ޒަކާތު ފަންޑުން އެންމެ ގިނަ ފައިސާ ކެންސަރު އެހީއަށް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ/ މިނިސްޓްރީ

މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނަ ފައިސާ ހޭދަކޮށްފައި ވަނީ ކެންސަރު އެހީއަށް ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ޒަކާތު ފަންޑުން އެހީ ދީފައި ވަނީ މައިގަނޑު ފަސް ކަމަކަށެވެ. އެއީ ކެންސަރާއި ހިތުގެ އޮޕްރޭޝަންތަކަށާއި ޓްރާންސްޕްލާންޓަށާއި ސިކުނޑީގެ އޮޕްރޭޝަނަށާއި އެހެނިހެން ކަންކަމަށެވެ. އެގޮތުން ކޮށްފައިވާ ޚަރަދުތަކުގެ ތެރޭގައި:

  • ކެންސަރު: 190،822.50 ރުފިޔާ
  • ސިކުނޑީގެ އޮޕްރޭޝަން: 180،407.19 ރުފިޔާ
  • ހިތުގެ އޮޕްރޭޝަން: 8،482.00 ރުފިޔާ
  • ޓްރާންސްޕްލާންޓް: 25،443.00 ރުފިޔާ

އެހެނިހެން ޚަރަދުތަކަށް މި ފަންޑުން 227،872.50 ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

މާޗް މަހު ޒަކާތު ފަންޑުން އެހީ ދޫކޮށްފައި ވަނީ 52 މީހަކަށެވެ. އެހީގެ ގޮތުގައި ޖުމުލަ 685،026.19 ރުފިޔާ ހަމަޖައްސާފައި ވެއެވެ. އެހީގެ ގޮތުގައި ޚަރަދުކޮށްފައި ވަނީ 878،682.88 ރުފިޔާއެވެ. ޒަކާތު ފަންޑުގެ ރިޕޯޓުގައި ވާގޮތުން، ޚަރަދު ކުރި ފައިސާގެ ތެރޭގައި ފެބްރުއަރީ މަހު އެހީ ހަމަޖެހުނު ބައެއް ފަރާތްތަކުގެ ޚަރަދު ވެސް ހިމެނޭނެއެވެ.

ޟަރޫރީ އެހީ ނުވަތަ ޚާއްސަ ހާލަތްތައް މެދުވެރި ވެގެން ޒަކާތު ފަންޑުންދޭ އެހީގެ ގޮތުގައި މިދިޔަ މަހު 10،007.65 ރުފިޔާ ހަމަޖައްސާފައި ވެއެވެ. އަދި އިބްނު ސަބީލް ނުވަތަ ރާއްޖެއާއި ރާއްޖޭން ބޭރުގައި ވަނިކޮށް ހާލުގައި ޖެހުނު މީހުންނަށް 248،604.00 ރުފިޔާ ޚަރަދުގެ ގޮތުގައި ހަމަޖައްސާފައި ވެއެވެ.

މިދިޔަ މަހު އެހެނިހެން ޚަރަދުގެ ގޮތުގައި ސްކޮލަޝިޕް އަދި އިދާރީ މުވައްޒަފުންގެ އުޖޫރަ ހަމަޖައްސާފައި ވެއެވެ. އެގޮތުން ސްކޮލަޝިޕްގެ ގޮތުގައި 44،563.80 އަދި މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 374،950.28 ރުފިޔާ ހަމަޖައްސާފައި ވެއެވެ.

ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މި ސަރުކާރުންނެވެ. އެއީ، ޒަކާތާ މެދު މީހުން އަހުލުވެރިކުރުވައި ލޯބި ޖެއްސުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް