ބްރެޒިލްއިން ރާއްޖެ އައި މީހެއްގެ އަތުން 94 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ބްރެޒިލް މީހާ އަތުން އަތުލައިގަތް، މަގުމަތީ އަގު، 94 މިލިއަން ރުފިޔާގެ ކޮކެއިން -- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި މީހެއްގެ އަތުން 94 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި ހިނގާ ނޮވެމްބަރުމަހުގެ ދެ ވަނަ ދުވަހު ރާއްޖެ އައި އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު އެ ލަގެޖް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

"ފުރަތަމަ މަރުހަލާގަ މި ތަކެތި ކަސްޓަމްސް އިން ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފަ. މި ތަކެތީގެ މަގުމަތީ އަގު ނުވަދިހަ ހަތަރު މިލިއަން ރުފިޔާއަށް އަރާ،" ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ ބްރެޒިލް މީހާ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 18.857 ކިލޯގުރާމް ހުރި ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލައިގައި ޝާމިލުވާ މީހާއާ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

comment ކޮމެންޓް