އެއާޕޯޓުން ފޮށި ފެޅުމުގެ ޝަކުވާތައް އިތުރުވަނީ!

އެއީ ހދ. އަތޮޅަށް ކުރި ދަތުރެކެވެ. އެ ދަތުރުގައި އަހަރެންނާ އެކު ދެން ބައިވެރިވީ ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގެ ސީނިއާ ކެމަރާމަނެކެވެ. ދެ މީހުން ހަނިމާދު އަށް ދިޔައީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ހެނދުނު އޮތް ފްލައިޓަކުންނެވެ. އެއީ ކުރު ދަތުރަކަށް ވުމުން މާ ގިނަ އަންނައުނެއް ނުގެންދަމެވެ. ދެ މީހުން ގެންދިޔަ ކެމެރާތައް އަތުގައި ބެހެއްޓުމަށް ފަހު އަންނައުނު ގެންދިޔަ ދަބަސް ލަގެއްޖަށް ދޫކޮށްލީ އެވެ.

ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ ދަތުރަށް ފަހު މަންޒިލަށް ދެވިއްޖެ އެވެ. އެކުވެރިޔާ ޗެކިން އަށް ދޫކޮށްލި ދަބަސް ބެލިއިރު ކަމަކުދާކަށްނެތެވެ. ހާވާލައި މުޅި ދަބަސް އޮތީ އެފުށް މިފުށަށް ޖަހާފަ އެވެ. އެ ރަށަށް ދިއުމަށްޓަކައި އެރޭ ގަތް ގަމީސްކޮޅާއި ސޯޓުތައް ވަނީ "ވަގަށް" ނަގާފަ އެވެ. އެއީ ޗެކިން އަށް ދޫކޮށްލި ފަހުން ހިނގިކަމެއްކަން އަހަރެމެން ދެ މީހުންނަށް ވެސް ޔަގީނެވެ.

ކަން ހިނގި ގޮތެއް ބަލަން މަޖުބޫރުވި އެވެ. ގަމީހަކާއި ސޯޓެއް ގެއްލުނީމައެއް ނޫނެވެ. ރައްޔިތުންނަށްވާނެ ގެއްލުމަށްޓަކަ އެވެ. އެކި ގޮތްގޮތުން ކަން ހިނގަމުންދާ ގޮތް ހޯދަން މަސައްކަތް ފެށީމެވެ. އެއާޕޯޓުގައި މަސައްކަތް ކުރާ އެކި ޑިޕާޓްމަންޓުތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގައި އަހަރެން ހޯދަން އުޅުނު މައުލޫމާތުތައް ފެންމަތި ވެއްޖެ އެވެ. އެނގުނު ގޮތުގައި އެ ނުކިއްސަރު ހަރަކާތަކީ ދުވަސްވީ ކަމެކެވެ. އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

ހުޅުލޭ އެއާޕޯޓުގައި ލަގެޖު އުފުލުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނާއި އަމިއްލަ ގުރޫޕެއްގެ މުއައްޒަފުން ހަރަކާތްތެރިވެ އެވެ. އެންމެ ގިނައިން ވާހަކަ ދެކެވުނީ ލަގެޖު އުފުލަން އުޅޭ މީހުންނާ އެވެ. އެމީހުންގެ ވާހަކަތަކަށް ބަލާ އިރު ފޮށި، ދަބަސް، "ފެޅުމަކީ" ހިންގާ ކަމެކެވެ. އެކަން އެ މަސައްކަތުގައި އުޅުނު ބައެއް ފަރާތްތަކުން ހިއްސާކުރި އެވެ.

"ވަރަށް ލަގެޖު ފަޅާނެ، އާންމުކޮށް ނަގާނީ ފޯނާއި އައިޕެޑް ކަހަލަ އެއްޗެހި، މިއީ ވަރަށް އާންމު ކަމެއް، މި ކަމުން ބައެއް މީހުން އެބަތިބި މުއްސަނދިވެފައި،" އެއާޕޯޓުގައި ލަގެޖު އުފުލުމުގެ މަސައްކަތުގައި އުޅުނު ޒުވާނަކު ބުންޏެވެ.

ލަގެޖު އުފުލަން އުޅޭ ޒުވާނުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ވެސް އެއީ ހިނގާ ކަމެކެވެ. އެ މީހުންގެ ތެރެއިން "ވަގުން" ގިނައިން "ފަޅަނީ" ރާއްޖެއިން ފުރާ ފްލައިޓުތަކުންނެވެ. އެ ފުލައިޓުތަކުން ތަކެތި ނެގީމާ "ބަސްޓު" ވުމުގެ ފުރުސަތު ކުޑަވުމުން ކަމަށާއި ޓޫރިސްޓުންނަކީ އާންމުކޮށް ފޮށި ތަޅުލާބަޔެއް ނޫންކަން އެނގުނެވެ. ގިނަ ފަހަރަށް ވައްކަން ކުރަނީ ލަގެޖު ލުމަށް ކާގޯ ތެރޭގައި މަސައްކަތް ކުރާ މީހުން ކަމަށާއި އެ މީން ވަގަށް ނަގާތަކެތި ފޮރުވަނީ ލައިގެން ހުންނަ އަންނައުނުގެ ތެރޭގައިކަން ކަމަށް އެ ފަރާތްތަކުގެ ވާހަކަ އިން އެނގެ އެވެ. ލަގެޖު އުފުލުގުމުގައި ހަރަކާތްތެރިވާ މީހުން ބުނާ ގޮތުގައި ވައްކަން ކުރަން ފަސޭހަ ވަނީ ސުޕަވައިޒަރުން ރަނގަޅަށް ހަރަކާތްތެރި ނުވާތީ އެވެ. ސުޕަވައިޒަރުން ރަނގަޅަށް ބަލާ ނަމަ ވައްކަން ކުރަން އުނދަގޫވާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

"އާންމުކޮށް ފުލައިޓު ދާނީ އެތައް ތަނެއްގައި ޓްރާންސިޓުކޮށްފައި ދޯ. ސޯ އެ މީހުންނަކަށް ނޭނގޭނު ކޮން އެއާޕޯޓަކުން ކަމެއް ގެއްލުނީއެއް. އަނެއްކާ ގިނަ ފްލައިޓުތަކުގެ ކާގޯގައި ނުހުންނާނެ ކެމެރާއެއް ވެސް، ކެމަރާ ހުންނަ ފްލައިޓުތަކުން އެބަހުރި ބަސްޓުވެފައި ވެސް،" ލަގެޖު އުފުލަން މަސައްކަތް ކުރާ ޒުވާނަކު ބުންޏެވެ.

މިއީ ޓޫރިޒަމަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ޓޫރިސްޓުންނަށް މިފަދަ އެންމެ މައްސަލައެއް ދިމާވި ނަމަވެސް އެއީ ތޯތޯ ކަމެއް ނޫނެވެ. ހަމައެހެންމެ އެހެން މީހަކަށް މީގެން އެންމެ މައްސަލައެއް ފެންމަތިވިޔަސް މިއީ ސީރިއަސް މައްސައެކެވެ. ނަމަވެސް ދިރިހުރި ހެކިން ބުނާ ގޮތުން މިއީ ހިނގާ ކަމެކެވެ. މިކަމުގެ އެތައް ޝަކުވާއެއް ލިބިފައިވާ ކަމަށް ޓޫރިސްޓުންނާއި އެންމެ ގާތް ގުޅުމެއް އޮންނަ ޓުއަ ގައިޑުން ވެސް ބުނެ އެވެ.

އެތައް ޒަމާންތަކެއް ވަންދެން ޓުއަ ގައިޑުކަން ކޮށްފައިވާ އަދި މިހާރު ޓުއަ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިޔާމު ވިދާޅުވީ ޓޫރިސްޓުން އެ މީހުން ގައުމަށް ދިޔުމަށް ޗެކިން ހަދާ ފަހުން ބައެއް ތަކެތި ގެއްލިގެން "އެތައް ޝަކުވާއެއް ކޮށްފައި އެބަހުރި" ކަމަށާއި "އެ ޝަކުވާތައް ހިފައިގެން އެ މީހުން ދަނީ" ކަމަށެވެ. އޭނާ ބުނި ގޮތުގައި އެންމެ ގިނައިން ގެއްލޭ ތަކެއްޗަކީ ފޯނާއި އައިޕެޑް ފަދަ އިލެކްޓްރޯނިކް ސާމާނެވެ.

"ގިނަ ފަހަރަށް ޓޫރިސްޓުން އަގުބޮޑެތި ކެމަރާތަކާއި އިލެކްޓޯނިކް ތަކެތި ގެންނާނީ ކުއްޔަށް ނަގައިގެން، ދެން އެ އެއްޗެހި ވަގަށް ނެގީމާ ވިސްނަން ވާނެ ގެއްލުން، ވަރަށް ގިނައިން އެބަހުރި ޓޫރިސްޓޫންގެ އަތުން އެއްޗެހި ގެއްލިފައި، ގިނަ ފަހަރަށް އެމީހުންނަށް އެކަން އެނގެނީ ގައުމަށް ވެސް ދާފަހުން،" ޝިހާމް ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވި ގޮތުގައި ޓޫރިސްޓުންނާއި ދަތުރުކުރާ އެހެން މީހުންގެ އަތުން ވެސް އެއްޗެހި ގެއްލުމުގެ އެންމެ ބޮޑު މައްސަލައަކީ އެއާޕޯޓުގެ ސެކިއުރިޓީ މައްސަލަ އެވެ. އެގޮތުން ގިނަ ފަހަރަށް ސެކިއުރިޓީ ރަނގަޅަށް ނުބަލަހައްޓާ އިރު ޓޫރިސްޓުންގެ އަތުން ގެއްލޭތަކެތި ހޯދޭނެ އެހެން ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަމާބެހޭ މަސްދަރުތަކުގެ ވާހަކަތަކަށް ބަލާ އިރު ހުޅުލޭ އެއާޕޯޓުން ފުރާ ދަތުރުވެރިންގެ ފޮށި މި ވަނީ ފަޅަން ފަށާފަ އެވެ. ދެން ވެސް އޮތީ ހަމައެފަދަ އެހެން މައްސަލައެކެވެ. އެއީ ޓާމިނަލްގެ ތެރޭގައި ހިނގާކަމަށް ބުނާ ވައްކަމުގެ މައްސަލަތަކެވެ. ޓޫރިސްޓުންނާއި ދިވެހިން ވެސް ފުރަންގޮސް ކަންކަނުގަޔާއި ގޮނޑިތައް މަތީ ބަހައްޓާފައި ހުންނަ ދަބަސްތައް ހާވައި ވައްކަންތައް ކުރަމުންދާ ކަމަށް ބައެއް "އެއާޕޯޓް ރެޕުން" ބުނެ އެވެ.

ސާދަ އަހަރަށް ވުރެ ގިނަ ދުވަހު އެއާޕޯޓް ރެޕެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތަކުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ އެއާޕޯޓް ޓާމިނަލްގެ ތެރެއިން ވެސް ވައްކަންތައް ކުރާ ކަމަށެވެ. އަދި އެކަން ކުރެވެނީ ޓާމިނަލްގެ ސެކިއުރިޓީ މައްސަލަތަކުގެ ސަބަބުން ކަމަށާއި އެގޮތުން މުހިންމު ސަރަހައްދުތަކުގައި ކެމެރާ ހަރުކޮށްފައި ނުހުންނަ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ފެރީޓާމިނަލްތަކުގެ ސަރަހައްދުގައި ކެމަރާ ނުހުންނައިރު ޓޫރިސްޓުން އާންމުކޮށް ފޮށިތައް ބަހައްޓާ ސަރަހައްދުގައި ވެސް ކެމެރާތަކާއި ބަލަހައްޓާނެ މީހަކު ނުހުންނަ ކަމަށް އޭނާ ބުންޏެވެ.

"މިއީ އެއާޕޯޓެއް ކޮންމެ ފާހެއްގައި ވެސް އައިސްވަނަންވީ، އެއީ ރަނގަޅު ފާސްތޯ ނުވަތަ ނޫންތޯ ބަލާނެ މީހަކު ވެސް ނުހުރޭ ބޭނުން ގޮތަކަށް އައިސް މި ތަނަށް ވަދެވޭ، މިއީއެއް ނޫން ދެއްތޯ ކަންކަން އޮންނަން ޖެހޭ ގޮތަކީ،" ރެޕް ބުންޏެވެ.

އެއާޕޯޓެއްގައި ފަސިންޖަރުންނަށް އެންމެ ބޭނުންތެރި ދެ ސަރަހައްދުގައި ވެސް ވައްކަމުގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް އެތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނާ އިރު ދެންވެސް އޮތީ އެފަދަ އެހެން މައްސަލައެކެވެ. ދަތުރު ނިންމާލުމަށް ފޮށި ތަންމަތި ހިފައިގެން މާލެ އައުމުގެ ޔަގީންކަން ވެސް ނުލިބިފަ އެވެ.

ދާދި ފަހަކުން ލަންކާގައި އުޅެފައި ރާއްޖެ އައި އަލީ އާދަމް ނަމަކަށް ކިޔާ ދިވެއްސަކު ބުނި ގޮތުގައި އޭނާ ލަންކާއިން އަންނަމުން ތިން ފޮށި ގެނައި ކަމަށާއި ނަމަވެސް މާލެ އައިސް ބެލިއިރު ގެއަށް ގެންދަން ލިބުނީ ދެ ފޮށި ކަމަށެވެ. ތިން ފޮށި ވެސް ފެރީގެ ފަޅުވެރިންނާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. އަލީ ބުނި ގޮތުގައި އެ މައްސަލަ ވަރަށް ފަހަކުން އޭނާގެ އެހެން ރަހުމަތްތެރިއަކަށް ވެސް ވަނީ ދިމާވަފަ އެވެ.

"އެމީހުން ފޮށި އަރުވައިދެނީ، ދެން މާލެ އައިސް ފޮށި މަދުވެގެން ބުނީމަ ހަވާލެއް ނުވޭ، މިއީ ވަރަށް ބޮޑު ރޭވުމެއްގެ ދަށުން ކުރާ ކަމެއް، ކިހާބޮޑު ގެއްލުމެއް މިއީ،" އަލީ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލަގެޖް ގެއްލޭ މައްސަލަ ފެންމަތިވީ މީގެ ދެހަފްތާ ކުރިން ކަމަށާއި އާންމުކޮށް ދުވާލަކު އެއް މައްސަލަ ނުވަތަ ދެ މައްސަލަ ލަގެޖް ގެއްލިގެން ރިޕޯޓު ކުރަމުންދާ ކަމަށެވެ. އެ މައްސަލަތައް ހުއްޓުވުމަށް ކުރެވެން ހުރި މަސައްކަތްތައް ބަލަމުން އަންނަ އޭނާ ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް ޔަގީންކޮށް ދެންވިދާނެ ދިވެހިންގެ ފަރާތުން އެފަދަ މައްސަލަތައް ހުށަހަޅާކަން،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް ލަގެޖް ގެއްލެނީ މާލެ އަންނަ ހިސާބުން ކަމެއް ނުވަތަ ހުޅުލެއިން ކަމެއް އަދި ފާހަގަ ކުރެވިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އަދި ގިނައިން މައްސަލަ ރިޕޯޓު ކުރަނީ ދިވެހިން ކަމެއް ނުވަތަ ބިދޭސީން ކަމެއް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅެއް ނުވެ އެވެ.

ހުޅުލޭ އެއާޕޯޓުގައި ވައްކަންތައް ހިނގާ ކަމަށް ތުހުމަތުކުރެވޭ އިރު އެ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އޮފިޝަލަކު ވަނީ އެކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ސެކިއުރިޓީ އިން ބަލަހައްޓައި ބަލަމުންދާ ކަމަށެވެ. ހަމައެހެންމެ ސީސީޓީވީ ކެމަރާ ހަރުކުރަން ޖެހޭ ތަންތަނުގައި ކެމަރާ ހަރުކޮށް ބަލަހައްޓަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ރަނގަޅަށް ސެކިއުރިޓީ ދަނީ ބަލަހައްޓަމުން، ދެން ފޮށި އެއްޗެހި ގެއްލޭ ވާހަކަ ދައްކާއިރު އެ އެއްޗެހި ގެއްލިފައި އެބަހުރި ފެރީއަށް އެރުވުމުގެ ތެރެއިން ވެސް، ނޫނީ ފޮށި އަރުވާ ފެރީނޫން އެހެން ފެރީއަށް މީހާއަށް އެރިގެން ވެސް އެބަ ފޮށި ގެއްލޭ" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓްސް މުއައްޒަފުން "ވައްކަން ކުރާނެ ކަަމަށް ގަބޫލެއް ނުކުރެވޭ" ކަމަށާއި ސެކިއުރިޓީގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ސެކިއުރިޓީ ކަންކަން ރަނގަޅުވަމުންދާނެ ކަމަށް ވިދާޅުވި އެވެ.

ދާއިރާގައި އުޅޭ ގިނަ ފަރާތަކުން ބުނަނީ ފޮށި ފަޅާ ކަމަށެވެ. ވައްކަން ކުރާ ކަމަށެވެ. މީހުންގެ ފޮށި ތަންމަތި ރައްކާކުރަން އަޅާފައި ހުރި ފިޔަވަޅުތައް ދޯދިޔާ ވާހަކައެވެ. މިއީ ކުޑަ މައްސަލައެއް ނޫނެވެ. އެތައް ބަޔަކު އެތައް ބޭނުމެއްގައި މި ކުރާ ދަތުރުތަކުތައް "ފޭރޭ" މީހުންގެ އަތްމައްޗަށް ދިއުން ހުއްޓުވަންޖެހެ އެވެ. ޝަކުވާތަކަށް ބީރު ކަންފަތެއް ނުދޭށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް