ކޭޝިއަރުންގެ 74 ޕަސެންޓަކީ މިހާރު ދިވެހިން: މިނިސްޓްރީ

ފިހާރައެއްގެ ބިދޭސީ ކޭޝިއަރަކު ހިދުމަތް ދެނީ-- ސަން ފައިލް ފޮޓޯ

އަންނަ މަހުން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ހަމަޖައްސާފައިވާއިރު، މިހާރު އެ ތަންތަނުގެ ތެރެއިން 74 ޕަސެންޓު މަސައްކަތް ކުރަމުން ދަނީ ދިވެހި ކޭޝިއަރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ފެށޭ މަހުން ފެށިގެން އެފަދަ ހިދުމަތްދޭ ތަންތަނުގެ ކައުންޓަރުތަކުގައި ދިވެހިން ތިބެންޖެހޭނެ ކަމަށް އެ މިނިސްޓުރީން އަންގާ އެކަން ތަންފީޒު ކުރުމަށް ކުޑަތަންވެފައިވަނިކޮށް މިނިސްޓުރީން މިއަދު ބުނީ އެފަދަ ތަންތަނުގެ ތެރެއިން 556 ވިޔަފާރިއަކަށް ބެލުމުން އެނގުނު ގޮތުގައި 74 ޕަސެންޓް ވިޔަފާރިތަކުގައި ތިބީ ދިވެހިން ކަމަށެވެ.

އެހެންކަމުން އެކަމަށް ވިޔަފާރިތަކުން ސަމާލުކަން ދީފައިވާ މިންވަރު އެނގިގެންދާ ކަމަށާއި ފެށޭ މަހުން ފެށިގެން ކައުންޓަރުތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާ ކަމެއްކަން ހަދާން ކޮށްދޭ ކަމަށެވެ.

އެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް ދަތިވާ ފަރާތްތަކަށް، ކައުންޓަރުތަކަށާއި ކޭޝިއަރުންނަށް ދިވެހިން ތަމްރީނު ކުރުމަށް ހިންގި ޕްރޮގުރާމުގެ ބައިވެރިވި ދިވެހިން ހޯދައި ދިނުމަށް އެ މިނިސްޓުރީން އެހީތެރިވާނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ފިހާރަ، ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ދިވެހިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގައި ގިނަ ބަޔަކު މިނިސްޓްރީން ވަނީ ތަމްރީން ކޮށްފަ އެވެ. އަދި އެ ވަޒީފާތަކަށް ބިދޭސީން ގެނައުމަށް ދޫކުރަމުން އައި ކޯޓާތައް ވެސް ވަނީ ދޫކުރުން ހުއްޓާލާފަ އެވެ.

comment ކޮމެންޓް