ޙ އާއި ޚގެ އިތުރުން ވެސް...

ތިކި ތެޅި ތާނައިގެ ހައިޖާނުން އަދިވެސް މިއުޅެވެނީ ހަމަ ސަލާމަތް ނުވެވިގެންނެވެ. ވަކިން ޚާއްޞަ ކޮށް ޙ އާއި ޚގެ ކަންތައް ވަރަށް ބޮޑެވެ. ބޮޑަތި އިޝްތިހާރުތަކާއި ސުރުޚީތަކުގައި ޙގެ ބަދަލުގައި ޚ، އަދި ޚގެ ބަދަލުގައި ޙ ބޭނުންކުރުމަކީ އަދިވެސް ނޭނގުމުގެތެރޭގައި ކުރެވެމުންދާ "މަޖާ" ކަމެކެވެ. އެއްފަހަރު ފަލަސުރުހީ އެޅިއްޔާ އަނެއް ދެފަހަރު އޮންނާނީ ފަލަ ސުރުޙީ އެވެ. ޚާއްޞަ ބޭފުޅުން ކޮޅެއްގެ ވާހަކަ ލިއާއިރު ގިނަފަހަރަށް އޮންނާނީ ޚާއްޞަކަން ކެނޑި ޙާއްސަ ވެފަ އެވެ. އިތުރު ތަފުޞީލު ދޭންވެއްޖެ ނަމަ އެތަކެއްބައިވަރު މިފަދަ ބަދަލުތައްފެންނަން އެހުންނަނީ އަބަދާއި އަބަދުއެވެ. އެތަނާއިމިތަނުން ނެވެ. ނޫސް މަޖައްލާ ތަކާއި ނެޓުގެ މެގަޒިން ތަކާއި ކޮލަމްތަކުން ވެސް މެ އެވެ.

ކަންމިހެން ހުއްޓާ މިހާރު އަލުން އަނެއްކާ އެހެން ކަމެއް ފާހަގަކުރެވެން ފަށައިފި އެވެ. ބަހުރުވައަށް ގެނެވޭ އައު ބަދަލެކެވެ. ރީތިކޮށްލަން، މާތްކޮށްލަން ނެރެވެން ފެށި އައު ގޮތެކެވެ. އަމިއްލަ ތިމާ މާތްވެ މޮޅުވެ ގެން އަނެކުންލައްވައި ތިމާއަށް ދަންނަވަން ފެށީ އެވެ. ވާހަކަދައްކާ އިރު އާއި ލިޔާއިރު މިހާރަކަށް އައިސް އެ ގޮތަށް ދަންނަވާލެއް ގިނަވާންފަށައިފި އެވެ. ލިޔުންތެރިން، އެނައުންސަރުން ގެ މިމަސައްކަތް ވެސް މިހާރު މިވަނީ ގިނައޭ ބުނެވޭވަރުވެފަ އެވެ. ދިވެހިބަހުގައި ދަންނަވަނީ ތިމާއަށް ވުރެ މޮޅު، މާތް، ދަރަޖަވެރި ފަރާތެއްގަ އެވެ. އެކަމަކު މިހާރު އެނައުންސަރު ބުނެލާތަންފެންނަނީ ތިޔަ ބޭފުޅާ ތިޔަދެންނެވީ އޭ އެވެ. ތިޔަ ވިދާޅުވީ އޭ ބުނީމާ ބަހުގެ ރީތިކަން ގެއްލެނީކަމުގައި ގަބޫލު ކުރަނީކަމެއް ކުރެވެނީ ކަމެއް ނޭނގެ އެވެ. ކޮންމެއަކަސް ދެންނެވޭނީ އެމީހަކަށް ވުރެ މޮޅު ފަރާތެއްގައިކަން ހަނޑާނެއް ނުކުރެ އެވެ.

ދިވެހިބަހުގެ މިކަހަލަ ވާހަކަ ދައްކާ އިރު ބަހަށް އަންނަ ނުވަތަ ގެންނަ ބައެއްކަހަލަ (އަޅުގަނޑު ދެކޮޅުނުހަދާ) ބަދަލުތަކަކީ ވެސް މިކަލަކަށް އައިސް ފެންނަމުން އިވެމުންދާ އެއްޗެކެވެ. އެކަހަލަ އެއްބަހަކީ ސަޅި އެވެ. އެބަހުގެ އަސްލުމާނަ އާއި މުޅިން ތަފާތު އެހެންމާނައެއްގައި މިހާރު އެބަސް އެއޮތީ އައިސް ވަކިހިއްޕާލައިފަ އެވެ. ގިނަވަމުން އަންނަ އެކަހަލަ އަނެއް އެއްބަހަކީ ދެއްތޯ އެވެ. ދޮގެއްތޯގެ ބަދަލުގައި ކިޔާއިރުއާއި ލިޔާއިރު ދެއްތޯ މިހާރު އެއަންނަނީ ވަކިހިއްޕަމުންނެވެ. ކޮންމެއަކަސް އެފަދަ ބަސްބަސް އެހެން އައުމާއި ކުރިން ދެންނެވި ފަދަ ބޮޑެތި ނުބައި ގެނައުމާއި މިއީ ވަރަށް ތަފާތު ދެކަމެކެވެ. ގަބޫލުކުރެވޭ ގޮތަކީ ކަމުގެ ކަމާއިބެހޭ މަތީފަރާތްތަކުން އިތުރުބާރެއްލައި މިފަދަ ނުބައި ތައްނައްތާލަމުން ގެންދިއުމުގައި ކާމިޔާބުވާ ތަން ފެނުމެވެ. ދިވެހިބަސް ދިވެހި ގޮތުގައި ދިވެހިން ބޭނުންކުރަމުންގެންދާތަން ދުށުމެވެ. **

ގުޅޭ ޓެގު
comment ކޮމެންޓް