ތައުލީމު ކަށަވަރުކުރަން، ހުޅުމާލެއަށް ވީހާވެސް އަވަހަކަށް 6 ސްކޫލު ބޭނުންވޭ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ވިދާޅުވީ ތައުލީމު ކަށަވަރުކުރަން ހުޅުމާލެއަށް ވީހާ ވެސް އަވަހަށް އިތުރު ހަ ސްކޫލު ބޭނުންވާ ކަމަށް -- ފޮޓޯ/ މަޖިލީސް

ހުރިހާ ދަރިވަރުންނަށް ތައުލީމުގެ ޔަގީންކަން ކަށަވަރުކުރަން ހުޅުމާލެއަށް ވީހާވެސް އަވަހަކަށް އިތުރު ހަ ސްކޫލު ބޭނުންވާ ކަމަށް ތައުލީމީ ކަންކަމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ދެ މެންބަރެއްގެ ސުވާލަކާ ގުޅިގެން ވަޒީރު މިއަދު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފައެވެ. އިތުރު ސުވާލުގެ ވަގުތުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ހުޅުމާލޭގައި ސްކޫލުގެ ދަތިކަން ހުރި މިންވަރާ ގުޅޭގޮތުން އަދި، މި ސަރުކާރުން އެކަން ހައްލުކުރަން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ސާފުކުރައްވަން ސުވާލު އަމާޒުކުރައްވައިފައެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މިއުޅޭ މީހުންނަށް ކޭޓާކުރެވޭ ވަރަށް އަދި އިތުރު ކިތައް ސްކޫލު އަޅަންޖެހޭތޯ، އަދި އެ ކަމުގެ ޕްލޭންއަކީ ކޮބައިތޯ؟،" ނިޔާޒް އެއްސެވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވުމުގެ ވަޒީރު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުރީ ސަލާހުއްދީން ސްކޫލު އެކަނި ކަމަށާއި އެ ސްކޫލަށް ވަންނަން މިދިޔަ ހަފުތާއާ ހަމައަށް އެކަނި ވެސް 800 އަށްވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ކަމަށެވެ. އަދި، އެ އަދަދު 1،000 އަށްވުރެ މަތިވާނެ ކަމަށް ލަފައިކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު: ވިދާޅުވީ ހުޅުމާލެއަށް މަދުވެގެން ހަ ސްކޫލު ބޭނުންވާ ކަމަށް -- ފޮޓޯ/ މަޖިލިސް

"ސަލާހުއްދިން ސްކޫލު ދެ ސެޝަނަށް ބަދަލުކުރުން އެއީ ހިތަށް ފަސޭހަވެގެން ކޮށްލި ކަމެއް ނޫން. އެއަށް ވުރެ މާ މުހިއްމު މާ ލާޒިމު ކަންތައްތަކެއް އެޑިއުކޭޝަން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭތީވެ ކުރި ކަމެއް އެއީ،" ވަޒީރު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، ވުޒާރާއިން ވެސް ތާއީދުކުރަނީ އެއް ދަންފަޅިއަށް ކިޔަވައިދޭން ކަމަށެވެ. އެއީ، ބެލެނިވެރިންނާއި ޓީޗަރުންނާއި ދަރިވަރުންނަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

އެކަމަކު، ހުޅުމާލޭ ސަލާހުއްދީން ސްކޫލު ދެ ދަންފަޅިއަށް ބަދަލުކުރީ ކުދިން ގިނަކަމުން ތައުލީމުގެ ޔަގީންކަން ކަށަވަރުކުރަން އިތުރު ގޮތެއް ނެތުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ވުޒާރާއިން ދޭނީ ތައުލީމުގެ ޔަގީންކަން ހުރިހާ ދަރިވަރުންނަށް ވެސް ކަށަވަރުކޮށްދޭން ކަމަށެވެ.

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް: ހުޅުމާލެއަށް އިތުރު ހަ ސްކޫލު ބޭނުންވޭ --- ފޮޓޯ/ ޒިންހުއާ

"ފޭސް ވަންގައި ވެސް މަޝްރޫއުތައް ނިމި މީހުން އާބާދު ވީމާ އަޅުގަނޑުމެން ޕްރޮޖެކްޝަންއެއް ހަދައިލީމާ ދެ ސެޝަނަށް ވެސް ކޭޓާ ކުރެވޭނީ އަދި ހަމަ މަދުވެގެން ދެ ސްކޫލު ފޭސް ވަންއަށް ލިބިގެންކަން. އަދި، ފޭސް ދޭކަށް ހަތަރު ސްކޫލު ލިބިގެންކަން،" ޝަފީއު ވިދާޅުވިއެވެ.

"އެއީ، އަދި ތައުލީމުގެ ކަށަވަރުކަން އެނގޭތޯ. ކޮންމެހެން އެއް ސެޝަނަށް ގެންދިއުމުގެ ވާހަކައެއް ނޫން މި ނަންގަތީ. ކަށަވަރު ކުރެވޭނީ ހަ ސްކޫލު ވީހާ ވެސް އަވަހަކަށް ހުޅުމާލޭގައި ގާއިމުކުރެވިގެން،"

ވަޒީރު ވިދާޅުވީ، އެ ސްކޫލުތައް ވީހާ ވެސް އަވަހަށް ބޭނުންވާނެ ކަމަށެވެ. ހުޅުމާލޭގައި ބޮޑުވަމުން އަންނަ އާބާދީއަށް ތައުލީމުގެ ޔަގީންކަން ކަށަވަރުކޮށްދެވޭނީ އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރު ވެސް އާރްސީސީއާ ހަވާލުކޮށްގެން ސްކޫލެއް ތަރައްގީކުރުމުގެ މަސައްކަތް އެބަކުރެއެވެ. އެކަމަކު، އެ ސްކޫލުން ނުވާނެ ކަމަށާއި އިތުރު ހަ ސްކޫލު އަދި ބޭނުންވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

comment ކޮމެންޓް