ވާނުވާ ބަންދަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް --

ތަހުގީގު މަރުހަލާ އެއްކޮށް ފުރިހަމަ ވަންދެން "ވާނުވާ" ބަންދުގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ސިލްސިލާގައި މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ޝަރީޢަތް ނިމެންދެންކުރާ ބަންދު ނުވަތަ "ވާނުވާ"އަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ވަޢުދާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

"އަޅުގަނޑު ވަރަށް ބޮޑު އިންތިޒާރެއްގައި މި ހުރީ. ހަތަރު ކުދިން ގޮވައިގެން، ނުކުޅެދުންތެރިކަން ހުރި ކުއްޖެއް ގޮވައިގެން ފިރިމީހާ ނެތީމާ ވަރަށް ނިކަމެތިވެފައި. ފިރިމީހާ ތުހުމަތަކަށް ގެންގޮސްފައި މިހާރު ދެ އަހަރު ވަނީ،" އޭނާ ބުންޏެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވާނުވާ މައްސަލަ ހައްލުކުރުމަކީ އެ މަނިކުފާނުގެ ވަރަށް މުހިއްމު ވައުދުފުޅެއް ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށް ދަނީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެެވެ. އަދި، ތަހުގީގީ މަރުހަލާގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަމާ ގުޅޭގޮތުން މިހާރު އިސްލާހުތަކެއް ގާނޫނަށް ގެނައުމަށް ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް މައްސަލައަށް ގެނެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

"އިރާދަކުރެއްވިއްޔާ ވާނުވާގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މިދިޔަ މަހު ފައްޓަވާނެކަން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވަނީ އިއުލާނުކުރައްވައިފައެވެ. އެގޮތުން، ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ މި ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް