އެމްއެންޔޫގެ ''ތެވެލި ކޮންފަރެންސް'' އޮގަސްޓު މަހު ބާއްވަނީ

އޮގަސްޓް 12، 2018: "ތެވެލި 2018" ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އިލްމީ، ދިރާސާތައް ހުށަހެޅުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވާ "ތެވެލި ކޮންފަރެންސް" އަންނަ އޮގަސްޓު މަހު ބާއްވަން ނިންމައިފިއެވެ.

އެމްއެންޔޫއިން މިއަދު ބުނީ އެ ކޮންފަރެންސް ބާއްވާނީ އޮގަސްޓް މަހުގެ 19އިން 20ގެ ނިޔަލަށް ކަމަށާއި އެ ކޮންފަރެންސްގައި ބައިވެރިވުމަށް ދިރާސީ ކަރުދާސް ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދާއިރާއަކުންވެސް ދިރާސާ ހުށަހެޅޭނެ ކަމަށާއި އޭގެ ތެރޭގައި ސިއްޙީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ ވެސް ހޯދުންތަކާއި ކުރިއެރުންތަކާ ބެހޭގޮތުން ޕޭޕަރު ހުށަހެޅޭނެ ކަމަށް ޔުނިވާސިޓީން މައުލޫމާތު ދިނެވެ.

ދިރާސީ ކަރުދާސް ހުށަހެޅޭނީ އަންނަ މެއި މަހުގެ 23ގެ ނިޔަލަށެވެ.

އެ ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓަރީވުމަށް އޮންލައިން ލިންކްއެއް ޝެއާ ކުރާނެކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލް އެމްއެންޔޫގެ ވެބްސައިޓުން ލިބޭނެކަމަށް އެ ޔުނިވާސިޓީން މައުލޫމާތުދިނެވެ.

އެމްއެންޔޫއިން ބުނީ އެއް އަހަރަށްވުރެ އަނެއް އަހަރު "ތެވެލި ކޮންފަރެންސް"އަށް ލިބޭ ތަރުހީބު ބޮޑުކަމަށެވެ. މިގޮތުން މިދިޔަ އަހަރުގެ ކޮންފަރެންސްއަށް 143 ދިރާސާ ކަރުދާސް ހުށަހަޅާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ކުލަގަދަކޮށް ބާއްވަމުން އަންނަ "ތެވެލި ކޮންފަރެންސް"ގެ ބޭނުމަކީ ދިރާސާ ކުރުން އިތުރުކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުން ދިރާސާތައް ގެނެސް، ހިޔާލު ބަދަލުކޮށް، ބައިނަލްއަގުވާމީ ރިސާޗު ނެޓްވޯކް އިތުރުކޮށް ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ޔުނިވާސިޓީގެ ވިސިބިލިޓީ އިތުރުކުރުން ކަމަށް ވެސް އެމްއެންޔޫއިން މިއަދު ބުންޏެވެ.

މި މަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާ ހުށަހެޅުމަށް ދުނިޔޭގެ އެކިގައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެންސްއެވެ.

comment ކޮމެންޓް