ވިހަ ނުވަނީސް ގޮތެއް ނިންމަން އެމްޑީޕީއަށް މަޖުބޫރު!

އެމްޑީޕީގައި އޮތީ ކުޑަ "ހަމަނުޖެހުމެއް" ކަމަށް އެ ޕާޓީގެ ޗެއާ ޕާސަން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ މީހަކު "ހައިރާން" ވާކަހަލަ ބޮޑު ހަމަނުޖެހުމެއް އެމްޑީޕީ ތެރޭގައި ނުހިނގާ ކަމަށާއި، ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ވަރުގެ ކަމެއް ނުހިނގާ ކަމަށެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވާ އިރު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވާހަކަ ހުރީ ދިމާ އިދިކޮޅަށެވެ. ނޫސްތަކުންނާއި ސޯޝަަލް މީޑިއާ މެދުވެރިކޮށް އެމްޑީޕީގެ މަޖިލިސް މެންބަރުން ދައްކަމުންދާ ވާހަކަ ވަރަށް ތަފާތެވެ. ގިނަފަހަރު އެއް މެންބަރެއްގެ ވާހަކައާ އަނެއް މެންބަރެއްގެ ވާހަކައާ ދިމާނުވެ އެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަދަލު ގެނެސް، ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރި އިރު، އެމްޑީޕީގެ ތެރޭގައި އޮތީ ދެބަސް ވުމާ ހިޔާލު ތަފާތުވުމެވެ. ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށައެޅި ހިސާބުން ފެށިގެން އެމްޑީޕީގެ ދެބަސްވުން ރައްޔިތުންނަށް ފެންނަން ފަށައިފި އެވެ.

ފުރަތަމަ ކަމަކަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ނަމަވެސް އެ އިސްލާހު ވެގެންދިޔައީ އެމްޑީޕީގެ ފިކުރާ މުޅިން ތަފާތު އިސްލާހަކަށެވެ. ޝަރީފުގެ ފިކުރާ އެމްޑީޕީގެ ފިކުރާ ތަފާތުވީ އެވެ. ޝަރީފްގެ އެ އިސްލާހަށް މެންބަރުންގެ މެދުގައި ވޯޓަށް އެހި އިރު ޝަރީފުގެ އިސްލާހަށް އޭނާ އަމިއްލަފުޅަށް ވެސް ވޯޓުދެއްވާފައެއް ނުވެ އެވެ. ޝަރީފު ވޯޓު ދެއްވީ އެމްޑީޕީގެ ވިޕް ލައިނާ އެއްކޮޅަށެވެ. އެހެންކަމުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށައަޅަން ބަޔަކު ޝަރީފަށް ރިޝްވަތު ދިނީ ކަމުގައި ބެލެވޭނެ ޖާގައެއް އެބައޮތެވެ. މި އިސްލާހު ފާސްވުމާ ގުޅިގެން އެމްޑީޕީން ބުނެފައި ވަނީ އެއީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެ ވިސްނުމާ ޝަރީފުގެ ވިސްނުން ދިޔައީ ތަފާތު ވެގެންނެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މަޖިލީހަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އިސްލާހެއް ފާސްވެއްޖެ ނަމަ އެއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހަކަށް ނުވާނެ އެވެ. އަދި ބައެއް ބޭފުޅުން އެއްވެސް އެއްޗެއް "ނޭނގޭ ހާލު" ވާހަކަ ދައްކަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޝަރީފުގެ މި ބަސް މި އަމާޒު ވީ އޭނާ ނިސްބަތްވާ ޕާޓީ އެމްޑީޕީއާ ދިމާލަށެވެ.

"ގާނޫނު އަސާސީގައި އެ އޮތީ ކަޅާއި ހުދުން ލިޔެވިފައި އޮތީ މަޖިލީހުގެ ]ހާޒިރުވި މެމްބަރުންގެ[ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްކޮށްފިނަމަ ކޮންމެ މީހަކު ވެސް މަގާމުން ވަކި ކުރެވޭނެ ކަމަށް. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ވިޔަސް،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން މި އިސްލާހަށް ވޯޓު ދިނުމުގައި އެމްޑީޕީގެ ފިކުރާ ދެކޮޅަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވަނީ ވޯޓު ދެއްވާފަ އެވެ. މޫސަގެ ފިކުރުވެސް އެމްޑީޕީގެ ފިކުރާ ތަފާތުވި އެވެ. ފަހަރުގައި އެމްޑީޕީއަކީ ފިކުރު ގިނަ ޕާޓީއަކަށް ވެދާނެ އެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ "ލައިން ކްރޮސް" ކުރާ ފަރާތްތަކާ މެދު ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނަށް ހުށައެޅި އިސްލާހު މަޖިލީހުން ފާސްވުމާއެކު ޖުޑިޝަލް ސާވިސް ކޮމިޝަނުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކި ކުރުމަށް މަޖިލީހަށް ހުށައެޅި އެވެ. މިކަމާގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިސް ބޭއްވުމަށް ފަހު އެޕާޓީއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެންބަރުން ވެސް ވޯޓުގައި ބައިވެރިވެ، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކި ކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީން އެންގިއެވެ.

މިހިސާބުން އަނެއްކާވެސް އުފެދުނީ ތަފާތު ފިކުރުތަކެކެވެ. އެމްޑީޕީގެ ހަ މެންބަރުން އެ ޕާޓީން ނެރުނު ވިޕްލައިނާ ދެކޮޅު ހަދާ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރެއް ނުުވެއެވެ. އޭގެ ތެރޭގައި ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގާއި ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ހިމެނެއެވެ.

ކަންތައް މިހެން ހުރި އިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަކުން ވަނީ އެޕާޓީގެ ލީޑާޝިޕުން ނެރުނު ވިޕްލައިނާ ދެކޮޅު ހެދި މެންބަރުންނާ މެދު ހަތްދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ. ދެންއިވުނީ ވިޕްލައިނާ ދެކޮޅުހެދި މެންބަރުން ރިޝްވަތު ނަންގަވައިގެން ތިއްބެވި ކަމުގެ ވާހަކަތަކެކެވެ. ރިޝްވަތުގެ އިނގިލި ދިއްކުރެއްވީ އެމްޑީޕީގެ މެންބަރުން ހަމަ އެޕާޓީގެ މެންބަރުންނާ ދިމާލަށެވެ. އެ ޕާޓީގެ މެންބަރުންގެ މެދުގައި މިފަދަ ވާހަކަތަކެއް ދެކެވުމަކީ ބޮޑު މައްސަލައެކެވެ.

ރިޝްވަތު ހިތްޕަވައިގެން ތިއްބެވި ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކައަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވަނީ ރައްދު ދެއްވާފައެވެ. މޫސަ ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާ ގުޅިވަޑައިގެން ފާއިޒް ހިމާޔަތްކުރަން ކުރި މަސައްކަތުގައި އެމްޑީޕީ އިން ބައިވެރިވުމަކީ "ރިޝްވަތުގެ" ފައިސާގައި އެމްޑީޕީގެ ލީޑާޝިޕުން ޖެހިގެން ކުރި ކަމެއް ކަމަށް ޝައްކުކުރުމުގެ ފުރުސަތު އޭނާއަށް ވެސް އެބައޮތެވެ.

"އެފަދަ ހުތުރު އަމަލުތައް ރިޝްވަތުގެ ހުތުރު ފައިސާގައި ޖެހިގެން ނުކުރުމާއި އެކަހަލަ ކަންތައްތަކާ ދޭތެރޭ ޕާޓީގެ މެންބަރުންގެ އިހުސާސްތަކަށް އިހުތިރާމް ކުރުމަކީ އޮންނަންޖެހޭނެ ކަމެއް،" މޫސަ ވިދާޅުވި އެވެ.

މިހާރު އެމްޑީޕީން މުޅިންވެސް ފާހަގެވެން ދަނީ ޕާޓީގެ މެންބަރުން ޕާޓީގެ މެންބަރުންނަށް ރައްދުދެއްވާ މަންޒަރެވެ. ސަރުކާރަށް ރައްދު ދެއްވުމުގެ ބައި ނުވަތަ ސަރުކާރަށް ފާޑު ވިދާޅުވުމުގެ ގާބިލްކަން އެމްޑީޕީގައި ނެތީ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ޖިނާއި އިޖުރާއަތުގެ ބިލްގެ ބަހުސް މަރުހަލާގައި އެމްޑިޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ މޫސާ މަނިކަށް ފުލުހުން އަނިޔާކުރި މައްސަލަ ނުބަލާ ކަމަށާއި އިންސާފު ގާއިމް ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އިންތިގެ މިވާހަކައަށް ރައްދު ދެއްވީ ސަރުކާރުގެ މެންބަރެއް ނޫނެވެ. އެމްޑީޕީގެ މެންބަރު މޫސާ މަނިކެވެ. މޫސަ އެދިލެއްވީ އެމަނިކުފާނަށް އަނިޔާކުރި ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ.

"އާދޭހާއެކު ދަންނަވަން، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރަކު ވިޔަސް، އަދި އެހެން މީހަކު ވިޔަސް އަޅުގަނޑަށް އަނިޔާކުރި ވާހަކަ ނުދައްކަވާށޭ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންގެ ވާހަކަތަށް މިހެން ހުރިއިރު، އަލީ ވަހީދު ވިދާޅުވާ ވާހަކައާ ފެންނަ މަންޒަރާ ވަރަށް ތަފާތެވެ. "ހައިރާން" ވާވަރުގެ ބޮޑު ހަމަ ނުޖެހުމެއް ބަލާ މީހުނަށް އެބަފެނެ އެވެ. ފަހަރުގައި އަލީ ވަހީދު އެ ވިދާޅުވި ކުޑަ ހަމަނުޖެހުން ބޮޑު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެމްޑީޕީގެ ކޮންމެ މެންބަރަކަށް ފިކުރެއް އުފަންވީ އެވެ. ޕާޓީ ބައިބައި ވުމަކާ ދިމާލަށް ދަތުރުކުރަނީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް