ފިގުހު އެކަޑަމީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކޮށްފި

އަލަށް އެކުލަވާލި ފިގުހު އެކަޑަމީގެ ރައީސް އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް: ސަން ފައިލް ފޮޓޯ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުން އަންނަ ފިޤްހު އެކަޑަމީގެ ރައީސަކަށް ޝައިހް މުހައްމަދު ރަޝީދު އިބްރާހީމް އަދި ނައިބު ރައީސަކަށް ކުއްލިއްޔާގެ ރެކްޓަރު އިބްރާހީމް ރަޝީދު މޫސާ އިންތިހާބު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބުރާހިމް އަހުމަދު "ސަން" އަށް މިއަދު ވިދާޅުވީ އަލުން ފިގުހު އެކަޑަމީ އެކުލަވާލެއްވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި ހަމަ އެ ދުވަހު އެކަޑަމީގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ފަހު ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ވޯޓަށް އަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފިގުހު އެކަޑަމީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމު އެ މަގާމަށް އިންތިހާބުވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުން ވޯޓު ދެއްވައިގެން ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަޑަމީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވުމަށް އެންމެ ފުރަތަމަ ނަން ހުށަހެޅުއްވީ ޑރ. މުހައްމަދު ގުބާދު އަބޫބަކުރުގެ ނަންފުޅު ކަމަށެވެ. އެހެންނަމަވެސް ގުބާދުއަށް ނައިބު ރައީސްކަން ދޭން ހަ މެމްބަރަކު ވޯޓު ދެއްވި އިރު އެކަމާ ދެކޮޅަށް ވެސް ހަ މެމްބަރަކު ވޯޓު ދެއްވާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ދެވަނަ ފަހަރަށް ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވުމަށް އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ހަސަން ސައީދުގެ ނަންފުޅާ ކުއްލިއްޔާގެ ރެކްޓަރު އިބްރާހީމް ރަޝީދު މޫސާގެ ނަންފުޅު ހުށަހެޅުއްވި ކަމަށެވެ. އަދި އެތަނުން ޝެއިހު އިބުރާހިމް ރަޝީދަށް ލިބިޑައިގަތީ ނުވަ ވޯޓު ކަމަށާއި ގާޒީ ހަސަން ސައީދަށް ލިބިވަޑައިގަތީ ތިން ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެންމެ ފުރަތަމަ އެކުލަވާލި ފިގުހު އެކަޑަމީ ދެވަނަ ފަހަރަށް އެކުލަވާލީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. ރައީސް ވަހީދުގެ ސަރުކާރުގައި ފިގުހު އެކަޑަމީ ދެވަނަ ފަހަރަށް އެކުލަވާލި އިރު ޝަރީއާ ކައުންސިލާއި އެޑްވައިޒަރީ ކައުންސިލެއް ވަނީ ހިމަނާފައި އެވެ.

އަހުމަދު ވިދާޅުވީ އަލަށް އެކުލަވާލި ފިގުހު އެކަޑަމީގައި 16 ބޭފުޅަކު ހިމަނިވަޑައިގަންނަވާ ކަމަށެވެ.

އަލަށް އެކުލަވައިލެއްވި ފިގްހު އެކަޑަމީގައި 16 މެމްބަރުންނަކީ އަލްއުސްތާޒާ މަރިޔަމް ޝަބާނާ އަދި އަލްއުސްތާޒް ހަސަން ސައީދުއާ ޑރ. އާއިޝަތު މުނީޒާ، އައްޝައިހް އިބްރާހީމް އަހްމަދު، އައްޝައިހް ހަސަން ތައުފީގް، އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް، އަލްއުސްތާޒް އިބްރާހީމް ރަޝީދު މޫސާ، ޑރ. މުހައްމަދު ގުބާދު އަބޫބަކުރު، އައްޝައިޚް މުހައްމަދު ލަތީފު، އައްޝައިހް އަލީ ޒާހިރު، އައްޝައިހް އާދަމް ޝަމީމް އިބްރާހީމް، އަލްއުސްތާޒް މުހައްމަދު އީސާ، އަލްއުސްތާޒް އަބްދުއްސައްތާރު އަބްދުލްހަމީދު، އައްޝައިހް އަލީ ނަޖީބު، އައްޝައިހް އިސްހާގް މުހައްމަދު ފުޅުގެ އިތުރުން، އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާ އެވެ.

comment ކޮމެންޓް