ނައިބު ރައީސާއި އާއިލާއަށްވެސް ސިފައިން ސެކިއުރިޓީ ނުދޭ: އާއިލާ

ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން އަދި ނައިބު ރައީސް ޑރ. ޖަމީލް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމަނިކުފާނުގެ އާއިލާއަށް ސިފައިން ދެމުންދިޔަ ސެކިއުރިޓީ ހުއްޓާލާފައިވާ ކަމަށް އެ އާއިލާއިން ބުނެފި އެވެ.

ނައިބު ރައީސް ޖަމީލްގެ އާއިލާބޭފުޅަކު މިރޭ ސަން އަށް ވިދާޅުވީ، މިދިޔަ މަހު 28 ގައި ޑރ. ޖަމީލް ލަންޑަނަށް ފުރާވަޑައިގެންނެވި ހިސާބުން، އެމަނިކުފާނުގެ ސެކިއުރިޓީ އާއި އަނބިކަނބަލުންނަށް ދެމުން އައި ސެކިއުރިޓީ ސިފައިން ހުއްޓާލާފައިވާ ކަމަށެވެ.

"ޖަމީލް ލަނޑަނަށް ފުރާވަޑަިއގެން ދުވަހުން ފެށިގެން ސެކިއުރިޓީއެއް ދަތުރުފަތުރެއް އެއްވެސް ކަމެއް ނުދޭ. ޑްރައިވަރުންވެސް ނެތް މިހާރަކު،" ނައިބު ރައީސްގެ އާއިލާ މެމްބަރު ވިދާޅުވި އެވެ.

ޑރ. ޖަމީލުގެ އަނބިކަނބަލުންނާ ތިން ދަރިން މިވަގުތުވެސް ތިއްބެވީ ހިލާލީގޭގައެވެ. ޕާސަނަލް ސެކިއުރިޓީ ނުދެއްވި ނަމަވެސް އެގެއަށް ސިފައިން ސެކިއުރިޓީ ދެއްވާ ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

ޑރ. ޖަމީލުގެ އަރިހުގައި މީގެ ކުރިން ތިން ބޮޑީގާޑުން ތިބޭއިރު އަނބިކަނބަލުންގެ ސެކިއުރިޓީގައި ދެ ބޮޑީގާޑުން ތިބެއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، އެކަމާ ގުޅޭގޮތުން ޖަވާބު ދެއްވާތީ ސިފައިން ކަމަށެވެ.

ނައިބު ރައީސް ޑރ. ޖަމީލް މަގާމުން ވަކިކުރެއްވުމަށް ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް، ނައިބުރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައެވެ. އެއާއެކު ނައިބު ރައީސަށް 14 ދުވަހުގެ ނޯޓިސް ވަނީ ދެއްވާފައެވެ.

ނައިބު ރައީސް ޖަމީލު މިވަގުތު ހުންނެވީ ލަންޑަންގައެވެ. އެމަނިކުފާން ވިދާޅުވެފައިވަނީ މަގާމުން ވަކި ކުރުމަކީ "ގާނޫނުއަސާސީގެ ތެރެއިން ގެންނަ ބަޣާވާތެއް" ކަމަށެވެ.

comment ކޮމެންޓް