ޕާޓީތަކުގެ މަޝްވަރާއަށް ދޫދޭނޭކަމަށް ސަރުކާރުން ބުނެފި

ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމަށް ބާއްވާ މަޝްވަރާތައް ފެށުމުގެ ކުރިން އެމްޑީޕީ އާއި ސަރުކާރާ ދެމެދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީން ސަރުކާރަށް ކަންތައްތަކެއް ހުށަހަޅަނީ -- ސަން ފޮޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމަށް ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި ދެވެން އޮތް ދުލެއް ދޭނޭކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީއާ އެކު މިރޭ ބޭއްވި، މަޝްވަރާތައް ފެށުމުގެ ވާހަކަތަކަށް ފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިހާތަނަށް ވެސް ސަރުކާރު އައީ އެކި ކަންކަމުގައި ދޫދެމުން ކަމަށާއި ގާނޫނުގެ ތެރެއިން ދެވެންހުރި ވަރަކުން ކުރިއަށް އޮތްތަނުގައި ވެސް ދޫދޭނެ ކަމަށެވެ.

"ޓޯކްސްއަށް މަގުފަހިކުރުމަށްޓަކައި މީތި އިޚްލާސްތެރިކަމާ އެކު ކުރިއަށްގެންދިޔުމަށްޓަކައި ސަރުކާރުން ދެވޭ ހުރިހާ ދޫތައް މިހާރުވެސް މިގެންދަނީ ދެމުން. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން ދޭނަން. އެނގިވަޑައިގަންނަވާނެ ފަދައިން ގާނޫނެއްގެ ތެރެއިން އަޅުގަނޑުމެންގެ ގައުމު މި ހިނގަނީ. އެހެންވީމަ އެ ގާނޫނުތަކުގެ ބޭނުން ހިފައިގެން އޭގެތެރެއިން އަޅުގަނޑުމެން ލުއިދީ ގެންނަންޖެހޭ ބަދަލުތައް ވެސް ގެނެވޭނީ،" އުމަރު ވިދާޅުވިއެވެ.

އެމްޑީޕީއާއެކު ކުރާ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އިސްބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވާފައި ވަނީ ހޯމް މިނިސްޓަރު އުމަރެވެ. އަދި އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ އިސްބޭފުޅެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އުމަރު ވިދާޅުވ،ީ ސަރުކާރުން ބޭނުންވަނީ، ސިޔާސީ ހުރިހާ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ހަމަޖެހުން ގާއިމުކުރަން ކަމަށެވެ.

"ސަރުކާރުގެ ފަރާތުން މިތިބީ އެމްޑީޕީއާ އެކު މަޝްވަރާކޮށްގެން ދިވެހި މުޖުތަމައުއަށް ހަމަޖެހޭ ގޮތްތަކެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައިގެން. ސަރުކާރުގެ އުންމީދަކީ މިބައްދަލުވުން ކުރިއަށްގޮސް ދިވެހިރާއްޖޭގައި އަބަދުވެސް ހަމަޖެހޭ އަމާން އޮމާން ސިޔާސީ މަޝްރަހެއް އޮތުން،" އުމަރު ވިދާޅުވި އެވެ.

މަޝްވަރާތައް ފެށުމުގެ ވާހަތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ހުށަހެޅުމުގައި އޮންނާނީ މައިގަނޑު ދެބަޔަކަށް ވާހަކަތައް ބަހާލެވިފައި ކަމަށެވެ.

އޭނާ ވިދާޅުވީ މަޝްވަރާތައް ފެށުމުގެ ކުރިން ހައްލު ހޯދަންޖެހޭ ކަންތައްތަކެއް ހަ ކަމެއް ވެސް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މަޝްވަރާތައް ފެށުމުގެ ކުރިން ހައްލު ހޯދުމަށް އެމްޑީޕީން ހުށަހެޅި ކަންކަން:

  • ހުކުމް ތަންފީޒުކުރަމުންދާ ބައެއް ސިޔާސީ ބޭފުޅުންނަށް ލުޔެއްދިނުން.
  • ސިޔާސީ ހަރަކާތްތަކާ ގުޅިގެން ދައުވާ އުފުލިފައިވާ ސިޔާސީ ބޭފުޅުންނަށް ލުޔެއްދިނުން.
  • ސިޔާސީ ހަރަކާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ފަރާތްތަކަށް ލުޔެއްދިނުން.
  • ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުން.
  • ކައުންސިލަރުންނާއި ސިވިލްސާވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާއަދާކުރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުން.
  • ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭ މިނިވަން ތަހުގީގެއް ހިންގުން.
  • ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭ މިނިވަން ތަހުގީގެއްހިންގުން.
  • ސިޔާސީ ފަރާތްތަކަށާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން އެސްއެމްއެސްތައް ފޮނުވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުން.

އިބޫ ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާގޮތުގައި ސިޔާސީ ދައުވާ އުފުލިފައި އަދި ތަހުގީގު މަރުހަލާގައި 400 ވަރަކަށް މީހުން މިހާރު އެބަތިބި ކަމަށެވެ.

ލުއި ދިނުމަށް އެމްޑީޕީން ހުށަހެޅި ހަތަރު ބޭފުޅުން:

  • ކުރީގެ ރައީސް މުހައްމަދު ނަޝީދު.
  • ކާނަލް މުހައްމަދު ނާޒިމް.
  • ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް.
  • ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު.

މަޝްވަރާކުރަން ސަރުކާރުން ހުށަހެޅި ކަންކަން:

  • ޕޮލިޓިކަލް ރިކޮންސިލިއޭޝަނެއް ގާއިމްކުރުމަށްޓަކައި ސިޔާސީގޮތުން އުފެދިފައިވާ ނުތަނަވަސްކަމާއި، ޚިޔާލުތަފާތުވުންތަކާ ގުޅެގޮތުން ގާނޫނީ ނިޒާމްތަކުގެ ތެރެއިން ހައްލުތަކެއް ހޯދުމާއި، ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމާގުޅޭ ގޮތު.
  • ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާގެ އަލީގައި އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިންގުމަށްޓަކައި، ރާއްޖޭގެ ދުސްތޫރީ ނިޒާމާއި، ގާނޫނީ އަދި ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން.
  • ގައުމު ބިނާކުރުމަށްޓަކައި، އަދި ގައުމާއި ރައްޔިތުންގެ ތަރައްގީ ގާއިމްކުރުމުގެ ގޮތުން، އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމުގައި ސިޔާސީ ހުރިހާ ފިކުރެއްގެ ފަރާތްތައް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށް މަޝްވަރާ ކުރުން.

ހޯމް މިނިސްޓަރު ވިދާޅުވީ، އެމްޑީޕީއާއެކު ކުރާ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 10:30 ގައި ކަމަށެވެ.

comment ކޮމެންޓް