރު ދައްކާފައި ހުރީ. މީހަކު ކައިރީ ބުނެފިއްޔާ އަނިޔާ ކުރާނަމޭ. މި އަށްވުރެ ބާރަށް ---- [ކުރިމަތި ފަރާތަށް ތަދުކުރާނަމޭ] ކިޔައިގެން ބިރު ދައްކާފައި ހުރީ،" އެ ދެބެއިންގެ ދައްތަ ބުންޏެވެ.

ތަހުގީގު ކުރަމުންދާ މައްސަލަަކަށްވުމުން ސީދާ ކަން ހިނގީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ކަމާ ބެހޭ އެތައް އިދާރާއަކުންނާއި ފުލުހުން ވެސް އެ ކުދިންގެ ބަޔާން ނަގައި އެ މައްސަލަ ބަލަމުން އަންނަ ކަމެވެ. ޖެންޑާ މިނިސްޓްރީ އިން ވެސް ވަނީ އެ މައްސަލަ ހުށަހެޅުމުން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

"ފުލުހުންނަށް ވެސް ހުށަހަޅާފައި ވަނީ. އަދި އަޅުގަނޑަށް އެނގުނު ދުވަހު 1412 އަށް ވެސް ރިޕޯޓްކޮށްފައި ވާނީ. ފުލުހުން ވަނީ އެ ކުދިންގެ ބަޔާންތައް ވެސް ނަގާފަ. އަޅުގަނޑަށް ކިޔައިދިން ގޮތަށް ފުލުހުންނަށް ވެސް ކިޔައިދިން،" އެކުދިންގެ ދައްތަ ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ އެކްޓިން ޑިރެކްޓަރު އަހުމަދު އިމާދު ވިދާޅުވީ އެމައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވުމުން އެ ދެ ކުދިންނަށް ދިމާވެފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއް ކަމެއް ނުވަތަ "ބުލީ" ކުރުން ކަމެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

"[ކުންފުނި]ގެ މައްސަލައެއް އަޅުގަނޑުމެންނަށް ވެސް އޮތީ ފާހަގަ ކުރެވިފައި. އެހެން ނަމަވެސް އިންވެސްޓިގޭޝަން ނިމުމަށް ފަހު އެއީ ޖިންސީ ފުރައްސާރަ ކުރުމެއް ކަމެއް ނުވަތަ ބުލީ ކުރީ ކަމެއް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭނީ،" އިމާދު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފައި ގިނަ ކުދިންތަކެއް ވަނީ އުފާވެރި ކަމާއެކު މަސައްކަތާއިގެން ކުރިއަށް ދާން ފަށައިފަ އެވެ. އެކަމަކު މަދުން ނަމަވެސް ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖިންސީ ގޯނާ ކުރާ ވާހަކަ އާއި އެފަދަ ފަރާތްތަކާއި މެދު ތަފާތު ކުރުންތައް ގެންގުޅޭ ވާހަކަތައް ވަނީ ފެންމަތިވެފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ "ޑިސެބިލިޓީ އެމްބެސެޑާ" އަހުމަދު ހިޝާން ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް އިއުލާން ކުރި ހިސާބުން ވެސް އެކުދިން ވަޒީފާގެ މާހައުލުގައި އުޅޭ ގޮތް މޮނީޓާ ކުރުމަށް އޭނާ ޖެންޑާ މިނިސްޓްރީއަށް ލަފާދިން ނަމަވެސް މިއަދާއި ހަމައަށް ވެސް އެކަން ނުވެ އެވެ.

"މީގައި މައްސަލައަކީ ޖެންޑާ މިނިސްޓްރީ. ކީއްވެ އެމިނިސްޓްރީން އެމީހުންނަށް ވަޒީފާ ދީފައި އެމީހުން ރެގިއުލޭޓް ނުކޮށް އެމީހުން ހޭލުންތެރި ނުކުރީ. އެކަން އެކަށީގެންވާ ގޮތަކަށް ނުކުރެވޭ. އެމީހުން ވަޒީފާއަށް ގޮސް ކުރަނީ ކީއްތޯ އެމީހުންގެ ހާލުބަލައެއް ނުހެދޭ. އަހަރެންވެސް ބުނިން އެކަމެއް ނުކުރި،" ހިޝާން ވިދާޅުވި އެވެ.

ހިޝާން ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މަސައްކަތު މާހައުލަކަށްދާ އިރު އެ މާހައުލުގައި ދެން ތިބޭ ފަރާތްތަކަށް އެ ކުދިންނަކީ ކޮންކަހަލަ ބައެއްކަން ބުނެދެވެން ޖެހޭނެ އެވެ. ކުންފުނިތަކުގައި އުޅޭ މުވައްޒިފުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާ މެދު ހޭލުންތެރި ކުރަން ޖެހޭއިރު އެކަން މިހާތަނަށް ނުވާ ކަމަށް ހިޝާން ވިދާޅުވި އެވެ.

"އަހަރެން އެކަންކަން ބަލަން އެދުނިން. އެތަންތަނަށް ސިޓީ ފޮނުވައިދޭށޭ ބުނިން. އަހަރެން ބަލަން ދިއުމުގެ ހުއްދަ ހޯދައިދޭށޭ ބުނީމަ ވެސް އެއަށް ވެސް އަޅައެއް ނުލާ،" ހިޝާން ވިދާޅުވި އެވެ.

ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް އެދުމުން އެކަން އެއޮތީ ކޮށްފަ އެވެ. އެއީ ސީދާ ރައީސް ޔާމީނުގެ ނިންމެވުމެކެވެ. އެއީ މުހިންމު އެހާމެ ހެޔޮ ނިންމެވުމެކެވެ. ނަމަވެސް ދެރައީ އެކަންކަން ބަލައި ހެދޭނެ ރަނގަޅު އުސޫލެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާ ތަކުގެ މެދުގައި ގާއިމް ކުރެވިފައި ނެތުމެވެ. ކޮންމެ ގޮތެއް ވިޔަސް އާންމު މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތަކާއި ވަރަށް ތަފާތު ވާނެ އެވެ. އުޅޭ އުޅުމާއި ވިސްނުމާއި ފިކުރު ވެސް ތަފާތު ވާނެ އެވެ. އެކަންކަމަށް އެހެން މުވައްޒފުން ހޭލުންތެރި ނުކުރެވިއްޖެ ނަމަ އޭގެ ސަބަބުން އެތައް ނުކިއްސަރު ކަންތައްތަކެއް ފެނިގެން ދާނެ އެވެ.

ޖެންޑާ މިނިސްޓްރީގެ އެކްޓިން ޑިރެކްޓަރު އަހުމަދު އިމާދު ވިދާޅުވީ، ބެލެވޭ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން "ބުލީ" ކުރުމަކީ މުޖުތަމައުގެ ތެރޭގައި ވެސް ހިނގާ ކަމަކަށް ވާއިރު ވަޒީފާގެ މާހައުލުގައި ވެސް އެގޮތަށް އެކަންކަން ހިނގަނީ އެވެ. އެކަންކަމަށް ވަޒީފާގެ މާހައުލުގައި އުޅޭ ފަރާތްތައް ހޭލުންތެރި ކުރުމަށް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ޕްރޮގުރާމްތައް ފަށާނެ ކަމަށް އިމާދު ވިދާޅުވި އެވެ.

"އެކަހަލަ [ނުކުޅެދުންތެރިކަން ހުންނަ] ކުދިން މަސައްކަތްކުރާ ތަންތަނުގެ ސްޓާފުންނަށާއި އެތަންތާގެ މުވައްޒަފުންނަށް އެވެއާނަސް ޕްރޮގުރާމްތަކެއް ވަރަށް އަވަހަށް ރާވައިގެން ކުރިއަށް ގެންދާނަން. ކުރިއަށް އޮތް ދެ މަސް ތެރޭގައި ޓްރެއިނިން ރާވައިގެން ކުރިއަށް ގެންދިއުމަށް ވިސްނާފަ މިއޮތީ،" އިމާދު ވިދާޅުވި އެވެ.

ވަޒީފާއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައްސަލައެއް ކުރިމަތިވާ ނަމަ އެމިނިސްޓްރީއަށް އެންގުމަށް ކުރިން ވެސް އަންގާފައިވާނެ ކަމަށް އިމާދު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބޭނުން ނާޖާއިޒު ގޮތެއްގައި ހިފުމަށް ބަޔަކު މަސައްކަތް ކުރާއިރު މިއީ ގާނޫނީ ބޮޑު ކުށެކެވެ. ޖިންސީ ކުށުގެ ގާނޫނުގައި ބުނާގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހަކާ އެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުން ރައްކާތެރިކަން ލިބިދޭން ޖެހެ އެވެ. އެ ފަރާތްތަކުގެ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިމާޔަތް ކޮށްދޭން ޖެހެ އެވެ. އެ ފަދަ ފަރާތްތަކުން ހިތްވަރާ އެކު އަޅުގަނޑުމެން ކުޅެދޭ މީހުންގެ ތެރެއަށް ނުކުމެ މަސައްކަތް ކުރާއިރު، އެއީ ވެސް އަޅުގަނޑުމެންގެ ހަށިގަނޑުގެ އެއްބައިގެ ގޮތުގައި ބަލައިގަންނާން ޖެހެ އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ އެވެ. އަދި އެފަދަ ޢަމަލުތަކަށް ހިތްވަރުދޭ ބަޔަކަށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ވެގެން ނުވާނެ އެވެ.

ވިސްނަވައިލައްވާށެވެ! ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިހާނެތިކޮށް ހިތައި، އެމީހުން "ޝިކާރަ" ކުރާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅޭނަމަ، އެބައެއްގެ ނުކުޅެދުންތެރިކަން މާބޮޑު ނޫންތޯ އެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް