ފުޅަނދު ބުރު ބަލާލަން މާލޭގެ މަގުތައް ތޮއްޖެހިއްޖެ

ފުޅަނދު ބުރުގެ ބައިވެރިޔަކު ޒީނަތްތެރިވެފައި: މިރޭ 8:00 ގައި ފެށި ފުޅަނދު ބުރުގެ ހަރަކާތް އަދިވެސް ނުނިމޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިނިވަން 50ގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ފުޅަނދު ބުރު ބަލާލަން ގިނަ ބަޔަކު ނުކުތުމުން، މާލޭގެ މަގުތައް ތޮއްޖެހިއްޖެ އެވެ.

ފުޅަނދު ބުރު ފަށާފައި ވަނީ މިރޭ 8:00 ގައި ސޯޝަލް ސެންޓަރު ކުރިމަތިން ނެވެ. ސަރުކާރުގެ 24 އިދާރާއަކުން މުޅި ޖުމުލަ 34 ފުޅަނދު މިރޭ އާންމުންނަށް ވަނީ ދައްކައިލާފަ އެވެ.

އެގޮތުން ސަރުކާރުގެ ފަސް ވުޒާރާއަކުން ވަނީ ފުޅަނދުތައް ނެރެފައި އެވެ. އަދި އަމިއްލަ ދެ ފަރާތަކުން ވެސް މިރޭ ވަނީ ފުޅަނދު ދައްކާލައިފަ އެވެ.

ފުޅަނދު ބުރު ބަލައިލުމަށް ގިނަ އަދަދެއްގެ އާންމުން މާލޭގެ މަގުތައް މައްޗަށް ޖަމާވެފައިވާއިރު ގިނަ ބަޔަކު އިންތިޒާރު ކުރި ފުރޯޒަން ކާޓޫން ކެރެކްޓާއާ އެކު "ސުނޯ ފުޅަނދު" ވެސް މިރޭ ވަނީ ދައްކާލައިފަ އެވެ.

ފުޅަނދު ބުރުގެ ބައިވެރިންތަކެއް: މިރޭ 8:00 ގައި ފެށި ފުޅަނދު ބުރުގެ ހަރަކާތް އަދިވެސް ނުނިމޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ފަރާތުން ނެރުނު އެ ފުޅަނދަކީ މާލޭގެ މަގުތަކަށް ސުނޯ ވެއްސާލާ ފުޅަނދެކެވެ. އެސުނޯގައި ފިނީގެ އިހުސާސް ކުރެވިގެންދާނެ އެވެ.

ފުޅަނދު ބުރުތައް ދަތުރު ކުރަމުން ދަނީ ސޯޝަލް ސެންޓަރު ސަރަހައްދުން ފެށިގެން މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން އުތުރަށް އަޅައި މެދުޒިޔާރަތް މަގުން ހުޅަނގަށެވެ. އެއަށް ފަހު ފަރީދީމަގުން ނަލަހިޔާ ކަންމަތިން މަޖީދީމަގަށް ނުކުމެ ހުޅަނގަށްގޮސް ބޮޑުތަކުރުފާނު މަގުން ދެކުނަށް ގޮސް ފުޅަނދުތައް ޕާކްކުރުމަށް ނިންމާފައި ވަނީ ބޮޑުތަކުރުފާނު މަގުގައި އެވެ.

comment ކޮމެންޓް