މާލޭ ސިޓީ ކައުންސިލް ޒިންމާއިން މިނިވަންވެފައި

އޮފީހުގެ މަސައްކަތް ނިންމާލައި ގެއަށް ދާން ސައިކަލަށް އެރީމެވެ. ގެއަށް ދިޔަ މަގުމަތީގައި ހީވީ މި އިނދެވުނީ ބޮއްކުރައްއެއްގައި ހެންނެވެ. އެއީ ސައިކަލުގެ މައްސަލައަކުން ދިމާވި ކަމެއް ނޫނެވެ. އެއީ މާލޭގެ މަގުތަކުގެ އަޑިގުޑަންތަކުގައި ދުއްވާ ކޮންމެ މީހަކަށް ޖެހޭ ހާލެވެ. ގެއާ ހިސާބަށް ދެވި ސައިކަލު ޕާކުކޮށްލަން ޕާކިން ޒޯނަކުން ޖާގައެއް ހޯދަން ބެލިއިރު، ހުސްޖާގައެއް ހުރިއްޔާ އެދެމެދަށް ޖަހާފައި އޮންނާނީ ޕެލެޓެވެ. ދޭތެރެއެއް ހާވާލާފައި ޖާގައެއް ހޯދައި ޕާކުކުރުމަށް ފަހު ގެއަށް ވަންނަން ހިނގައި ގަތީމެވެ. ގޭގެ ދޮރޯއްޓާ ހިސާބަށް ނާރަނީސް އިންވެގެން ހުރި ގޭއެއްގެ ދިޔަދޮވިއަކުން ހޯސްލާފައި ފެންފައިބައި ގަތީއެވެ. މުޅިމީހާ ފެނުން ތަތްތެޅުނީއެވެ. މިއީ އެއް ދުވަހެއްގެ ކުޑަ ހިނދުކޮޅެއްގެ ތަޖުރިބާއެވެ.

ރާއްޖޭގެ ވެރިރަށަށް މިފަދަ ކަންތަށް ދިމާވެފައިވާ ވަނީ ކޮންބައެއްގެ އިހުމާލުންބާ އެވެ؟ ސިޓީ ކައުންސިލްގެ ޒިންމާއަކީ ކޮބާތޯ އެވެ؟ ގާނޫނަކުން މާލޭ ސިޓީ ކައުންސިލަށް ވަނީ ވަރަށް ގިނަ ޒިންމާތަކެއް ހަވާލުކޮށްފަ އެވެ. މާލޭގެ މަގުތައް މަރާމާތު ކުރުމެވެ. ކުނި މެނޭޖް ކުރުމެވެ. ވެހިކަލްތަކުގެ މައްސަލަ އެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ.

ލާމަރުކަޒީ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މަގުތަށް ހެދުމާ މަގުތަށް މަރާމާތުކޮށް ބެލެހެއްޓުން އެއީ ސިޓީކައުންސިލުން ކުރަން ޖެހޭ ކަމެކެވެ. ހަމަ މި މާއްދާގެ (ށ)ގައި ބުނެފައި ވަނީ އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމަކީ ވެސް ސިޓީ ކައުސިލްގެ ޒިންމާއެއްކަމުގަ އެވެ. މީގެ އިތުރުން ކަރަންޓާއި ފެނާ، ފާހާނާ އަދި ނަރުދަމާގެ ނިޒާމު ފޯރުކޮށް ދިނުން ވެސް ސިޓީ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މާލޭގެ މަގުތަކުގައި ފެން ހިންދަން ހަދާފައި ހުންނަ ކާނުތަށް ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.

ފެބްރުއަރީ 26، 2011 ގައި އުފެދުނު މާލޭ ސިޓީ ކައުންސިލުން ވަނީ އެ ހުރިހާ ޒިންމާއެއްގެ މަސައްކަތް ފަށާފަ އެވެ. މާލޭގެ މަގުތަށް ސާފުކުރުމުގެ ގޮތުން މާލޭގެ ފުރަތަމަ މޭޔަރު ސަގަނރު އާދަމް މަނިކުގެ ބެލުމުގެ ދަށުން ވަނީ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ފެށިގެން އައި އިރު ސިޓީ ކައުންސިލަކީ ހިންގުންތެރި ޒިންމާ އަދާ ކުރާ ތަނެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. ނަމަވެސް މިހާރު މާލޭ ސިޓީ ކައުންސިލަށް އެ މީހުންގެ ފުރިހަމަ ޒިންމާ އަދާކުރެވޭ ތަނެއް ނުފެނެ އެވެ. ވާރޭ ފޮދެއް ވެހިލާއިރަށް މަގުތަކުގައި ފެންބޮޑުވެ އެވެ. ކުނި ގިނަވެ މަގުތަކުގައި އުޅުމަށް އުނދަގޫވެ އެވެ. މަގުމަތީގައި ދުއްވާ އުޅަދުފަހަރު ބިމަކަށް ނުކަތަ އެވެ.

މި ހުރިހާ ކަމެއްގެ ޒިންމާ އުފުލުމުގެ ބަދަލުގައި ސިޓީ ކައުންސިލްގެ މަސައްކަތަކަށް ވީ މަގުތަކުގައި ފެންފޯއް ރުއް އިންދުމެވެ. އޭގެ އިތުރުން މާލޭގެ ރައްޔިތުންގެ ގިނަ ބަޔަކު އެއްވެ ހިތްހަމަ ޖައްސާލުމަށް ޒިޔާރަތްކުރާ އުސްފަސްގަނޑު ސަރަހައްދު ސިޓީ ކައުންސިލްގެ މަސްލަހަތު އޮންނަ އެމްޑީޕީއަށް އެއް އަހަރު ދުވަހަށް ދިނުން ވެގެން ދިޔައީ މާލޭގެ ރައްޔިތުން ހިތްހަމަ ނުޖެހުނު އެއް ސަބަބަށެވެ. އެހާ ހިސާބުން ސިޓީ ކައުސިލްގެ ގާބިލް ކަމާމެދު ސުވާލު އުފެދުނެވެ.

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޯޑުވެ، މާލޭގެ ރައްޔިތުންނަށް ހިނގަން އުނދަގޫ ވުމުން ރައްޔިތުންގެ ނުރުހުމުގެ ބަސްތަށް އަމާޒުވީ ސަރުކާރަށެވެ. ފެންބޮޑުވެ ރައްޔިތުން ހާލުގައި އުޅުނު އިރު، ސިޓީ ކައުންސިލް ހޭއެރީ ދެތިން ދުވަސް ފަހުންނެވެ. ސަރުކާރުން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާ މަގުތައް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ހައުސިންގް މިނިސްޓްރީއަށް ބަދަލުކުރުމުން ސިޓީ ކައުންސިލުގެ މެންބަރުންނަށް ޒިންމާ ހަނދާންވި އެވެ.

މާލޭ ސިޓީ ކައުންސިލުގެ ޒިންމާއަކީ ކޮބައިކަން މެންބަރުން ވެސް ހަނދާންނެތިފައި ވަނިކޮށް ސަރުކާރުން ދާދި ފަހުން ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓާއި އެންވަޔަރަންމަންޓް ޑިޕާޓްމަންޓާއި ހާބާ މެނޭޖްމަންޓް ގުޅިގެން ހިންގަމުން ދިޔަ މަސައްކަތްތައް އެ މިނިސްޓްރީގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

"އެކި ބޭނުންތަކަށް މަގުބަންދުކުރުމުގެ ހުއްދަ ދިނުމާއި މާލެސިޓީގެ ޕާކްތަކާ މައިދާންތަކުގެ އިތުރުން ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމާއި މަގުތަކާއި ޕާކްތަކާއި މައިދާންތައް ދިއްލައި އަލިކުރުމާއި މާރުކޭޓުތައް ބެލެހެއްޓުމާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި ގަބުރުސްތާނު ފަދަ ތަންތަން ބެލެހެއްޓުމުގެ މަސައްކަތްތައް މި މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފީމެވެ،" ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެެ އެވެ.

އެހާ ހިސާބުން މާލޭ ސިޓީ ކައުންސިލް ގެ ޒިންމާ ކައުންސިލަރުންނަށް ހަނދާންވި އެވެ. ސަރުކާރުން ސިޓީ ކައުންސިލްގެ ޒިންމާ ހަނިކުރަމުންދާ ކަމަށް ބުނެ ވާހަކަ ދައްކަންފެށިއެވެ. މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު "ސަން" އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ސަރުކާރުން އެފަދަ ކަންތައް ކުރުމުގެ ސަބަބުން އާހިރުގައި ގެއްލުން ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. އަދި ހަމައެއާއެކު ސަރުކާރުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ލާމަރުކަޒީ ގާނޫނުގައި ރަށު ކައުންސިލްތަކަށް ވެސް އަދި ސިޓީ ކައުންސިލްތަކަށް ވެސް ބާރުތައް ދީފައިވޭ. އެހެންނަމަވެސް ސަރުކާރުން މިއުޅެނީ އެ ބާރުތައް ހަނިކުރަން. ދެން އައިސް ގާނޫނަކަށް ގާނޫނު އަސާސީ އަށް ނުބަލާ މި ސަރުކާރުން ކަންތައް ކުރުމުން އާހިރުގައި އެކަމުގެ ގެއްލުން މި ލިބެނީ ހަމަ ރައްޔިތުންނަށް،" ޝިހާބު ވިދާޅުވި އެވެ.

ހަގީގަތުގައި ވެސް ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. ސަރުކާރުން ސިޓީ ކައުންސިލްގެ ބާރުތަށް ނެގުމަކުން ނޫނެވެ. ސިޓީ ކައުންސިލަށް ޒިންމާ ހަނދާން ނެތުނީމަ އެވެ. ޕޯސްޓަރު ތަތްކޮށް ބޮޑެތި ބިލް ބޯޑުުތަށް ބެހެއްޓުމަކުން ރައްޔިތުން އުފުލަން ޖެހޭ ތަކުލީފަށް ލުޔެއް ނުލިބެ އެވެ. ގާނޫނީ ގޮތުން ރައްޔިތުންނަށް ކޮށްދެން ޖެހޭ ކަންތަށް ސިޓީ ކައުންސިލުން ކޮށްދީފައި ނުވުމަކީ ސިޓީ ކައުންސިލުން ގާނޫނާ ހިލާފު ވުމެވެ. މިހާރު މާލޭ ސިޓީ ކައުންސިލް މިވަނީ ކުރާނެ މަސައްކަތެއް ނެތިފަ އެވެ. ޒިންމާއިން މިނިވަން ވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް