ބަންދަށް ބަދަލުކުރާ ގައިދީންގެ ޓެގް ހަރުކުރުމުގެ ގޮތުން ޓެސްޓް ރައުންޑްތަކެއް ފަށައިފި

ގައިދީންތަކެއް: ސަންފައިލް ފޮޓޯ

ތަފާތު ސަބަބުތަކާ ހެދި ބަންދަށް ބަދަލުކުރާ ގައިދީންގެ ފައިގައި ޓެގް ހަރުކުރުމުގެ ގޮތުން ޓެސްޓް ރައުންޑްތަކެއް ފަށައިފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބުދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ މީގެ ދެހަފްތާ ކުރިން ފެށި ޓެސްޓް ރައުންޑްގައި 20 މީހެއްގެ ފައިގައި ޓެގް އަޅުވާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދާ ޓްރައަލްގައި ޓެގް އަޅުވާފައި ވަނީ ގައިދީންގެ ކަމެއް ނުވަތަ އެހެން ބައެއްގެ ފައިގައި ކަމެއް ހޯމް މިނިސްޓްރީން ހާމައެއްނުކުރެ އެވެ.

ތަޒްމީލް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ ޓެސްޓްތައް ނިމުމުން ރަސްމީކޮށް އަންނަ މަހު ގައިދީންގެ ފައިގައި ޓެގް ހަރުކުރަން ފަށާނެ އެވެ.

ޓެގް ހަރުކުރުމަށް ހަމަޖެހިފައި ވަނީ ޕެރޯލް އާއި ކޯޓު އަމުރު މެދުވެރިކޮށް ގޭބަންދަށް ނުވަތަ ރަށު ބަންދަށް ބަދަލު ކުރާ ގައިދީންގެ ފައިގަ އެވެ.

ޓެގް ހަރުކުރުމުގެ ޓެކްނިކަލް މަސައްކަތް ހަވާލުކޮށްފައި ވަނީ ޓެލްވާޓް މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏަކާ އެވެ. ތަޒްމީލް ވިދާޅުވީ ސަރުކާރުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަސް ފަރާތުގެ ތެރެއިން އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ ސަރުކާރުން ބޭނުންވާ ފެންވަރަށް ޓްރެކިން މަސައްކަތް ފުރިހަމަކުރުމުން ކަމަށެވެ.

ތަޒްމީލް ވިދާޅުވީ ޓެގު ހަރުކުރުމުގެ ޓެކްނިކަލް މަސައްކަތްތައް އެކުންފުނިން ކުރި ނަމަވެސް އެ މަސައްކަތުގެ އެންފޯސްމަންޓްބައި ކުރިއަށްގެންދާނީ ކަރެކްޝަނަލް ސާވިސް އާއި ފުލުހުން ކަމަށެވެ.

ތަޒްމީލް ވިދާޅުވީ ޓެގް ހަރުކުރަން ފެށުމުން ބަންދަށް ދޫކުރާ ގައިދީން ކުށަށް އަރައިގަތުމަށް ލިބޭ ފުރުސަތު ހަނިވެގެންދާނެ ކަމަށެވެ.

"ޓެގް އަޅުވާފައި ހުންނައިރު ކުށުގެ މާހައުލެއްގައި ގައިދީއަކު ހުރި ނަމަވެސް އެކަން އަޅުގަނޑުމެންނަށް ޓްރެކް ކުރެވޭނެ ފެންވަރު ހަރުކުރާ ޓެގްތަކުގައިހުންނާނެ. މިއީ މިހާރުކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ތަޒްމީލް ވިދާޅުވި އެވެ.

comment ކޮމެންޓް