އެދުރުން މަދަރުސާތަކަށް ފުރަގަސްދެނީ!

ކުދިން އެސެމްބުލީއަށް ސަފްހަދައިގެން ތިބިއިރު ޓީޗަރުންގެ ކުދިން ކުރިމަތީގައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

މީގެ 17 އަހަރު ކުރިން ތައުލީމީ ދާއިރާއާ ގުޅުނު ފަރުހާދު އިބްރާހިމް އޭރު މުޅި ދިރިއުޅުން ހޭދަކުރީ އެކަމުގަ އެވެ. އިސްލާމިކް ސުޓަޑީޒް އިން ޑިގްރީ ހައްދަވާފައިވާ ފަރުހާދުގެ ހުރިހާ ވެސް ހިތްހަމަޖެހުމަކަށްވީ އަބަދު ސްކޫލުގައި ވަގުތު ހޭދަކުރުމެވެ. އުފަން ރަށް ހދ. ނޭކުރެންދޫ ސްކޫލުން ފެށިގެން ގޮސް ޖަމާލުއްދީންއާއި ދަރުމަވަންތަ ސްކޫލާއި ހިރިޔާ ސްކޫލުގައި ވެސް ކިޔަވައިދިނީ އަމިއްލަ ދިރިއުޅުމާއި ގައުމުގެ ޅަދަރިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ނަމަވެސް އަހަރުތަކަށް ފަހު ފަރުހާދު މިއަދު ވަނީ މާޔޫސްވެފަ އެވެ.

"މިނިސްޓްރީ އިން ގަބޫލެއް ނުކުރޭ ޓީޗަރުން އެގޮތަށް އުޅުނަސް އެމީހުންގެ މުސާރަ އާއި އުޖޫރަ އަށް ބެލި ނަމަވެސް އެއީ ބޮޑުކުރަންޖެހޭނެ އެއްޗެއް ކަމަށް،" ފަރުހާދު ވިދާޅުވި އެވެ.

އެ އެދުރު މާޔޫސީ ދިރިއުޅުން ހިއްސާ ކުރަމުން ވިދާޅުވީ ޓީޗަރުންނަކީ ބައެއް ކަމަށް ވެރިން ގަބޫލު ނުކުރާ ކަމަށެވެ. ތައުލީމީ ދާއިރާގައި މަސައްކަތް ކުރުމަކީ މިއަދު ބޮޑު ގޮންޖެހުމަކާއި ވޭންތަކެއް ތަހައްމަލް ކުރަން ޖެހޭ ކަމެއް ކަމަށް ފަރުހާދު ގަބޫލް ކުރައްވަ އެވެ. އެގޮތުން ޓީޗަރުންގެ ސުލޮޓް ކަނޑައެޅުމާއި މަންހަޖަށް ކިޔަވައިދޭން ފެށި އިރު ރަނގަޅަށް ތައްޔާރުވެފައިނުވުން ފަދަ އެތައް ޝަކުވާއެކެވެ. ހަމައެހެންމެ ވަކި އުސޫލެއް ނެތި ޓީޗަރުން އެކިއެކި ގްރޭޑްތަކަށް ބަދަލުކުރުމަކީ ވެސް ފަރުހާދު އެދާއިރާ އިން މާޔޫސްކުރި ސަބަބެކެވެ.

"އަޅުގަނޑުމީ ގްރޭޑް 10 އަކަށް ކިޔަވައިދޭ ޓީޗަރު އަޅުގަނޑު އެބަޖެހޭ ގްރޭޑް އެކަކަށް ކިޔަވައިދޭން ދާން، ޕްރައިމަރީއަށް ސެކަންޑްރީއަށް މިހެން ކިޔަވައިދޭން ބަލާއިރު މިއީ ފަސޭހަ ކަމެއް ނޫން. މިއޮންނަ އުސޫލަށް ބަލާ އިރު ސެކަންޑްރީގައި މިކިޔަވައި ދެނީ އެހެން ސިލަބަހަކަށް ޕްރައިމަރީގައި މިކިޔަވައިދެނީ އެހެން ސިލަބަހަކަށް އެހެންގޮތަކަށް. އެހެން ކަމުން މުޅި ހަތަރުދަމު މިކަމުގައި ނޫޅެ އެޓީޗަރަކަށް ސަލާމަތެއް ނުވެވޭ،" ފަރުހާދު ވިދާޅުވި އެވެ.

ފަރުހާދު ވިދާޅުވީ ފަހަކަށް އައިސް ސިޔާސީ ކޮންމެ ބަދަލާ އެކު ތައުލީމީ ދާއިރާ އަށް އެތައް ބަދަލެއް އަންނަ އިރު އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. ފަރުހާދުގެ ނަޒަރުގައި ތައުލީމީ ދާއިރާ އަށް ބަދަލުތައް ގެންނަން ޖެހޭނީ ބޮޑެތި ދިރާސާތަކަށް ފަހު އެވެ. އެކަން އެގޮތަށް ނުވުމުން ޓީޗަރުންގެ މަސައްކަތް އިންތިހާއަށް ބުރަވެ ލިބޭ އެއްޗަކާއި ކުރަން ޖެހޭ މަސައްކަތަކާ ދިމާނުވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

"މިފަހަރު ގެނައި ބަދަލު ވެސް ވޯކްލޯޑް[ މަސައްކަތް ބުރަކަން] އިންތިހާއަށް ބޮޑު، މުޅި ހަތަރު ދަމު އުޅެގެން ހުރިހާ އެލެވެންސްއަކާއި އިތުރުގަޑީގެ ފައިސާ ވެސް ލައިގެން މިލިބެނީ 12500 ރުފިޔާ. މާލެއަކު އެވަރަކުން ނޫޅެވޭނެ، ތިން ދަރިންނާއި އަންބަކު ގޮވައިގެން ތަންތަން ކުއްޔަށް ހިފައިގެނެއް،" ފަރުހާދު ވިދާޅުވި އެވެ.

މިހާރު މިއޮތް ގޮތަށް ޓީޗިން ދާއިރާ އޮއްވައި، އެ ދާއިރާގައި ނޫޅެން އޭނާ އެ ވަނީ 17 އަހަރު ފަހުން އެދާއިރާ އަށް ހޯހޯ ކިޔައިފަ އެވެ. އަތްތެރި މަސައްކަތް ކުރާ އެ އެދުރު މަދަރުސާ އިން ނުކުމެ އެވަނީ އަމިއްލަ މަސައްކަތް ފަައްޓައިފަ އެވެ.

މިފަހަރު އެހެން ޓީޗަރެއްގެ ވާހަކަ އެވެ. އެއީ ދިވެހި މުދައްރިއްސެއްގެ ގޮތުގައި މާލޭގެ ސަރުކާރު ސްކޫލެއްގައި ހިދުމަތްކުރާތާ 16 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޓީޗަރެކެވެ. އޭނާ މިއަދު ބަލަމުން ދަނީ ސްކޫލް ދޫކޮށް ދެން ދެވޭނެ ރަނގަޅު ވަޒީފާއަކަށެވެ. އޭނާގެ ވިސްނުން ބޮޑަށް ހުރީ ސްކޫލް ދޫކޮށް ކޮލެޖްތަކަށް ކިޔަވައިދޭން ދިއުމެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރަނީ ކުރާ މަސައްކަތާއި ލިބޭ އާމްދަނީއާ ބައްދަލުނުވުމެވެ. އަލަށް ގެނައި ބަދަލުތަކާ އެކު ވެސް ޓީޗަރުންގެ މާކަ ބޮޑު ހިތްހަމަޖެހުމެއް ނެތެވެ.

އެގެއްލުނީ އެތައް ދަރިވަރުންގެ އެދުރެކެވެ. ހަގީގަތަކީ އެފަދަ އެތައް އެދުރުންނެއް އެދާއިރާ ދޫކޮށް ގޮސްފައިވެ އެވެ. އަދި އެތައް އެދުރެއް މިހާރު ވެސް ވަނީ ސްކޫލްތަކުން ނުކުތުމަށް ފޫގަޅާފަ އެވެ. ޓީޗާސް އެސޯސިއޭޝަން އިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މިއަހަރު މާލޭގައި 14 ސްކޫލެއްގައި ކިޔަވައިދޭ އިރު އެވެރެޖްކޮށް ކޮންމެ ސްކޫލަކުން ތިން ޓީޗަރުން ވަނީ ދާއިރާ ދޫކޮށް ގޮސްފަ އެވެ. ހަމައެހެންމެ މި އަހަރު ހއ. އަތޮޅުން ހަތަރު ޓީޗަރުން ދާއިރާ ދޫކޮށްލާފައިވާ އިރު ހދ. އަތޮޅުން ހަ ޓީޗަރުން ވަނީ ދާއިރާ ދޫކޮށް ގޮސްފަ އެވެ. ބ. އަތޮޅުން ހަތް ޓީޗަރުން ދާއިރާ ދޫކޮށްލާފައިވާ އިރު ޅ. އަތޮޅުން ވަނީ އެއް ޓީޗަރު ދާއިރާ ދޫކޮށްފަ އެވެ. ގއ. އާއި ގދ. އަތޮޅުން ނުވަ ޓީޗަރުން ދާއިރާ ދޫކޮށްލާފައިވާ އިރު އައްޑޫ އަތޮޅުން ތިން ޓީޗަރުން ވަނީ ދާއިރާ ދޫކޮށް ގޮސްފަ އެވެ.

"ޖުމްލަކޮށް ދާއިރާ ދޫކޮށް ގޮސްފައިވާ ޓީޗަރުންނަށް ބަލާއިރު ދުވަސްވީ ޓީޗަރުންނަށް ވުރެ ބޮޑަށް މިހުރީ މިޒަމާނީ ތައުލީމުގެ ތެރެއިން އުނގެނިފައި ހުރި ފަރާތްތައް. އެހެންކަމުން އެކަންކަމަށް ބަލާފައި ބުނަން ކެރިދާނެ އަސްލު މިސެކްޓާގައި މިއަދު މަސައްކަތްކުރަން ތިބި މީހުންނަކީ ގޮތެއްނެތީމަ ނުގޮސްތިބި މީހުންނޭ،" ޓީޗާސް އެސޯސިއޭޝަންގެ ރައީސް އަދި ތައިލީމީ ދާއިރާގައި 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ އާތިފް އަބްދުލް ހަކީމް ވިދާޅުވި އެވެ.

ޓީޗަރުންގެ ވާހަކަތަކަށް ބަލާއިރު ގިނަ ބަޔަކު ކިޔަވައިދުނުމުގެ ދާއިރާގައި ހަރަކާތްތެރިވަނީ ގޮތެއް ނެތިގެންނެވެ. ހާއްސަކޮށް އެހެން ގޮތެއް ފެނިއްޖެ މީހަކު ބަދަލުވަނީ އެވެ. ޒުވާން މުދައްރިސުން ސަލާމަތީ ބާރުތަކާއި ސިވިލްސާވިސް ވަޒީފާތަކަށް ދަނީ އެވެ. ކޮންމެ އަހަރަކު އާ ޓީޗަރުން ދާއިރާ އަށް ގުޅުނު ނަމަވެސް ގިނަ އެދުރުން ދާއިރާ ދޫކޮށް ދެ އެވެ. އާ އޮނިގަނޑާ އެކު ވެސް ލިބޭ އެއްޗެއް ރަނގަޅު ނޫން ކަމަށް ބުނެ ބައެއް ޓީޗަރުން ދާއިރާ އަށް ފުރަގަސްދެނީ އެވެ.

ލިބޭ އިނާޔަތަކީ ޓީޗަރުންގެ ޝަކުވާއަކަށްވާ އިރު ފަހުން ގެނައި އޮނިގަނޑަށް ބަލާއިރު ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 11000 އަށް ވުރެ ގިނަ ރުފިޔާ އަދި މާސްޓާސް ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 16000 އަށް ވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށް ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑާ އެކު ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓުރީއިން ބުންޏެވެ. އާ އޮނިގަނޑުގެ ދަށުން މާސްޓާސް ފެންވަރުގެ ޓީޗަރަކަށް 34.01 ޕަސެންޓްގެ ކުރިއެރުމެއް ގެނެސްފައިވާ އިރު ޑިގްރީ ފެންވަރުގެ ލީޑިން ޓީޗަރެއްގެ މުސާރައަށް އިތުރުކޮށްފައި ވަނީ 32.53 ޕަސެންޓް ކަމަށް މިނިސްޓްރީ އިން ބުންޏެވެ. ބެޗްލާސް ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް ބަލާއިރު، 34.01 ޕަސެންޓްގެ ކުރިއެރުމެއް ގެނެސްފައިވާ އިރު ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރައަށް އާ އޮނިގަނޑުގެ ދަށުން އިތުރުކޮށްފައި ވަނީ 30.75 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓީޗަރުންގެ ވާހަކަތަކަށް ބަލާއިރު އަލަށް ގެނައި ބަދަލާ އެކު މުސާރައަށް އައިސްފައި ވަނީ 2000 ނުވަތަ 1500 ރުފިޔާގެ ކުރިއެރުމެކެވެ. އަނެއްބައި ޓީޗަރުން މުސާރަ އަށް ބަދަލެއް ނާންނަ ކަމަށް ބުނާ އިރު މުސާރައަށް އެބަދަލު އައި އިރު ކުރަން ޖެހޭ މަސައްކަތް ދެ ގުނަ ބޮޑުވި ކަމަށް ޓީޗަރުންބުނެ އެވެ.

އަނެއް ބައި ޓީޗަރުން ވިދާޅުވަމުން ދަނީ ހަމައެކަނި އާމްދަނީއަކަށް ބަލައިގެން އެކަން ވާންނެތް ކަމެވެ. މީހުން ބަލައިގަންނަ ހިދުމަތަކަށް ވެސް ހިދުމަތްވާން ޖެހޭ ކަމަށެވެ. މިނިސްޓްރީ އިން ގުޅުން ނުބާއްވާ ކަންވެސް އެއީ ޓީޗަރުންގެ ބޮޑު ޝަކުވާ އެވެ. ގިނަ ޓީޗަނުން ވިދާޅުވާ ގޮތުން ގިނަ ޓީޗަރުން މަސައްކަތް ކުރަމުންދަނީ ވަރަށް ޓެންޝަން ބޮޑުކޮށެވެ.

ޓީޗަރުން އެދާއިރާ ދޫކޮށް ދާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރު ފަތުހުﷲ މުހައްމަދު ވިދާޅުވީ ޓީޗަރުން ދާއިރާ ދޫކޮށް ކޮންމެވެސް ވަރަކަށްދާ ކަމަށެވެ. އޭގެ ތެރެއިން އަމިއްލަ ދާއިރާ އަށް މަސައްކަތަށްދާ ޓީޗަރުން ދަނީ އެދާއިރާ އިން ލިބޭ އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭތީ ކަމަށް ވެސް ފަތުހުއްﷲ ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާގައި ދޭ ވަރަކަށް އަޅުގަނޑުމެންނަކަށް މުސާރައެއް ނުދެވޭނެ ދެއްތޯ. މިދެންނެވީ ސަރުކާރުގެ ބަޖެޓް ހުންނަ ގޮތުން. އަޅުގަނޑުމެންނަށް އެންމެ ޓީޗަރަކު ގެއްލުމަކީ ވެސް ގެއްލުމެއް ދެއްތޯ،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީޗަރުން އެދާއިރާ ދޫކޮށް ދާ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަލަށްގެނައި ބަދަލުތަކާ އެކު ގިނަ ޓީޗަރުން އެނބުރި އަންނަމުން ވެސްދާ ކަމަށެވެ.

ޓީޗަރުންގެ ވާހަކަތަކަށް ބަލާ އިރު އެފަރާތްތަކުގެ އެންމެ ބޮޑު އެދުމަކީ އެކުރާ ބުރަ މަސައްކަތް ބަލައިގަތުމެވެ. ޓީޗަރުންނާއި މިނިސްޓްރީއާ އޮންނަ ގުޅުން ބަދަހިިކުރުމެވެ. މިނިސްޓްރީ އިން ވަކި ނިންމުންތަކެއް ނިންމުމަށް ފަހު އެކަންކަން ކުރުމަށް އެންގުމުގެ ބަދަލުގައި ޓީޗަރުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމުން އެއީ ޓީޗަރުންގެ އާދޭހެވެ. ޓީޗަރުން އަމިއްލަ ދިރިއުޅުމަށް ވަގުތު ހޭދަކުރެވޭނެ ވަގުތު ދިނުމާއި ޓިޗަރުން ރީފުރެޝްވާނެ ފުރުސަތު ދިނުމަކީ ވެސް އެއެދުރުންގެ އާދޭހެވެ. ހަމައެހެންމެ ކަންކަން ރަނގަޅަށް ޕްލޭންކޮށް އިމްޕުލިމެންޓް ކުރަން އުޅުމާއި އިމްޕްލިމެންޓް ކުރުމަށް ފަހު ޕްލޭން ކުރާ އުސޫލް ދޫކޮށްލަން އާދޭހާއެކުއެދެ އެވެ. ހަމައެހެންމެ ކުރާ މަސައްކަތާއި ލިބޭ އެއްޗަކާ އެއްވަރު ކުރުމަކީ ވެސް އެޓީޗަރުންގެ އާދޭހެވެ.

comment ކޮމެންޓް