މިނިވަން 50 ސްކޫލްކުދިންގެ ޕެރޭޑް އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

އަހުމަދު ސަލީމް (މާޒު ސަލީމް): މިނިވަން 50 އާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހު ސުކޫލު ކުދިންގެ ޕެރޭޑެއް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ސްކޫލު ކުދިންގެ ޕެރޭޑެއް ބާއްވާނެ ކަމަށް މިނިވަން 50 އޮފީހުން ބުނެފި އެވެ.

މިނިވަން 50 އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވީ، އެ ޕެރޭޑަކީ މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ބާއްވާ ސްކޫލު ކުދިންގެ ޕެރޭޑެއް ކަމަށެވެ.

ސަލީމް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުގައި އެއްލައްކައަށް ވުރެއް ގިނަ ކުދިން އެ ދުވަހު ފެނިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

"އެޑިއުކޭޝަން މިނިސްޓްރީއާ އަޅުގަނޑުމެން [މިނިވަން 50 އޮފީހާއެކު] އެތައް މީޓިންތަކެއް ބޭއްވިފައިވާނެ. އެ މީޓިންތަކުގެ އަލީގައި އަޅުގަނޑުމެން މިހާރު މިވަނީ ސްކޫލު ކުދިން އެތުރޭނެ ގޮތާއި އަދި އޭގެ އިތުރަށް އެކުދިން މިހަރަކާތުގައި ހިނގާނެ މަގުމަތަކާއި ހުރިހާ ކަންކަމެއް ވެސް ހަމަޖައްސާ އަޅުގަނޑުމެން ވާނީ ޗާޓުތަކެއް ވެސް ކުރަހާލާފައި،" ސަލީމް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން މިނިވަން 50 އޮފީހުން ތައްޔާރުކޮށްފައިވާ ޗާޓު ނޫސްވެރިންނާ ސަލީމް ވަނީ ހިއްސާ ކުރައްވައިފައެވެ.

ސަލީމް ވިދާޅުވީ، ޕެރޭޑުގައި ބައިވެރިވުމަށް ހުޅުމާލެ އަދި ވިލިމާލެ ސުކޫލުތަކުގެ ދަރިވަރުން ވެސް ބައިވެރިވާނެ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ މެންދުރު 15:00 ގެ ކުރިން މާފަންނު ސްޓޭޑިއަމް ސަރަހައްދަށް ގެންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ހޮނިހިރު ދުވަހު ޕެރޭޑު ކުރިއަށްދާނެ ގޮތުގެ މަޝްވަރާތައް ސްކޫލުތަކާ ވެސް ކުރެވިފައިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ، މިނިވަން 50 ސުކޫލު ކުދިންގެ ޕެރޭޑުގައި މާލެއިން އެކަނިވެސް 22 ސްކޫލެއް ބައިވެރިވާ ކަމަށެވެ. މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް ފަށާނީ ހަވީރު 16:30 ގައި އެވެ.

"މި އެވެންޓާއެކު އެހެން ކަމެއް ހަމަ އެދުވަހު ކުރިއަށްދާނެ. އެއީ ވައިކުޑައިން ފޭބުމަށް ހަރަކާތް ފެށުމުގެ ރަސްމިއްޔާތު. އާދެ ސުކޫލު ކުދިން ޕެރޭޑު ނިންމާލުމަށްފަހު އެތަނަށް [މާފަންނު ސްޓޭޑިއަމަށް] ދިއުމާއެކު ވައިކުޑައިން ފޭބުމުގެ ފުރަތަމަ ޓެސްޓު ޑައިވު ވެސް މިހާރު ވާނީ ހަމަޖައްސާފައި. ޓެސްޓު ޑައިވުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް މިހާރު ވަނީ މިހާރު ވަނީ ރާއްޖެއައުމަށް ތައްޔާރުވެފައި. މާދަމާ ނޫން އަނެއް ދުވަހު މެލޭޝިއާއިން އެމީހުން އަންނާނެ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ވައިކުޑައިން ފޭބުމުގެ ރަސްމިއްޔާތަށް އައިލެންޑު އޭވިއޭޝަންގެ ފުލައިޓެއްވެސް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ސުކޫލު ކުދިންގެ ޕެރޭޑޭއް ބޭއްވުމަށް ނިންމާފައިވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ "ފަންނުވެރިންގެ ހަވީރުގެ" ނަމުގައި ފުޅަނދު ބުރެއް މާލޭގައި ބާއްވައިފައެވެ. އެ ހަރަކާތަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ހޫނު ތަރުހީބެއް ލިބިފައެވެ.

comment ކޮމެންޓް