އިގުރާރު އުވާލާނެކަމުގެ އިންޒާރު ކަރެކްޝަންސްއިން ޔާމީނަށް ދީފި

މިރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސިޔާސީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވާއިރު، އެއްބަސްވުމާ ޚިލާފަށް އަމަލުތައް ތަކުރާރުކުރާނަމަ އިގުރާރު ބަދަލުކުރާނެ ކަމުގެ އިންޒާރު ކަރެކްޝަނަލް ސާވިސްއިން މިއަދު ދީފިއެވެ.

ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން ގޭބަންދަށް ބަދަލު ކުރި ރައީސް ޔާމީނަށް ކަސްރަތު ކުރުންފަދަ ޚާއްސަ ކަންކަމަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ކަރެކްޝަންސްއިން ދެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

އެކަމަކު، އެ ހުއްދައިގެ ދަށުން ޔާމީން ގެންދަވަނީ ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން އާދިއްތަ ދުވަހުގެ ރޭ ޕީޕީއެމް ޖަގަހައިގައި ޕީޕީއެމް މެންބަރުންނާ ބައްދަލުކުރައްވާފައި ވާއިރު، ހޯމަ ދުވަހުގެ ރޭ ވެސް ވަނީ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ވެސް ދައްކަވާފައެވެ.

މިކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން މިއަދު "ސަން"އަށް ބުނީ ޔާމީން އިގުރާރާ ޚިލާފަށް އަމަލުތައް ބަލަހައްޓަމުންދާކަން އެ ސާވިސްއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އިގުރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު އިންޒާރު ދީފައިވާނެ ކަމަށް އެ ސާވިސްއިން ބުންޏެވެ. އަދި، އެ ކަންތައްތައް ތަކުރާރު ކުރާނަމަ އިގުރާރު ބާތިލުކުރެވޭނެ ކަމަށް އަންގާފައިވާނެ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

https://sun.mv/183947

ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ސިޔާސީ ކަންކަމުގައި ބައިވެެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ޔާމީން ގާނޫނަށް ތަބާނުވާ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.

ޔާމީން ރަސްމީކޮށް ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު އެ މަނިކުފާނު އަރިހުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އުޅުއްވާތަނެއް ނުފެނެއެވެ. ލީޑާޝިޕުގެ ބޭފުޅުން އުޅުއްވަނީ އިންތިޚާބީ ރައީސް ޑރ. މުއިއްޒާ އެކުއެވެ.

ޔާމީނާ އެކު އުޅުއްވަނީ ވެރިކަމުގެ ދުވަސްވަރު އެ މަނިކުފާނާ ދެބަސްވުން އުފެދި ދުރަށް ވަޑައިގަތުމަށް ފަހު އޭރުގެ އިދިކޮޅާއެކު މަސައްކަތް ކުރެއްވުމަށް ފަހު އަނެއްކާ ޔާމީންގެ އަރިހަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދެވެ.

comment ކޮމެންޓް