މަސްތުގެ ދޮރު ބަންދު ކުރަން ހުރި މީހާ، މަސްތުނުވާށެވެ!؟

މަސްތުވާތަކެތި ވިއްކުމާއި އެތަކެތީގެ ބޭނުން ކުރާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ކުރީގެ ސަރުކާރުތަކުން އައީ އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ތަފާތު ގިނަ އޮޕަރޭޝަންތައް މަސްތުވާތަކެއްޗާ ގުޅިގެން ފުލުހުންގެ މުއައްސަސާ އިން އަންނަނީ ކުރަމުން ނެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް ވަރަކަށް އެކަން ހުއްޓުވިފައެއް ނެތެވެ. މިކަން ހުއްޓުވުމަށް އޮތް ބޮޑު ގޮންޖެހުމެއް އެބަ އޮތެވެ. އެ ގޮންޖެހުން ނައްތާލައިގެން ނޫނީ މިކަން ހައްލު ކުރެވޭކަށް ނެތެވެ.

މުޅިން ވެސް އަޑުއިފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރަމުން ދަނީ ގްރޫޕުތަކަށް ނުވަތަ ގޭންގުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އެއްވެސް ވަރެއްގެ ރޯލެއް އެކަމުގައި އޮންނަ ނަމަ އެއީ ސީރިއަސް މައްސަލަ އެކެވެ. ބައެއް ފުލުހުން ވަނީ އެ މަޅީގައި ޖެހިފަ އެވެ. ފުލުހުންގެ ހޯދުންތަކުން އެކަން ވަނީ ހާމަވެފަ އެވެ. މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ދެތިން ފުލުހަކު ވަނީ މި އަހަރު ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ތެރެއިން ބަޔަކު އެ ވިޔަފާރީގެ ތެރެއަށް ވަންނަނީ ކީއްވެ ހެއްޔެވެ؟ ފުލުހުންނަކީ ޔުނިފޯމް އެޅުމަށް ފަހު ވެސް އަދި ޔުނީފޯމްގައި ނޫން ކަމުގައިވިޔަސް ޒިންމާތަކެއް އަބަދުވެސް ބޮލުގައި އެޅިފައިވާ ބަޔެކެވެ. ނަމަވެސް އެ މީހުން ވެސް ދިރިއުޅެން މި ޖެހެނީ ހަމަ އެހެން މީހުން އުޅޭ މާހައުލުގައި ކަމުން ފަހަރުގައި މި ކުށުގެ ތެރެއަށް ފުލުހުންނަށް ވަދެވޭ ސަބަބަކީ މުޖުތަމައު ކަމަކަށް ވެދާނެ އެވެ. ނަމަވެސް އެންމެ ފުލުހެއްގެ ފަރާތަކުން ވެސް އެފަދަ ކަމެއް ފެނި، އެކަން ތަކުރާރުވާ ނަމަ އެއީ މުޅި މުއައްސަސާގެ ބޮލުގައި އެޅޭ ވަރަށް ބޮޑު ބަދުނާމެކެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި ފުލުހުން މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުން ކުރުމުގެ މައްސަލަ މިފަހަކަށް އައިސް ވަރަށް ގިނައިން ފެންމަތިވަމުންދާ ކަމަށެވެ. ވަކީލު ވިދާޅުވީ އެކަމުގައި ތަފާތު މައްސަލަތައް ވެސް އެބަހުރި ކަމަށެވެ.

"އަޅުގަނޑަށް ހަމަ ބޮޑަށް ބެލެވެނީ އިޖުތިމާއީ މައްސަލަތައް އެކަމުގެ ފަހަތުގައި އުޅޭ. އެއީ ތިބޭފުޅުން ބައްލަވާ ފުލުހުންނަށް ލިބޭ މުސާރައަކީ މާ ބޮޑެތި މުސާރައެއް ނޫން. އެހެންވީމަ މުސާރަ ކުޑަވުމުގެ ސަބަބުން ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހޭނެ ދެއްތޯ. އެ މީހުންނަކީ މުޖުތަމައުގެ އިހުތިރާމް ލިބެންޖެހޭ ބައެއް. އެ މީހުންނަށް ވެލްފެއާގެ ކަންކަން ހައްލުކޮށްދެން އެބަ ޖެހޭ،" ޝާހު ވިދާޅުވި އެވެ.

ފުލުހުންނަކީ ގާނޫނީ ހުވައެއްގެ މަތީގައި ދެމިތިބި ހިދުމަތްތެރިންނެވެ. މަދަނީ ހިދުމަތެއް މުޖުތަމައުއަށް ފޯރުކޮށް ދޭން ތިބި ބަޔެކެވެ. މާތްﷲ ގަންދީ ކޮށްފައިވާ ހުވަޔާ އެއްގޮތަށް ތެދުވެރިވާންޖެހޭ ބަޔެކެވެ. ނަމަވެސް އިހްލާސްތެރިކަން ގެއްލި، ނަޖާހަތްތެރިކަން ނަގާލަނީ ކީއްވެގެންތޯ އެވެ. އިމާންތެރިކަން ކުޑަ ބަޔަކު މަގު އޮޅިގެން ހިނގައިދާނެ އެވެ. ކުށަށް އަރައިގަންނަނީ އެ ކުށުން ބަރީއަތްވާންވީ ގޮތް ވެސް އެނގުނީމަ އެވެ.

ނިޒާމުގައި ހުރި މައްސަލަތައް އެންމެ ބޮޑަށް އެނގޭނީ ތަހުގީގު ކުރާ ފަރާތަކެވެ. ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންނަށެވެ. ފަސޭހައިން މަޅިން ދެމިގަނެވޭނެ ގޮތް އެނގޭނީ ވެސް އެ މީހުންނަށެވެ. އެހެންވުމުން މަސްތުވާތަކެތީގެ ވިޔަފާރީގައި އެ މީހުން ވެސް ޖެހިފާނެ އެވެ.

ރާއްޖެއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަބުތައް ދޭ ގައުމެކެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ނުވަތަ ޓްރެފިކް ކުރަން އެހީތެރިވެދިނުމަކީ ނުވަތަ އެކަމުގައި އެއްވެސް ވަރަކަށް ބައިވެރިވާ ފަރާތެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ 50،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވެ އެވެ. މަސްތުވާތަކެއްޗަކީ އެތަކެތީގެ ބާވަތަށް ބެލުމާއި މި ތަކެތީގެ ބަރުދަނަށް ބެލުމަށްފަހު މި ކުށަށް ލިބޭ އަދަބު އެހާމެ ބޮޑުވެގެންދާ އެއްޗެކެވެ.

ކުށަށް އިއުތިރާފުވުމުން، ރިހެބިލިޓޭޝަނަށް ދާންޖެހެ އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މައާފު ދޭން ފެށުމުން ނަތީޖާ ރަނގަޅެއް ނޫނެވެ. މަދު ބަޔަކު މަސްތުގެ ވަބާއިން ސަލާމަތްވިޔަސް ދެ ވަނަ ފުރުސަތާއި ތިން ވަނަ ފުރުސަތު ދީގެން ވެސް ހައްލުވާކަށް ނެތެވެ.

"ގާނޫނީ މައްސަލަތައް ވެސް އެބަ ހުރި. މިސާލަކަށް މީގެ ކުރީގެ ގާނޫނުގައި ފުލުހަކު މިފަދަ ކުށެއް ކޮށްފި ކަމަށްވާނަމަ ލިބޭ އަދަބު ބޮޑުވެގެންދޭ. ނަމަވެސް މިހާރުގެ ގާނޫނޫގެ ދަށުން އާދައިގެ މީހަކާ ފުލުހަކާ އަދަބުގެ ގޮތުން ހަމަހަމަ. ދެން އަނެއް ކަމަކީ ފުލުހުންގެ ތެރޭގައި ކޮންމެ ފުލުހަކު ވެސް މޮނީޓާ ކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ. އެކަމަކު އެފަދަ ކަމެއް ވެއްޖިއްޔާ އިންޓަލިޖަންސުން އެ މައްސަލަތައް ބަލާ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފުލުހުންގެ ތެރޭގައި ކޮންމެ ފުލުހެއް މޮނީޓާ ކުރެވޭނެ ނިޒާމެއް އޮވޭ،" ގާނޫނީ ވަކީލު ޝާހު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެއްޗާއި އެތަކެތީގެ ވިޔަފާރީއާ ފުލުހުން ދުރުވުމަށް ފުލުހުންގެ އެކި ތަމްރީނުތަކުގައި ކިޔައިދެމުންދާ ކަމަށެވެ. އަދި ކުށަށް އަރައިގަންނަ ފުލުހުން ދަނެގަނެވޭނެ ނިޒާމުތައް ފުލުހުންގެ ތެރޭގައި ގާއިމްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ވަކި ވަކި ފުލުހުން މޮނީޓާ ކުރާ ގޮތުގެ ތަފްސީލަކަށް އޮފިޝަލް ވަޑައިނުގެންނެވި އެވެ.


"ތި މައްސަލައިގެ ދަންނަވާނީ ފުލުހުންނަށް ހިންގޭ ތަފާތު އެކި ޕްރޮގުރާމްތަކުގައި ތަފާތު އެކި ކުށްކުށުން ދުރުވާނެ ގޮތްތައް ވަރަށް ރަނގަޅަށް ކިއާދެވޭ. ދެން އައިސް ފުލުހުން އެފަދަ ކަންކަން ހުއްޓުވުމަށް ތިބޭ މީހުން އެކަންކަމުގެ ބެދިގެން ދިއުމަކީ އާންމު ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ދެއްތޯ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބައެއް ފުލުހުން މަސްތުވާތަކެތީގެ ވަބާގައި އުޅުމަކީ މަސްތުވާތަކެތި ހުއްޓުވުމަށް ކުރާ މަސައްކަތަށް އޮތް ގޮންޖެހުމެކެވެ. އަމާންކަން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ބޮލުގައި އެޅިފައިވާ ބަޔަކު އެކަން ކުރަން ފެށުމުން، އެއީ ސީރިއަސް މައްސަލަ އެކެވެ. ފުރަތަމަ އެއީ މަދު އަދަދަކަށް ވެދާނެ އެވެ. ނަމަވެސް އެތެރޭގެ އިންތިޒާމުތައް ރަނގަޅުކޮށް، އެ މޫ ދުއްވައި ނުލެވިއްޖެ ނަމަ، އެއީ ކޮންޓްރޯލް ގެއްލިފައިވާ ކަމަކަށް ވެދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް