ސައޫދީ ސަރުކާރުން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައީސް ޔާމީން މިދިޔަ މަހު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ސައުފދީ ރަސްގެފާނުގެ އަރިހުގައި: ފޮޓޯ/ ރައީސް އޮފީސް

ސައޫދީ ސަރުކާރުން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ތެރެއިން މަތީ ތައުލީމަށް ދާން ބޭނުންވާ ފަރާތްތަކަށް 100 ފުރުސަތު ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ، މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބެޗްލާސް ޑިގްރީގެ 55 ފުރުސަތާއި މާސްޓާސް ޑިގްރީގެ 30 ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ. އަދި ޕީއެޗްޑީގެ 15 ފުރުސަތެއް ހުޅުވާލައިފަވާ ކަމަށްވެސް އެ ޑިޕާޓުމަންޓުން މައުލޫމާތުދެ އެވެ.

ބެޗްލާސް ޑިގްރީ ނަގަން ބޭނުންވާ ފަރާތްތަކަކީ ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށާއި އަދި ޖީސީއީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށް ވެސް ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފައިވެއެވެ.

މަތީ ތައުލީމު ހާސިލުކުރުމަށް ލޯނަށް އެދި ހުށަހަޅާފައިވާ ކުދިންތަކެއް -- ސަން ފައިލް ފޮޓޯ

މާސްޓާސް ޑިގްރީ ހާސިލުކުރަން ބޭނުންވާ ފަރާތްތަކަކީ ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އުމުރުން 30 އަހަރު ފުރިފައިވާންޖެހޭނެ ކަމަށާއި ނުވަތަ ކޯސް ހަދަން ބޭނުންވާ ޔުނިވާސިޓީން ގަބޫލުކުރާ އުމުރުފުރައިގެ ކެންޑިޑޭޓަކަށް ވާންޖެހޭނެ ކަމަށް ވެސް އެޑިޕާޓުމަންޓުން މައުލޫމާތުދެއެވެ.

ޑިޕާޓްމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، ޕީއެޗްޑީ ހާސިލުކުރަން ބޭނުންވާ ފަރާތްތަކަކީ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 35 އަހަރު ފުރި ނުވަތަ ކޯސް ހަދަން ބޭނުންވާ ޔުނިވާސިޓީން ގަބޫލުކުރާ އުމުރުފުރައިގެ ކެންޑިޑޭޓަކަށް ވާންޖެހޭނެ ކަމަށް ވެސް އެޑިޕާޓުމަންޓުން މައުލޫމާތުދެއެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ އެ ސްކޮލާޝިޕުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ޖީސީއީ އޯލެވެލް/އައިޖީސީއެސްސީ"ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ"އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ނުވަތަ ސީއޭއީ/ސީޕީއީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯއެއް ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އެ ޑިޕާޓުމަންޓުން މައުލޫމާތުދެ އެވެ.

ހަޔާ އެޑިއުކޭޝަން ޑިޕާޓުމަންޓުން ބުނީ ސްކޮލާޝިޕް ސްކީމްގެ ދަށުން ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފުރުޞަތު ދެއްވާފައިވާ ސައުދިއަރަބިއްޔާއިން ކަމަށެވެ.

މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 2:30ގެ ކުރިން ޑިޕާޓްމަންޓު އޮފް ހަޔާ އެޑިއުކޭޝަނަށް ފޯމު ހުށަހަޅަންޖެހޭނެ އެވެ.

ރައީސް ޔާމީން ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވަނީ -- ސަން ފައިލް ފޮޓޯ

ސައުދީ ސަރުކާރުން މީގެކުރިން ރާއްޖެއަށް ދެމުން އަންނަނީ މަތީ ތައުލީމުގެ 50 ފުރުސަތެވެ. އެހެންނަމަވެސް މިދިޔަ މަހު، ރައީސް ޔާމީން ސައުދީއަށް ވަޑައިގެން މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ސައުދީ ސަރުކާރާ މަޝްވަރާ ކުރުމުން އެ އަދަދު ވަނީ 150އަށް އިތުރުކޮށްދެއްވާފައެވެ.

comment ކޮމެންޓް