މަތީ ތައުލީމު ހާސިލު ކުރުމަށް ލ. އަތޮޅު ކައުންސިލުން 1.5 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ހުޅުވާލައިފި

ލ. އަތޮޅު ކައުންސިލުން ހުޅުވާލި މަތީ ތައުލީމުގެ ފުރުސަތުގައި ލޯނު ލިބުނު ދަރިވަރުންނާ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ލ. އަތޮޅުގައި މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވެފައިވާ ޒުވާނުންނަށް އަމާޒުކޮށްގެން، އެ އަތޮޅު ކައުންސިލުން 1.5 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ހުޅުވާލައިފި އެވެ.

އެއަތޮޅު ކައުންސިލް އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލް ޝަފީއު ވިދާޅުވީ، އެ ލޯނު ސްކީމުގައި ބައިވެރި ވުމަށް ފުރުސަތު ހުޅުވާލުމުން އެ ސްކީމަށް ހަ ކުދިން ކުރިމަތިލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ހަ ކުދީންނަށް މިއަދު ލޯނު ހަވާލު ކޮށްފައިވާ ކަމަށެވެ. އެ ލޯނު ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ލޯނު ބޭނުން ކޮށްގެން މަތީ ތައުލީމު ހާސިލުކޮށް ކޯސް ނިމުމުން އޭގެ ދެމަސް ފަހުން އެ ލޯނުގެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ، ލޯނަށް ނެގި ފައިސާގެ 12 ޕަސެންޓް އިންޓްރެސްޓެއްގެ ގޮތުގައި ނެގޭނެ ކަމަށެވެ.

އަތޮޅު ކައުންސިލުގެ ފަންޑުން ލޯނުދޭން ފެށި މިއީ ފުރަތަމަ ފަހަރު ކަމަށާއި ކުރިއަށް އޮތްތާނގައިވެސް ގިނަ ލޯން ސްކީމުގެ ފުރުސަތުތަކެއް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ބުރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުރި އިރު އެކަމަށް ބޭނުންވާ ބަޖެޓު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

comment ކޮމެންޓް