1000 ފޮޓޯގުރާފަރުންނާއި ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އެއްހާސް ފޮޓޯގުރާފަރުންނާއި އެއްހާސް ކޭޝިއަރުން ތަމްރީން ކުރުމުގެ އެއްބަސްވުމުގައި އެކޮނޮމިކް މިނިސްޓްރީއާ އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްހާސް ފޮޓޯގުރާފަރުންނާއި އެއްހާސް ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފި އެވެ.

އެ ޕްރޮގްރާމް ފައްޓަވައިދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ޒުވާނުން ބާރުވެރި ކުރުވުމަށް ރައީސް ޔާމީން ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ފެށި އެ ޕްރޮގްރާމަކީ ގައުމުގެ އިގްތިސާދީ ތަރައްގީއަށް ހިދުމަތް ކުރަމުން އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިއަދު ހުޅުވާލި ފުރުސަތަކީ ގިނަ ޒުވާނުން އެދިއެދި ތިބި ފުރުސަތުތަކެއް ކަމަށެވެ. އަދި ފުރުސަތުގެ ދަށުން ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިގެންދާއިރު، އެތައް ޒުވާނުންނަކަށް ވަޒީފާ ޔަގީން ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވާ އަމިއްލަ ފައި މައްޗަށް ތެދުވެ އާއިލާއަށާއި މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވޭނެ އެތައް މަސައްކަތެއް މި ސަރުކާރުން ހުޅުވާލައި ވަޒީފާގެ ފުރުސަތުތައް ހޯދައި ދެމުންދާ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، ފާމަސިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވި 700 ދަރިވަރުން ބައިވެރިވެ 400 ދަރިވަރަކު ކޯސް ފުރިހަމަކޮށްފައިވާއިރު، ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯސްތަކުގައި 2000 އަށްވުރެއް ގިނަ ޒުވާނުން ތަމްރީން ހޯދަމުންދާ ކަމަށް މިނިސްޓަރު ވިދަޅުވި އެވެ.

ރަސްމިއްޔާތުގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސަރުކާރުން ވަރަށް މާނަވީ ގޮތެއްގައި ފަށާފައިވާ ސިޔާސަތުގެ ނަޖީތާ ފެންނަމުންދާ ކަމަށާއި އަދި މުސްތަގްބަލުގައި ފެންނަމުންދާނެ ކަމަށެވެ. އަދި މިއަދު ފެށި ކޯސްތަކުން ފާސްވެގެން ނުކުންނަ ދަރިވަރުންނަށް ވަޒީފާ ހޯދައިދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ވަނީ ފޮޓޯގުރާފަރުންނާއި ކޭޝިއަރުންގެ ދާއިރާއަކީ ދިވެހިންނަށް ހާއްސަ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މިއަދު އިފްތިތާހު ކުރި ޕްރޮގްރާމުގެ ދަށުން ތަމްރީންތައް ކުރިއަށް ދާނީ އެޑިއުކޭޝަން މިނިސްޓްރީއާ އެކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ޓިވެޓް އޮތޯރިޓީންނެވެ.

އެ ދެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ގައުމީ ސެޓްފިކެޓް ތިނެއް ނުވަތަ ހަތަރެއް ގެ ސެޓްފިކެޓެއް ލިބޭނެ އެވެ. ސެޓްފިކެޓް ތިނެއްގެ މުއްދަތަކީ ހަތަރު ހަތަރު މަހެވެ. އަދި ސެޓްފިކެޓް ހަތަރެއްގެ މުއްދަތަކީ އަށް މަހެވެ.

ކުރިއަށް އޮތް ތަނުގައި ދެ ޕްރޮގްރާމުން ސެޓްފިކެޓް ފަހެއް އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ވެސް ފެށިގެންދާނެ ކަމަށް މިރޭގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.

ފޮޓޯގުރާފަރުން ތަމްރީން ކުރުމުގެ ކޯހުގެ ބައިވެރިވާ ކޮންމެ ބައިވެރިއަކަށް އެއް އަހަރު ތެރޭގައި ފައިސާ އަނބުރާ ދައްކާގޮތަށް ކެމެރާއެއް ލިބޭނެ ޕެކޭޖެއް އެކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އަދި އެ ކޯހުގެ ބައިވެރިންނަށް ޕްރޮފެޝަނަލް ފޮޓޯގްރާފަރަކާއެކު އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

comment ކޮމެންޓް