ނުކިއްސަރު ދުވެލިން ދިރިއުޅުން ދޮވެލައިފި!؟

ލޯބިވާ ދަރިފުޅު ގޮވައިގެން މަންމައެއްގެ ވާޖިބު އަދާ ކުރަން މީގެ ތިން ދުވަސް ކުރިން މަގު މައްޗަށް ނުކުތުމުން ނަތީޖާއަކަށްވީ އަނިޔާވެރި މަރެކެވެ. މާބަނޑު އެ މަންމަ އިއްޔެ ހެނދުނު މަރުވި ސަބަބަަކަށްވީ ލައިންސެންސެއް ނެތް މީހަކު ބާރު ސްޕީޑުގައި ދުއްވި ސައިކަލެކެވެ. މާބަނޑު އެ އަންހެން މީހާ ބޮޑެތި އަނިޔާތަކަކާއި ހަނގުރާމަ ކުރުމަށް ފަހު މަރުވެފައިވާއިރު އޭނާ ގޮވައިގެން ދިޔަ ދަރިފުޅަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އުފަން ކުރަން ބޭނުންވި ދަރިފުޅު ވެސް މަންމަގެ ހަށިގަނޑާއެކު ވަޅުޅައިފި އެވެ.

އެހެން ހާދިސާއެކެވެ. މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅެވެ. ލޯބިވާ ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވާލަން ބައްޕަ ނުކުތެވެ. ދަރިފުޅު އުފާކޮށްލަދިނުމަށެވެ. ނަމަވެސް ނަތީޖާއަކަށްވީ ތުއްތު ދަރިފުޅު ދުނިޔެ ދޫކޮށްލަންޖެހުމެވެ. އާއެކެވެ. މިދިޔަ ޑިސެމްބަރު މަހުގެ ހިނގި އެއެކްސިޑެންޓުގައި އުމުރުން ހަތަރު އަހަރުގެ ތުއްތު ކުއްޖަކު މި ދުނިޔެ ދޫކޮށްފައިވާއިރު އެ ކުއްޖާގެ ބައްޕައަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އެ ތުއްތު ކުއްޖާ ދުނިޔެ ދޫކޮށްދާން ޖެހުނު ސަބަބަކަށްވީ ގަވައިދާ ހިލާފަށް ބާރު ސުޕީޑުގައި ދުއްވި ޕިކަޕެކެވެ.

މިއީ ފަހުގެ ތާރީހެއްގައި ހިނގި ހިތާމައިގެ ކޮޅެއްނެތްވަރުގެ ދެ ހާދިސާއެވެ. އެތައް ބަޔަަކަށް އެވަނީ މުޅި އުމުރަށް ރޯންށެވެ. އެތައް އާއިލާއެއް އެ ވަނީ ދުނިޔެމަތިން މާޔޫސް ކޮށްލުވާލާފަ އެވެ. ބާރު ސުޕީޑުގައި ގޮސް ފިހާރަތަކަށް އަރުވާލާފައި އެބަހުއްޓެވެ. އެތައް އަގުހުރި މުދަލަކަށް ގެއްލުންދީފައިއެވަނީ އެވެ. އެތައް ހަށިގަނޑަކުން އެތައް ލެއެއް ވަނީ އަހޮރުވާލާފައެވެ. މިއީ ހަމަ ގޮތެއްފޮތެއް ނެތް ބައެއްގެ ސަބަބުން ދިމާވާ ކަންކަމެވެ.

މި މާލެއަކީ ހުރިހާ ދިވެހިންގެ ދިރިއުޅުން ބިނާވެފައިވާ ރަށެވެ. މި ރަށުގައި 153،379 މީހުން ދިރިއުޅޭއިރު މަގުތަކަކީ ހަލަބޮލިތަނެކެވެ. އާންމު ވަގުތުތަކުގައި ކާރުބާރުބޮޑު ނޫން އެންމެ މަގެއްވެސް ނެތީއެވެ. މަގުތައް ހަނިވެ ކުރުކަމުން މާކަ ބޮޑެތި ޖާގަތަކެއް ނުހުރެއެވެ. ނަމަވެސް ދުއްވާމީހުންނަށް އެކަން ނުވިސްނެ އެވެ. "ބޫން ބޫން" ލައިފައި ދުއްވާއިރު ހައިވޭއެކޭ ހީވާކަހަލައެވެ. ނަމަވެސް މި މާލޭގައި 10 ވަރަކަށް މިނެޓުން ނުދެވޭ ތަނެއް ނޯވެ އެވެ. ހިނގާފައި އުޅެއް ހިތްޕުޅާނުވަނީ އެވެ. އެވަރުން ނުވެގެން ދުއްވާ އެއްޗަކަށް އެރިއްޖެނަމަ ހަމައެއް ލަމައެއް ނޯންނަނީ އެވެ.

އޭގެ އިތުރުން ވަންވޭ އާއި އިދިކޮޅަށް ދުއްވުމަކީ ވެސް އާންމުވެފައިވާ ބޮޑު މައްސަލައެކެވެ. މިއީ ވެސް މާލޭގެ މަގުތަކުގެ އަމާންކަމަކަށް ނުވާ ސަބަބުތަކެވެ. އެކޮޅަށް ދުއްވާ ހަނިގޯޅި ތަކުން ބާރުބާރަށް ދުއްވާފައިދާއިރު ހިނގާފައިދާ މީހަކަށް ނުވިސްނައެވެ. އެމީހުން ބަލަނީ އެމީހުންދާން ބޭނުންވާތަނަކަށްއަވަހަށް ދެވޭތޯ އެވެ.

ހެޑް އޮފް ޓުރެފިކް ޕޮލިސް ޑިޕާޓްމަންޓް މުހައްމަދު ދާއޫދު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް އަމާން ކުރަން ބޭނުންނަމަ މާލޭގައި ދުއްވޭ އުޅަނދުގެ އަދަދު ކޮންޓުރޯލް ކުރަންޖެހޭ ކަމަށެވެ. ހަމައެހެންމެ ތަކުރާރުކޮށް ޓުރެފިކް ގަވައިދާއި ހިލާފްވާ ފަރާތްތައް ފުލުހުންގެ ހައްޔަރަށް ގެނެވޭނެ އުސޫލްތަކެއް ހަމަޖައްސަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

"މާލޭގެ މަގުތަކަކީ އެންމެ ރަނގަޅަށް ތަކުރުތީބްކޮށް ބެލެހެއްޓޭ ތަނެކޭ ބުނެވޭކަށް ނެތް، އެހެން ނަމަވެސް ކަމާ ގުޅޭ ފަރާތްތައް ގުޅިގެން މިކަންކަން ހައްލު ކުރުމަށް މި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން، މާލޭގައި އެތެރެކުރާ ވެހިކަލްތައް އެތެރެކުރުމަށް ހައްލެއް އައިސްގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ނުފެނޭ މާލޭގެ މަގުތައް އަމާން ވެގެންދާނެ ތަނެއް،" ދާއޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކްސިޑެންޓުތައް ހުއްޓުވުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ތަފާތު ހޭލުންތެރިކުރުމުގެ ޕުރޮގުރާމްތައް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ. މިފަދަ މައްސަލަތައް ހައްލުކުރެވޭނީ އެންމެ ފަރާތްތަކުން ގަވައިދަށް އަމަލު ކުރުމުން ކަމަށްވެސް ދާއޫދު ވިދާޅުވިއެވެ.

"މީގައި ހައްލު އޮތީ ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިގެން، ހަމައެކަނި ފުލުހުން ހުކުމެގެން ކުށް ކުރާ މީހުން ހޯދައިގެން އެމީހުންނާއި މެދު މިދެއްނެވިގޮތަށް ޖޫރިމަނާކޮށް އެ ފައިސާ ދައުލަތައް ހޯދައިގެން އެކުރެވޭ ކަމަކުން ހައްލެއް ނާންނާނެ،" ދާއޫދު ވިދާޅުވިއެވެ.

ފުލުހުންގެ އާދޭހަކީ މާލޭގައި ދުއްވާ އުޅަނދުގެ އަދަދު ކޮންޓުރޯލް ކުރުމެވެ. ޓްރާންސްޕޯޓް އޮތޯރިޓީ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދާ އިރު އެ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި އޭރިއާއަކީ އުޅަނދަކަށް 1.5 މީޓަރު ކަމަށާއި އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާނެ މިންވަރަށް ބަދަލުކުރުން ކަމަށެވެ. އެގޮތުން އެ އޮތޯރިޓީ އިން މަސައްކަތް ކުރަމުންދަނީ މާލޭގައި ދުއްވޭނީ ކިހާ އުޅަނދެއްކަން ވަރަށް އަވަހަށް ކަނޑައަޅައި އެކަމަށް އަމަލު ކުރަން ފެށުން ކަމަށެވެ.

"އެގޮތަށް އުސޫލްތައް ކަނޑައެޅިމާ މާލޭގައި އަލަށް އުޅަނދެއް ރަޖިސްޓުރީ ކުރެވޭނީ ޖާގައެއް ހުސްވީމާ، ނުވަތަ އުޅަނދެއް ބާވެގެން ނައްތާލީމަ،" ނާފިޒް ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި ހިނގާ މީހުންނަށް ރައްކާތެރިކަމެއް ހަގީގަތުގައިވެސް ނެތެވެ. ޕޭމަންޓުތަކަކީ މުދާ ބަހައްޓާ ގުދަނަށް ވަނީ ހަދާފައެވެ. ނުވަތަ އެއީ ކުނި ބަހައްޓާ ގޮނޑެކެވެ. ނުވަތަ ބައެއް ޕޭމަންޓުތަކަކީ ދުއްވާއެއްޗެހި ދުއްވަން ނުވަތަ ޕާކް ކުރަން ހަދާފައި ހުންނަ ތަންތަން ފަދައެވެ. މަގުގެ ޓުރެފިކް ކިރިޔާ ބާރުބޮޑުވާއިރަށް ޕޭމަންޓުން ދުއްވާފައިނަވެސް އެދާތާކަށް އެމީހުންދާނެއެވެ. މިސަބަބުތަކާހުރެ ހިނގާމީހުންނަށް ޕޭމަންޓު ބޭނުން ކުރަން ފުރުސަތުތައް ނުދެވެއެވެ.

މަގުތައް ބޭނުން ކުރަން ދަތި މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕޭމަންޓާއި މަގުތަކުގައި ބަހައްޓާފައިވާ ކުނި ބުނި ނެގައި މަގުތަކަކީ ސާފު ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެހެންމެ ސާފު ކުރުމުގެ އިތުރުން މާލެމަގުތައް ރީތި ކުރުމަށް ޓްރެފިކް އެކި ނިޝާންތައް ކުރަހާފައިވާ ތަންތަނުގެ ކުލަ އާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މަގުތަކުގައި ކުލަކުލައި ބޯޑު ބަހައްޓައިގެންވެސް ނިޝާންތަކެއް ބަހައްޓާފައި އެބަހުއްޓެވެ. ނަމަވެސް އެ ނިޝާންތަކަށް ކިޔަމަންވަނީ ކާކުތޯއެވެ. އެންމެ ރަނގަޅު މިސާލަކަށް ފުދޭނީ ކަފިހިހުރަސް އެވެ. އެ ނިޝާންކައިރި މަގު ހުރަސް ކުރަން މީހަކު ހުރެއްޖެނަމަ ދުއްވާއެއްޗެހި މަޑުކޮށް މަގުހުރަސް ކުރުމުގެ ފުރުސަތު ދޭންޖެހެ އެވެ. ނަމަވެސް މިކަން މާލޭގެ މަގުމަތިން ފެނުމަކީ ހުދުކާޅެއް ފެނުން ފަދަކަމެކެވެ.

"ތުއްތު ކުދިން ގޮވައިގެން ދާއިރުވެސް އަޅާނުލާނެ، އެމީހުން ދުއްވާވަރަކަށް ދުއްވާފަ ދާނީ، މަށަށް ހީވޭ މަގުހުރަސްކުރާ ތަނުގައި ހުންނަ އިރު އަދި ވަކިން ބާރަށް ދުއްވާހެން، އެނިޝާނަކުން ވާކަމެއް ނޯވޭ." ދަރިފުޅުގޮވައިގެން ސުކޫލް ދޮށަށް ހިނގާއިރު ދިމާވާ ދަތިތައް ހިއްސާ ކުރަމުން ބުންޏެވެ.

ހިނގާމީހުންވެސް ގަވައިދުތަކަށް އަމަލުކުރަންޖެހެއެވެ. މަގުހުރަސް ކުރުމާއި ހިނގުމުގައިވެސް އެކަށީގެންވާ އުސޫލްތަކުގެ މަތިން އަމަލުތައް ބަހައްޓަންޖެހެއެވެ. އެފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވޭނީ އޭރުންނެވެ.

ދުއްވާއެއްޗަކަށް އެރިއްޖެނަމަ ތިމާވަރެއް ނެތިގެން އުޅޭ އެތައް ބައެއްގެ ސަބަބުން ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯދަން ޖެހެއެވެ. ޓުރެފިކް އުސޫލްތަކާއި ތަފާތު އެތައް ފަހަރެއްގެ މަތިން ހިލާފުވާއިރު ވެސް އެ މީހުންނަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލަ ބަލަންޖެހެ އެވެ. ވަކި ހިސާބަކުން އެފަދަ ފަރާތްތަކަށް އުޅަނދު ނުދުއްވޭނެ ގޮތް ހަދަންޖެހެ އެވެ. އެހެން ނޫންނަމަ އެތައް ބަޔަކު އެހިތާމަވެރިކަމަށް ވައްޓާލާނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް