ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެންބަރުންގެ ދާއިރާއާ ގުޅޭ ކަންކަމުގައި، އިސްލާމިކް މިނިސްޓްރީން ޚިދުމަތް އަވަސްކުރުމަށް އެކަމަށް ޚާއްސަ މަންދޫބެއް ހަމަޖައްސައިފިއެވެ.
މީޑިއާތަކަށް އިސްމާލީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަޖިލީހަށް އަލަށް ހޮވުނު މެންބަރުންގެ ކަންކަމުގައި ޚިދުމަތް އަވަސްކުރުމަށް ހަމަޖައްސާފައިވަނީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނަޢީމް ކަމަށެވެ.
ވަޒީރު ވިދާޅުވީ މިނިސްޓްރީ މެދުވެރިކޮށް ދާއިރާތަކަށް ބޭނުންވާ ޚިދުމަތްތަކެއް ދާއިރާތަކަށް ވީއެންމެ އަވަހަށް ފޯރުކޮށްދޭނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދަކީ ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުން ކަމަށާއި މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށްވުމުން އެ ބޭފުޅުން ޚިދުމަތް އަވަސްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެއިތުރުން، ޝަހީމް ވިދާޅުވީ ޕާޓީތައް ތަފާތު ކުރުމެއްނެތި ހުރިހާ މެންބަރުންނަށް އިސްލާމިކް މިނިސްޓްރީން ޚިދުމަތް ދޭނެ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް 66 ގޮނޑި ލިބިފައިވާއިރު އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ 12 ގޮނޑިއެވެ.
އޭގެއިތުރުން، އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓުންނަށް ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ދެ ގޮނޑިއާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ލިބުނީ އެއް ގޮނޑި ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.