މަޝްވަރާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެޗްއާރްސީއެމުން ގޮވާލައިފި

އެޗްއާރްސީއެމްގެ މެމްބަރުން

މަޝްވަރާކުރުމަށް ސަރުކާރުން ގޮވާލިގޮވާލުމުގެ ބޭނުން ހުރިހާ ޕާޓީތަކުން ހެޔޮގޮތުގައި ހިފުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ގޮވާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގައި ވަނިކޮށް ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ގޮވާލައި ދައުވަތު ދިން ދިނުމަކީ އެކޮމިޝަނުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރާ ކަމަށް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މަޝްވަރާތަކުގައި ބައިވެރިވުމަށް މިހާރު ހުރިހާ ސިޔާސީ ޕާޓީތަކަކަކުން ވެސް ނިންމައި ވަނީ ނަން ފޮނުވާފަ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމަނައިގެން ސަރުކާރާއެކު މަޝްވަރާކުރުމަށް އެމްޑީޕީ އިން ހުށަހެޅި ނަމަވެސް އެކަމުގައި ރައީސް ނަޝީދު ބައިވެރި ކުރެވެން ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހަމައެއާއެކު ހުރިހާ ފަރާތްތަކުން ސުލްހަވެރިކަން އިސްކުރުމަށް އެކޮމިޝަނުން ވަނީ ގޮވާލާފައެވެ.

"ރައްޔިތުންގެ މެދުގައި ރުލީވެރިކަމާއި ނަފުރަތު އުފެދޭ ފަދަ ވާހަކަތަކާއި އަމަލުތަކުން ދުުހެލިވެ ހުރިހާ ފަރާތްތަކެއް ގުޅިގެން ސުލްހަވެރިކަމާއެކު މަސައްކަތް ކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއް،" އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންނަށް އަނިޔާ ލިބެމުންދިއުމާއި މުޒާހަރާއިން ހައްޔަރު ކުރެވޭ މީހުންނަށް އަނިޔާ ލިބެމުންދާ ކަމުގެ ތުހުމަތާ ޝަކުވާތައް އެ ކޮމިޝަނަށް ހުށައެޅެމުން ދާތީ ކަންބޮޑުވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެފައިވެ އެވެ.

comment ކޮމެންޓް