ގުދަންކުރުމުގައި ވިޔަފާރިތަކަށް އެހީވުމަށް، ވެއާހައުސް ކޮމްޕްލެކްސް އަޅަން ހަވާލުކޮށްފި

ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސް އެއް ގާއިމުކުރަނީ---ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ރޮޓައިމް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް ފަރާތުން ކުންފުނީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންގްއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓް ކޮންޓްރެކްޓަރުގެ ބޭސިކް ފައިނޭންސްގެ ދަށުން ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށްފައެވެ.

ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސް އެއް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ މި މަޝްރޫޢަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގުދަންކުރުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ގިނަ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ވެއާހައުސް ކޮމްޕްލެކްސްއެއް ކަމަށެވެ.

އެ ހަފުލާގައި ފަޒުލް ވިދާޅުވީ މި ވެއާހައުސް ވާނީ ވިޔަފާރީގެ ދާއިރާ ބަދަކުކުރެވޭނެ ތަނަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުތެރޭގައި ނިންމުން ނަމަވެސް އޭގެ ކުރިން އަޅުގަނޑުމެން އިނިޝިއޭޓް ކުރާނަން، މި ފްލޯ ޕްލޭންސްތަކާއެކީގައި ވިޔަފާރިވެރިންނަށް މިތަން ޕްރީސޭލްގެ މަސައްކަތްތައް އަޅުގަނޑުމެން ފަށައިގަންނާނަން،" އިބްރާހިމް ފަޒުލް ވިދާޅުވިއެވެ.

އެ ކޮމްޕްލެކްސްގައި ޕާކިން ފެސިލިޓީއެއްގެ އިތުރަށް ފުރާޅުގައި ސޯލާ ހަރުކޮށްފައި ހުންނާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ވެއާހައުސް ކޮމްޕްލެކްސް އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް