އެއާޕޯޓު ތަރައްގީގެ މަސައްކަތުގައި އެހީވުމަށް ސުރްބާނާ އިންޓަނޭޝަނަލް އިން އެއްބަސްވެއްޖެ

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަލީ ނަސީރު

އެއާޕޯޓު ތަރައްގީ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގައި "އިންޑިޕެންޑެންޓް އިންޖިނިއަރުން އެޕޮއިންޓްކުރުމުގެ" ގޮތުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ސުރްބާނާ އިންޓަނޭޝަނަލް ކޮންސަލްޓެންޓް" އާއި އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވެއްޖެ އެވެ.

ހުޅުލެ އައިލެންޑް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. ސުރްބާނާ އިންޓަނޭޝަނަލް ކޮންސަލްޓެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އޭވިއޭޝަން ކްރިސްޓަފާ ޝަގް އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެމްއޭސީއެލް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑިޒައިން އަދި އިންޖީނިއަރިންގެ މަސައްކަތްތަކުގައި ސުރްބާނާ ކުންފުނިން ފަންނީ ލަފާ ދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިންޑިޕެންޑެންޓް އިންޖީނިއާ އެއް ބޭނުންވާ ސަބަބަކީ މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިނގަމުންދާ އިރު މިއަށް އެޑްވައިސް ދީ ޕްރޮފެޝަނަލް މަސައްކަތްތަކުގައި އަޅުގަނޑުމެންނަށް އިތުބާރުހުރި ގޮތަކަށް ކަންކަން ދަނީ ކުރިއަށްތޯ ރަނގަޅަށް ބަލައި އޭގެ ޕްރޮފެޝަނަލް އޮޕީނިއަން ހޯދަން ޖެހޭތީ،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ސުރްބާނާ އިންޓަނޭޝަނަލް އައްޔަން ކުރުމުގައި ބަލާފައި ވަނީ އެބޭފުޅުން މި ވޭތުވެދިޔަ ތާގައި ކޮށްފައިވާ މަސައްކަތްތަކާއި އެއާޕޯޓުތަކުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވާ މިންވަރަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.

"ސިންގަޕޫރުގެ ޗަންގި އެއާޕޯޓަށް ބަލާއިރުވެސް މިބޭފުޅުން ދަނީ އެތަނުގައި ކޮންސަލްޓެންސީ އެތައް މަސައްކަތްތަކެއް ކުރަމުން. އެހެންވީމަ އަޅުގަނޑުމެންގެ އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތައް ނިމެންދެން ހުރިހާ ޕްރޮޖެކްޓެއްގައި މި ބޭފުޅުން އިންވޯލްވެގެން ދާނެ،" އާދިލް ވިދާޅުވި އެވެ.

އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ ގޮތުން އާ ޓާމިނަލަކާއި އާ ރަންވޭއެއްގެ އިތުރުން ކާގޯ ކޮމްޕްލެކްސް އަކާއި ފިއުލް ފާމެއްގެ އިތުރުން އޭޕްރަންއެއްގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް