ސީނުކަރައިގެ ރައީސް ޝީ ޗިންޕިންގ އަކީ ކޮން ބޭފުޅެއް؟

ޝީ ޗިންޕިންގ އަކީ ސީނުގެ ރައީސް، އަދި އެ ގައުމުގެ ކޮމިޔުނިސްޓް ޕާޓީގެ ލީޑަރެވެ. ކުރިޔަށް އޮތް ދަހައިގައި، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގިޔާދަތު ބަލަހައްޓަވާނީ އޭނާއެވެ. ސީނުގެ ރައީސްކަމުގެ މަގާމާ އެކު، އޭނާއަކީ ދުނިޔޭގެ ދެވަނަޔަށް އެންމެ ބޮޑު އިގުތިސާދުގެ، އަދި އެންމެ ބޮޑު އެއް އަސްކަރީ ބާރުގެ ލީޑަރެވެ. އެހެންކަމުން، ޝީ ޗިންޕިންގ އަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ބާރުގަދަ ލީޑަރުންގެ ތެރެއިން އެއް ބޭފުޅެކެވެ.

15 ޖޫން 1953 ގައި، ސީނުގެ ވެރިރަށް ބެއިޖިންގ ގައި އުފަން ވެވަޑައިގަތް ޝީ ޗިންޕިންގ ސީނުކަރައިގެ ރިޔާސަތާ ހަވާލު ވެވަޑައިގަތީ 2013 ވަނަ އަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހުއެވެ. ވެރިކަމަށް ވަޑައިގެންފައި، ޝީ ވަނީ ސީނުން ކޮރަޕްޝަން ނެއްތައިލުމަށް ޓަކައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައި، ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާން ވައުދު ކުރައްވައިފައެވެ. "ޗައިނާ ޑްރީމް" ގެ ނަމުގައި އޭނާ ތައާރަފު ކުރައްވައިފައި ވާ އައު ސިޔާސަތެއްގައި އެކަށައެޅިފައި ވާ މައިގަނޑު ލަނޑުދަނޑިއަކީ، ސީނުގެ ރައްޔިތުން އައު ހޭލައިގަތުމަކުން ހޭލައިގަތުމުގެ ގޮވައިލެއްވުމެވެ. އޭނާގެ އަމާޒަކީ، ދުނިޔޭގެ ހަގީގީ ބޮޑުބާރަކަށް ސީނު ހެއްދެވުމެވެ.

އުމުރުފުޅުން 61 އަހަރު ވީ ޝީ ޗިންޕިންގ އަކީ ސީނުގެ ސިޔާސީ ވަރުގަދަ އާއިލާއަކުން ވަޑައިގަތް ބޭފުޅެކެވެ. އޭނާގެ ބައްޕާފުޅަކީ، ސީނުގެ ކޮމިޔުނިސްޓް އިންގިލާބުގެ ބަތަލުންގެ ތެރޭގައި ހިމެނިވަޑައިގަތް، އަދި ސީނުގެ ކޮމިޔުނިސްޓް ޕާޓީގެ ބާނީންގެ ތެރޭގައި ވެސް ހިމެނިވަޑައިގަތް އިންގިލާބީ ލީޑަރު ޝީ ޗޮންގޝުންއެވެ.

ޝީ ޗޮންގޝުނަކީ، އެއް އިރެއްގައި ސީނުގެ ސަރުކާރުގެ ރުޅި އާއި ނަފްރަތުގެ އަމާޒުފަތްގަނޑަކަށް ވެވަޑައިގަތް ބޭފުޅެކެވެ. އެގޮތުން، ސީނުގެ މަޝްހޫރު "ސަގާފީ އިންގިލާބު" ގެ ދުވަސްކޮޅެއް ކުރީން، 1962 ވަނަ އަހަރުގެ ތެރޭގައި، އޭނާ ސީނުގެ ބޮޑުވަޒީރުގެ ނާއިބުކަމުގެ މަގާމުން ވަކި ކުރެވި، އާޚިރުގައި ޖަލަށް ވެސް ލެވުނެވެ. އެއިރު އޭނާގެ ދަރިކަލުން ޝީ ޗިންޕިންގގެ އުމުރުފުޅަކީ 15 އަހަރެވެ. ބައްޕާފުޅު ޖަލަށް ލެވުމާ ގުޅިގެން، ޝީ ޗިންޕިންގ ބެއިޖިންގއިން ބޭރު ކުރެވި، ދިރިއުޅުއްވީ ރަށްފުށުގެ ކުޑަ އަވަށެއް ކަމަށް ވާ ލިއާންގޗިއާހޭގައެވެ.

ލިއާންގޗިއާހޭގެ ރަށްވެރިއަކު، ޝީ ޗިންޕިންގ ސިފަ ކޮށްފައި ވަނީ "ވަރަށް ތެދުވެރި އަދި އިޚްލާސްތެރި ކުއްޖެއް" ގެ ގޮތުގައެވެ. އޭނާގެ އުޅުއްވުން ހުރީ ވަރަށް އާދައިގެ ގޮތަކަށް، ސީދާސާދާކޮށެވެ. "އޭނާ އަކީ ހަމަ އަހަރެމެންގެ ތެރެއިން އެކެއް ކަހަލަ ބޭފުޅެއް. އެހެންވެ، ހުރިހާ އެންމެން ވެސް އޭނާޔާ ވަރަށް ގަޔާ ވޭ." އަވަށުގެ މީހާ ބީބީސީގެ ނޫސްވެރީންނަށް ކިޔައިދީފައި ވެއެވެ.

ޝީ ވިދާޅުވާ ގޮތުގައި، ލިއާންގޗިއާހޭގައި އުޅުއްވި ދުވަސްވަރަކީ، އަވަށްދާރުންގެ ކިބައިން، އޭނާއަށް ގިނަގުނަ ތަޖުރިބާތަކަކާއި ފިލާވަޅުތަކެއް ލިބިވަޑައިގަތް ދުވަސްވަރެކެވެ.

ޒުވާން އުމުރުފުޅަށް އެޅުމުން، ޝީ އަނެއްކާވެސް ބެއިޖިންގއަށް ވަޑައިގަތެވެ. އަދި ބެއިޖިންގގެ ސިންގހުއާ ޔުނިވަރުސިޓީގައި ކެމިކަލް އިންޖިނިއަރިންގގެ ދާއިރާއިން ކިޔަވައިވިދާޅުވިއެވެ. މި ޔުނިވަރުސިޓީއަކީ، ސީނުގެ އެންމެ މަތީ ފަންތީގެ ވަރަށް ގިނަ ލީޑަރުން އެ ޔުނިވަރުސިޓީއަކުން ތައުލީމު ހޯއްދެވި ޔުނިވަރުސިޓީއެކެވެ. ޝީ ޗިންޕިންގގެ ކުރީން ސީނުގެ ރައީސްކަން ކުރެއްވި ހޫ ޗިންޓާއޯ ވެސް ކިޔަވައިވިދާޅުވީ އެތަނުންނެވެ. ފަހުން، އޭނާ މާރކްސިސްޓް ފަލްސަފާއިން މަތީ ތައުލީމު ހާސިލު ކުރައްވައި، ޤާނޫނާއި ސިޔާސަތާއި އިދާރީ ހިންގުމާއި އިންގިލާބީ ތާރީޚު މި ދާއިރާތައް ހިމެނޭ "ޑޮކްޓަރ އޮފް ލޯވ" ފާސް ނެންގެވިއެވެ.

އެސޯޝިއޭޓެޑް ޕްރެހުގެ ނޫސްވެރީންގެ ރިޕޯޓުތައް ބުނާ ގޮތުގައި، ސީނުގެ ކޮމިޔުނިސްޓް ޕާޓީއާ ގުޅިވަޑައިގަންނަވާން ޝީ ނުވަ ފަހަރެއްގެ މަތީން އުޅުއްވައިގެން ވެސް، އެކަން އޮތީ ކާމިޔާބު ނުވެފައެވެ. އެއީ އޭނާގެ ބައްޕާފުޅާއި ޕާޓީގެ ޒައާމަތާ ދެމެދުގައި އެ ޖެހުނު މައްސަލަގަނޑުގެ ސަބަބުން، އޭނާއަށް ޕާޓީން ފުރުސަތު ދޭން، ލީޑަރުން ބޭނުން ނުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެންމެ ފަހުން، ޕާޓީގެ ދޮރުން އޭނާއަށް އެތެރެ ވެވަޑައިގެންނެވުނީ 1974 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ހަރަކާތްތެރި ވެވަޑައިގަތީ، ޕާޓީގެ ހިބެއި ފަރުވިންސުގެ ގޮފީގެ ސެކްރެޓަރީއެއްގެ މަގާމުގައެވެ. އޭގެ ފަހުން، ފުޗިއާން ފަރުވިންސާއި، ޝެޗިއާންގ ފަރުވިންސުގެ ގޮފިތަކުގައި، އެއަށްވުރެ މަތީ ފެންވަރުގެ މަގާމުތައް އަދާ ކުރެއްވިއެވެ.

2007 ވަނަ އަހަރު، ކޮމިއުނިސްޓް ޕާޓީގެ ޝެންގހާއީ ގޮފީގެ ލީޑަރު ޗެން ލިއާންގޔޫގެ މައްޗަށް ފަސާދައިގެ ތުހުމަތު ކުރެވި، އޭނާ މަގާމުން ދުރު ކުރެވުމާ ގުޅިގެން، އެ ގޮފީގެ ޒައާމަތު، ޝީގެ އަތްޕުޅަށް އެރުވުނެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޝީ އަށް ޕާޓީގެ "ސްޓޭންޑިންގ ކޮމިޓީ" ގެ މެންބަރުކަން ލިބިވަޑައިގެން، 2008 ވަނަ އަހަރު، ޕާޓީގެ ނާއިބު ރައީސްކަން ވެސް ލިބިވަޑައިގަތެވެ.

ޝީ އަކީ ވިޔަފާރީގެ ތަރައްގީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. އޭނާ ފުޗިއާނާއި ޝެޗިއާނުގައި ހުންނެވި އިރު، އެ ދެ ފަރުވިންސަށް ބޭރުގެ އިންވެސްޓްމަންޓުތައް ގެންދެވުމަށް ވަރަށް ބުރަ، އަދި ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

ޝީ އަކީ ސިޔާސީ ގޮތުން ވެސް، އައު ފިކުރުތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ. 2005 ވަނަ އަހަރުގެ ތެރޭގައި، މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި "ސަރުކާރުގެ ބާރުވެރިކަން މަހުދޫދު ވެފައި އޮންނާން ޖެހޭ" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ ސީނުގެ އިންގިލާބީ ކޮމިޔުނިޒަމުގެ ސަގާފީ ވިސްނުމާ ވަރަށް ޚިލާފު ވާހަކަފުޅެކެވެ. އިންގިލާބީ ކޮމިޔުނިޒަމުގެ އެއް ފިކުރަކީ، ސަރުކާރަކީ ހައްދެއް ނެތް ބާރުތަކެއް ލިބިގެން ވާ ފަރާތަކަށް ވުމުގެ ފިކުރެވެ. ޝީ ވިދާޅުވާ ގޮތުގައި، ގައުމަށް ދިމާ ވާ މައްސަލައެއް ހައްލު ކުރުމުގެ ގާބިލުކަން ސަރުކާރުގައި ނެތް ކަން އެނގި ފާޅު ވެ ސާބިތު ވެއްޖެ ކޮންމެ ހިނދެއްގައި، އެ މައްސަލައަކަށް ހައްލު ހޯދުމުގެ ބާރުވެރިކަން އަނބުރައި ރައްޔިތުންނާ ހަވާލު ކުރާން ޖެހެއެވެ.

ކޮމިޔުނިސްޓް ޕާޓީގެ ލީޑަރުކަމުގެ މަގާމު، ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ، ޝީ ހަވާލު ވެވަޑައިގަތީ 2012 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މަގާމާ ހަވާލު ވެވަޑައިގެންފައި، އޭނާ ދެއްވި ތަގުރީރާ އެކު ވެސް، އޭނާ އަކީ ސީނުގެ ކުރީގެ ލީޑަރުންނާ ތަފާތު ބޭފުޅެއް ކަމުގެ އަލާމާތް ފެނުނެވެ. އޭނާގެ ތަގުރީރު ފެއްޓެވީ، ހަމަޖެހިފައި އޮތް ގަޑިޔަށް ވުރެ ވަގުތުކޮޅެއް ލަހުންނެވެ. އޭނާ ތަގުރީރުގެ މަގާމަށް ހުއްޓިވަޑައިގަތީ، ހިނިމޫނުފުޅަކާއިގެންނެވެ. ތަގުރީރު ފައްޓަވަމުން، ވަގުތުކޮޅެއް ލަސް ވި ކަމަށް ޓަކައި މައާފަށް އެދި ވަޑައިގަތެވެ. މިއީ ސީނުގެ ކުރީގެ ލީޑަރުންގެ ފަރާތުން ފެނިފައި ވާ މުރަނަކަމާއި ހަރުކަށިކަމާ ވަރަށް ތަފާތު ކުލަވަރެކެވެ.

ޝީއާ މެދުގައި ބެލެވެނީ، ކޮރަޕްޝަނާއި ޚިޔާނާތަށް އެއްވެސް ކަހަލަ ޖާގައެއް ނުދެއްވާ، ޚިޔާނާތާއި ފަސާދަޔާ ދެކޮޅަށް ސޫތެއްގެ މިންވަރުން ވެސް ދޫ ނުދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ޕާޓީގެ ޒައާމަތުގައި ހުންނެވި އިރު ވެސް، އޭނާ ވަނީ ޚިޔާނާތާއި ފަސާދަޔާ ދެކޮޅަށް ވަރުގަދަ ސިޔާސަތުތަކެއް ގެންގުޅުއްވައިފައެވެ. "ޚިޔާނާތާއި، ފަސާދަ އާއި، ރިޝްވަތާއި، ރައްޔިތުންނާ ގުޅުން ކެނޑިފައި އޮތުމާއި، ހިސާބަށް ވުރެ ބުރަބޮޑު އިޖުރާއީ އިންތިޒާމުތަކާއި ބިއުރޯކްރެސީއަކީ އެ ކަންކަމާ ދެކޮޅަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާން ޖެހޭ ނުބައިތަކެއް" ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައި ވަނީ، ޚިޔާނާތާއި ފަސާދަޔާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގައި، "މަތީ ފަޑީގައި ތިބޭ މިނިކާވަގުތަކުން ފެށިގެން ދަށުފަޑިތަކުގައި ތިބޭ މެހިތަކަށް ދާނދެން" ހުރިހާ އެންމެންނާ ދެކޮޅަށް ސާބިތުކަން ދައްކަވާނެ ކަމަށެވެ. އޭނާ ސީނުގެ ލީޑަރުންނަށް އިންޒާރު ކުރައްވައިފައި ވަނީ، ކޮމިޔުނިސްޓް ޕާޓީގެ މެންބަރުންނަށް ޚާއްސަ އިނާޔަތްތަކެއް ލިބި، ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ ބައެއް ކަމަށް ވެގެން ހިނގައްޖެ ނަމަ، ކޮންމެވެސް ހިސާބަކުން ރައްޔިތުންގެ ތެރޭގައި ކުރަކިކަމާއި ފޫހިވެރިކަން އުފެދި، އެ ޝުއޫރުތައް ކެކިއަރާން ފަށާނެ ކަމަށެވެ.

ޝީ އޭނާގެ އަނބިކަނބަލުން ޕެންގ ލިޔުއާނާ ކައިވަނި ބައްލަވައިގަތީ 1987 ވަނަ އަހަރުއެވެ. އެކަމަނާ އަކީ ވެސް އާދަޔާ ޚިލާފު ޝަޚްސިއްޔަތެކެވެ. ސީނުގެ "ޕީޕަލްސް ލިބަރޭޝަން އާރމީ" ގެ މޭޖަރ ޖެނެރަލެއްގެ މަގާމުގައި ޚިދުމަތް ކުރެއްވި ޕެންގގެ ގާބިލިއްޔަތު ހުރީ އަސްކަރީ ދާއިރާގައި އެކަންޏެއް ނޫނެވެ. އެކަމަނާ އަކީ އެއް އިރެއްގައި ސީނުގެ އެންމެ މަގުބޫލު ފޯލކް ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނިވަޑައިގަތް، ނުހަނު ކުޅަދާނަ ފަންނާނެކެވެ. ހަމައެހައިމެ މަގުބޫލު މުމައްސިލާއެކެވެ. ސީނުގައި އެންމެ ގިނަ ބަޔަކު ބަލާ ޓީވީ ޕްރޮގްރާމު ކަމަށް ވާ "ޗައިނީޒް ނިއު ޔަރ ގާލާ" ގައި ތަކުރާރުކޮށް ފެންނަ މޫނުފުޅެކެވެ. ސީނުގައި ފުރަތަމަ ފަހަރަށް ބޭއްވުނު "ޗައިނީޒް އާރޓްސް އެވޯރޑްސް" ގައި، އެވޯޑު ހާސިލު ކުރެއްވި 23 ފަންނާނުންގެ ތެރޭގައި ވެސް އެކަމަނާ ހިމެނިވަޑައިގަތެވެ. ހަގީގަތުގައި، 2013 ވަނަ އަހަރު، ޝީއަށް ސީނުގެ ރައީސްކަން ލިބިވަޑައިގަތުމުގެ ކުރީން، ސީނުގެ ރައްޔިތުންގެ މެދުގައި ބޮޑަށް މަޝްހޫރީ ވެސް ޕެންގއެވެ.

ޝީ އާއި ޕެންގއަށް ލިބިވަޑައިގެންފައި ވަނީ އެންމެ ބޭފުޅެކެވެ. ދަރިކަނބަލެކެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެކަމަނާ މިހާރު ހުންނެވީ މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ޓަކައި، އެމެރިކާގެ ހާރވަރޑް ޔުނިވަރުސިޓީގައެވެ.

ރައީސްކަމާ ހަވާލު ވެވަޑައިގަތުމަށް ފަހު، ޝީ ސީނުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ ރަޝިޔާއަށާއި، އެފްރިކާގެ ޓެންޒޭނިޔާ އާއި ދެކުނު އެފްރިކާ އާއި ރިޕަބްލިކް އޮފް ކޮންގޯއަށެވެ. އެ ދަތުރުފުޅުގައި އޭނާ އެފްރިކާ ސިފަ ކުރައްވައިފައި ވަނީ "އުއްމީދާއި ފުރުސަތުގެ ބައްރު" ގެ ގޮތުގައެވެ. މިފަދަ އިބާރާތްތަކާ އެކު، ޝީ ފާހަގަ ކުރެވެނީ، ޅެންވެރި ދޫފުޅެއްގެ ވެސް ވެރިއެއްގެ ގޮތުގައެވެ. ދިވެހިރާއްޖެއަށް އޭނާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ކުރީން، ސަން އޮންލައިންގައި އިނގިރޭސި ބަހުން ޝާއިއު ކުރެއްވި ލިޔުމުގައި ވިދާޅުވެފައި ވަނީ، "ރާއްޖެއާއި ސީނުގެ އެކުވެރިކަމާއި ރަހުމަތްތެރިކަމުގެ ނައު، ގަދަ ވަޔާއި ބާރު އޮއިވަރުގެ ތަހައްދީތައް ފަތަހަ ކުރަމުން، މާކަނޑަށް ނުކުމެފައި ވާ" ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް