ޖިންސީ އަނިޔާ އިން ދަރިން ސަލާމަތް ކުރުމުގައި އާއިލާގެ ދައުރު

އަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. ގައުމު ހިންގުމުގެ މުގުލުގައި ހިފަންތިބި ގައުމުގެ މޭސްތިރީންނެވެ. މައިންބަފައިންގެ ދެލޮލުގެ ފިނިކަމެވެ. ކޮންމެ ދަރިއަކީ ވެސް ގައުމުގައި ބޭނުންތެރި ދަރިއަކަށްވެ އެ ދަރިއެއްގެ ފަރާތުން މައިންބަފައިންގެ ހުރިހާ އުންމީދެއް ފުރިހަމަ ވާން ފެންބޮވައިގެފައި ތިބި އެތައް މަޔަކާއި ބަފައެއް އެބަ ތިއްބެވެ. ނަމަވެސް "ޖާހިލުކަމުގެ" ހިޔަނި އެޅިފައިވާ މި މުޖްތަމައުތަކުގައި ބޮޑެތިވަމުން އަންނަ އެ މައުސޫމު ކުދީން ވަނީ، ބިރުވެރި ކަމެއްގެ ތެރެއަށް ހުށަހެޅިފަ އެވެ. އެދުންވެރިކަމުން ފޯވެފައިތިބި ދަށު ދަރަޖައިގެ ބައެއްގެ ޖިންސީ ޝިކާރައަށް ވެފައި ވަނީ، އަޅުގަނޑުމެންގެ އެ ލޮބުވެތި ދަރީންނެވެ. އެތައް ވޭނަކާއި ބުރައަކަށް ފަހު ބޮޑުކުރާ ދަރިފުޅު މީހެއްގެ ޖިންސީ ޝިކާރައަކަށް ވާން ބޭނުންވާނީ ކާކުތޯ އެވެ؟

ކުޑަކުއްޖަކަށް ޖީންސީ ގޯނާކޮށްފިއޭ ބުނާ އަޑު ނީވޭ، ނުވަތަ އެފަދަ ވާހަކައެއް މީޑިއާގައި ނަމަވެސް ފެތުރިގެން ނުދާ ދުވަހެއް މިހާރަކަށް އައިސް މަދުވާނެ އެވެ. އެފަދަ ފަރާތްތައް ހައްޔަރުކޮށް ފުލުހުން އެ ކުށްވެރިންނާ މެދު ފިޔަވަޅު އަޅައެވެ. މައްސަލަ ވެސް ބަލައެވެ. ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫނެވެ. ކުށްވެރިޔާ ކުރީ ކިތަންމެހާ ވެސް ހަޑިހުތުރު އަދި ދަށު ދަރަޖައިގެ އަމަލެކެވެ. އޭގެ ސަބަބުން ލޮލުގެ ފިނިކަން ކަމުގައިވީ ދަރިފުޅުގެ ދިރިއުޅުން އަނދިރިގަނޑަކަށް ބަދަލުކޮށްލަ އެވެ. ނަމަވެސް ހިތާމައަކީ އެފަދަ އަމަލުތައް މަދުނުވެ އާންމުވަމުން އަންނަ ކަމެވެ.

ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާތަކުން އެކުދީން ރައްކާތެރިކޮށް އެފަދަ ކަންކަން ހުއްޓުވުމަށް މައިންބަފައިންގެ ފަރާތުން އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބައިތޯ އެވެ؟

"ގިނަ ފަހަރަށް ޖިންސީ ޝިކާރައަކަށް ވެފައި އޮންނަނީ ހެދި ބޮޑުވަމުން އަންނަ ފުރާވަރު އުމުރަށް އަޅާފައިވާ އަންހެން ކުދިން. އެހެންކަމުން އެފަދަ އަނިޔާ އިން ނުވަތަ ޖަރީމާތަކުން ދަރިން ސަލާމަތް ކުރުމުގައި މައިންގެ ރޯލު ވަރަށް ބޮޑުވާނެ. ދަރިފުޅު ބޮޑުވަމުން އަންނަ އިރު އާއިލާ އާއި އަދި އެހެނިހެން މީހުންނާ ވެސް އޮންނަ ގުޅުން މައިމީހާ ދަރިފުޅަށް ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ބޮޑުވަމުން އަންނަ އަންހެން ކުއްޖަކަށް އެކުއްޖާ ވާތީ،" އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ބޭފުޅަކު ވިދާޅުވި އެވެ.

އަންހެން ކުއްޖާ ބޮޑުވަމުން އަންނަ އިރު އެ ކުއްޖާ އާއި މައިމީހާ އަދި ބައްޕަ އާ ދެމެދު ރަނގަޅު ގުޅުމެއް ގާއިމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޮޑުވަމުން އަންނަ އަންހެން ކުއްޖާގެ ހަށިގަނޑުން ގާތްތިމާގެ އެހެން މީހަކަށް ވެސް "އަތްލެވެނީ ނުވަތަ ބެލެނީ ކޮން ތަނެއްކަން" މައިން އެކުދިންނަށް ކިޔާދޭން ޖެހެ އެވެ. އެފަދައިން އެކަން ނުގޮސްފި ނަމަ ކުއްޖާ އުޅޭ މާހައުލުން މީހަކު ކުއްޖާގެ ހަށިގަނޑުން ހިސާބެއްގައި އަތްލިޔަސް ނުވަތަ ފޮޓޯއެއް ނެގުން ފަދަ އަމަލެއް ހިންގި ކަމުގައި ވިޔަސް އެ ކުއްޖާ އަށް އެއީ ކިހާވަރެއްގެ ކަމެއްކަން ގިނަފަހަރު ނުވިސްނެ އެވެ.

"ކުއްޖާގެ ހަށިގަނޑަކީ ވެސް އެ ކުއްޖާގެ ހައްގެއް. އެ ހައްގު އެހެން މީހަކަށް ނިގުޅައެއް ނުގަނެވޭނެ. އެހެންވީމަ ކުއްޖާ ބޮޑުވަމުން އަންނަ އިރު އެ ކުއްޖާގެ ގައިގައި އަތްލެވެނީ ނުވަތަ ބެލެނީ ކޮންތަނެއް ކަން މައިން އެކުދިންނަށް ކިޔައިދޭން ޖެހޭނެ. ކޮންމެ ކުއްޖަކު ވެސް އެފަދަ އަނިޔާތަކުން ސަލާމަތް ކުރުމުގައި މައިންގެ ދައުރު ވަރަށް ބޮޑުވާނެ،" އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި ގޮތުގައި ކުއްޖާ ހެދިބޮޑުވަމުން އަންނަ އިރު އެ ކުއްޖާގެ ހެދުން އެޅުވުމުގައި ގެންގުޅޭ އުސޫލަކީ ވެސް އެއީ މުހިންމު ކަމެކެވެ. ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާކުރެވޭގޮތަށް ދަރިންގެ ހެދުން އެޅުވުމަކީ އެއީ މައިންގެ ޒިންމާއެކެވެ. ދީނީ ގޮތުން އެކަން އޮތްގޮތް ކިޔައިދޭން ޖެހޭ ކަމަށާއި އެހެން ވެއްޖެ ނަމަ ނިވާކުރަން ޖެހޭ ފަދަ ހިސާބެއްގައި މީހަކު އަތްލިޔަސް އެ އަތްލަނީ ރަނގަޅު ހިސާބެއްގައި ނޫންކަން ދަރިންނަށް ވިސްނި އެވާހަކަ އެއްވެސް ޖެހިލުމަކާ ނުލައި މައިމީހާ އަށް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި އާއިލާ މީހަކު ވެސް ނުވަތަ އެހެން މީހަކު ވެސް ކުޑަކުއްޖެއް އެމީހަކާ ގާތްވެ މަޖާކޮށް އުޅޭނަމަ އެއީ އޭގެ ނާޖާއިޒު ފައިދާ ނަގަންޖެހޭނެ ކަމެއް ނޫން. އެހެންވީމާ އެ އިތުބާރު މުޅި އާއިލާގެ ތެރޭގައި އުފައްދައި ކުއްޖާ އަށް އެފަދަ ކަމެއް ދިމާވެއްޖެ ނަމަ އެކަން ޖެހިލުމަކާ ނުލާ ހިއްސާކުރަން ކެރޭ ވަރަށް އާއިލާތެރޭގައި އިތުބާރު އުފައްދަން ޖެހޭ،" ޝިދާތާ ވިދާޅުވި އެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރުން ފަދަ އަމަލުތައް މިހާރަކަށް އައިސް އާންމުވާން ދިމާވާ އެއް ސަބަބެއްގެ ގޮތުގައި އެފަދަ ކުށްތައް ކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވުން ހިމެނޭކަމަށް ޝިދާތާ ފާހަގަކުރެއްވި އެވެ. އެގޮތުން އަނިޔާ ލިބޭ މީހާ އަށް އިންސާފު ލިބުމުގައި ދަތިކަން ހުރުމަކީ ވެސް އެފަދަ އަމަލުތައް އިތުރުވެ ކުށްކުރާ މީހާ އަލުން އެކަމުގައި މުޖުތަމައަށް ނުކުތުމަށް ދެވޭ ހިތްވަރެކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާގޮތުން، އާއިލާގެ މީހަކު ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގައިފި ނަމަ އެ ކުރީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ކުށްކުރި މީހާ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެފަދަ ކަމަކަށް އާއިލާގެ މެންބަރަކު ހިތްވަރު ދިނުމަކީ ވެސް ގާނޫނުގައި ބުނާގޮތުން ނަމަ ކުށަކަށްވާ އިރު އޭނާގެ އަދަބަކީ ވެސް 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

"އެފަދަ ކަންކަން ދިމާވާ ނަމަ އެއީ ކުއްޖާގެ މުޅި ދިރިއުޅުމަށް އެކަމުގެ އަސަރުކުރާނެ ކަމެއް. އެކުއްޖާ އަށް ނަފްސާނީ ގޮތުން އަސަރުކުރާނެ. ހެދި ބޮޑުވުމުގައި އޭނާއަށް ނޭދެވޭ އެތަކެއް ގެއްލުންތަކެއް ލިބޭނެ. މިސާލަކަށް ރުޅިގަދަވެ އެހެން މީހުންނަށް އަނިޔާ ކުރުންފަދަ ކަންކަން ދިމާވޭ. ކިޔެވުމަށް ބުރޫ އަރާ. އެހެންވެއްޖެ ނަމަ އޭގެ ސަބަބުން އެ ކުއްޖާގެ މުޅި ދިރިއުޅުމަށް އެކަމުގެ އަސަރުކުރާނެ،" ޝިދާތާ ވިދާޅުވި އެވެ.

ކޮންމެއަކަސް އެފަދަ އަނދިރިކަމަކަށް ދަރިފުޅު ވެއްޓުނަ ނުދީ ހިފެހެއްޓުމަކީ މުޅި އާއިލާގެ ބޮޑު މަސްއޫލިއްޔަތެކެވެ. ކުއްޖާއަކީ ހިތްހަމަޖެހިގެން އުފަލުގައި ބޮޑުވާ ކުއްޖަކަށް ހަދަންޖެހެ އެވެ. ދަރިފުޅު އުޅެނީ ކޮންތާކު ކޮންބަޔަކާ އެކީ ކަން އަދި ކުރަނީ ކީއްކަން ބަލަން ވާނެ އެވެ. މާދަމާގެ ގައުމުގެ މުގުލުގައި ހިފަން ތިބި ޒުވާނުންގެ މުޅި ދިރިއުޅުން ޅައުމުރުގައި އަނދިރި ވަޅުގަނޑަކަށް ވައްޓާލެވިއްޖެ ނަމަ ގައުމު ހަމަމަގަށް އަޅުވާނީ ކިހިނެއްތޯ އެވެ؟ އާއިލާގެ މެދުގައި އިތުބާރު އުފައްދާށެވެ. ކޮންމެފަހަރަކު ދަރިފުޅު ދަނީ ޓިއުޝަނަށޭ ބުނުމުން "އޯކޭ" ކޮށް ނުލާށެވެ. ފަހަރުގައި "މަދަރުސަތުލް ސަލްޓަންޕާކް"ގައި ވެސް އެބުނާ ޓިއުޝަނެއް ނަގަން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް