ނޫވިލު ސީޕްލޭން ޓާމިނަލްގައި ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު

ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ފަހިކޮށްދީފިއެވެ.

ނެޝެނަލް ސެންޓާ ފޯ ދި އާޓްސްއިން އިންތިޒާމުކޮށްގެން ސީޕްލޭން ޓާމިނަލްގައި އާޓިސްޓުންގެ ހުނަރު ދައްކާލުމަށް މިހާރު ކުރިއަށްގެންދާ އެގްޒިބިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ބައްލަވާލައްވައިފައެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްގައި ބަހައްޓާފައިވާ ދިވެހި ކުރެހުންތެރިންގެ ކުރެހުންތައް ރައީސް ބައްލަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ މިއީ، ރާއްޖޭގެ ފުންނާބު އުސް އަދި ކުރި އަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނޫވިލު ސީޕްލޭން ޓާމިނަލްގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މި ސީޕެލޭން ޓާމިނަލްގެ 12 ޕެނަލެއްގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުންތަކުގެ ތެރޭގައި ނެޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ 20 ކުރެހުމެއް ހިމެނެއެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްގައި ބަހައްޓާފައިވާ ދިވެހި ކުރެހުންތެރިންގެ ކުރެހުންތައް ރައީސް ބައްލަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ދިވެހި ފަންނުވެރިންގެ ކުރެހުންތައް ސީޕްލޭން ޓާމިނަލްގައި ދައްކާލުމަށް ޓަކައި ބެހެއްޓުމުގެ ބޭނުމަކީ އެތަނަށް ޒިޔާރަތްކުރާ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ މީހުންނަށް ފަންނާނުންގެ މަސައްކަތްތައް އިޝްތިހާރުކޮށް އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

މީގެ އިތުރުން، މިއުޒިކީ ފަންނާނުންނަށް ވެސް މި ޕްލެޓްފޯމް މެދުވެރިކޮށް އެ ފަރާތްތަކުގެ ހުނަރުތައް ދެއްކުމުގެ ފުރުސަތު ވަނީ ފަހިކުރެވިފައެވެ.

މި މައުރުޒު ބައްލަވާލެއްވުމުގެ އިތުރުން ރައީސް ވަނީ ފަންނުވެރިންނާއި، ކަމާ ގުޅޭ ޖަމުއިއްޔާތަކުގެ ބޭފުޅުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައި ފަންނުވެރިންގެ އުފެއްދުންތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްގައި ބަހައްޓާފައިވާ ދިވެހި ކުރެހުންތެރިންގެ ކުރެހުންތައް ރައީސް ބައްލަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސީޕްލޭން ޓާމިނަލްގައި މި ފަހިކުރެވިގެންދާ ޕްލެޓްފޯމަކީ ފަތުރުވެރިން ރާއްޖެ އަންނަ ޕީކް ސީޒަންގައި ފަންނާނުންނަށް ހުޅުވިފައި ހުންނާނެ ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް